މޯލްޑިވްސް މީޑިއާ ކައުންސިލަށް މީޑިއާތައް ތަމްސީލު ކުރުމަށް 7 މެންބަރުންނާއި އާންމުންގެ ތެރެއިން 6 މެންބަރަކު އިންތިހާބު ކޮށްފިއެވެ.

އެމްއެމްސީން ބުނީ، މި އިންތިހާބުގައި މީޑިއާތައް ތަމްސީލު ކުރުމަށް 10 ފަރާތެއް އަދި ކައުންސިލްގައި ހިމެނޭ އާންމު މެންބަރު ކަމަށް 12 ފަރާތަކުން ކުރިމަތިލާފައިވާ ކަމަށެވެ.

އެ ގޮތުން މިއަދު ހެނދުނު ސޯޝަލް ސެންޓަރުގައި ކުރިއަށް ގެންދިޔަ އިންތިހާބުގެ ވޯޓުލުމުގެ ނަތީޖާ ދައްކާ ގޮތުން މީޑިއާތަކުން އެމްއެމްސީ އަށް އިންތިހާބުވި މެންބަރުންނަކީ އަހުމަދު އާޒިފު (ސަން އޮންލައިން)، މުހައްމަދު ސިމާއު (ވަން އޮންލައިން)، މުހައްމަދު އަފްރާހު (ތިލަދުން)، މޫސާ ރަޝީދު (މިހާރު)، ހުސެއިން ޝަރީފް (ވަގުތު)، އަހުމަދު މުސްތަފާ (ޕީއެސްއެމް) އަދި އަލީ ނިޝާން (އާފަތިސް އޮންލައިން) އެވެ. އާންމުންގެ ތެރެއިން އިންތިހާބުވި މެންބަރުންނަކީ އަރުމާން ރަޝީދު، އަހުމަދު ޝައްފާން، ފާތިމަތު ޝާޒްލީ، އަހުމަދު އަމީން އަހުމަދު، މުހައްމަދު ނަސީރު އަދި އަލީ ރަޝީދު އިބްރާހިމެވެ.

މީޑިއާ ކައުންސިލަށް މެންބަރުން ހޮވުމަށް މިއަދު ބޭއްވި އިންތިހާބަކީ މޯލްޑިވް މީޑިއާ ކައުންސިލްގައި މީޑިއާތައް ތަމްސީލް ކުރާ 7 މެންބަރަކާއި އާންމުންގެ ތެރެއިން މީޑިއާގައި ތިބި 6 މެންބަރެއްގެ ދައުރުގެ މުއްދަތު މި މަހުގެ 14 ވަނަ ދުވަހަށް ހަމަވާތީ އެމްއެމްސީގެ ގާނޫނުގެ 5 ވަނަ މާއްދާގެ ދަށުން މެންބަރުން އިންތިހާބު ކުރުމަށްޓަކައި ބޭއްވި އިންތިހާބެއް ކަމަށް އެމްއެމްސީން ބުނެއެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލްގެ މެންބަރުންގެ ދައުރުގެ މުއްދަތަކީ 2 އަހަރު ދުވަހެވެ.