އަފްޣާނިސްތާނުގެ ވެރިކަމަށް ތޯލިބާން މިފަަހަރު އައި ފަހުން ފުރަތަމަ ފަހަރަށް އާންމު ކޮށް މީހެއްގެ މައްޗަށް މަރުގެ އަދަބު ތަމްފީޒު ކޮށްފިއެވެ.

ތޯލިބާން ތަރުޖަމާން ޒަބީހުﷲ މުޖާހިދު ވިދާޅުވީ އެމީހާގެ މައްޗަށް މަރުގެ އަދަބު ތަންފީޒު ކުރީ 3 ފަހަރަށް ބަޑިޖަހައިގެން ކަމަށެވެ. އަދި އޭނާގެ ގަޔަށް ބަޑިޖެހީ، އޭނާ ކުށްވެރި ވި ހާދިސާގައި ހިމެނުނު މީހާގެ ބައްޕަ ލައްވައެވެ.

އަފްގާނިސްތާނުގެ ދެކުނު ބިތުގެ ރަށެއް ކަމުގައި ވާ ފަރާހް ގައި މަރުގެ އަދަބު ދިން އިރު އަފްގާންގެ އެކްޓިން އުއްތަމަ ފަނޑިޔާރާއި، ބޮޑުވަޒީރުގެ ނައިބާއި އެކްޓިން ދާހިލީ ވަޒީރާއި ފަރާހަށް ކަނޑައަޅާގައި ހުންނަވާ ގަވަރުނަރުގެ ނައިބުވެސް ހުންނެވިއެވެ.

އިއްޔެ މަރުގެ އަދަބު ދިން މީހާ އަކީ، 2017 ވަނަ އަހަރު މީހެއްގެ ގަޔަށް ވަޅި ހަރައި އޭނާ މަރާލުމަށް ފަހު ފޯނަކާއި ބައިސްކަލެއް ވަގަށް ނެގި މީހެއް ކަމަަށް ބުނެއެވެ.

އަފްގާނިސްތާނުގައި ކުރިން އޮތް ސަރުކާރު ވައްޓާލުމަށް ފަހު ތޯލިބާން ވެރިކަމާ ހަވާލުވެ، ސިޔާސަތުތަކަށް ގެންނަ ބަދަލުތަކުގެ ދަށުން ދާދި ފަހުން ވަނީ ގިނަ ބައެއްގެ ގައިގާ ހައްދުވެސް ޖަހާފައެވެ. އިއްޔެ މި މީހާ މަރާލި އިރު، އެގައުމުގެ ރޫހީ ލިޑަރު ވަނީ، ބައެއް ކުށްވެރިންގެ ފައިން ބައްލަވައި، އެމީހުންނަށް މަރުގެ އަދަބު ހައްގުވާ ކަމަށް އެގައުމުގެ ފަނޑިޔާރުންނަށް ދަންނަވާފައެވެ. އަދި އިސްލާމީ ޝަރީއަތާ އެއްގޮތަށް ހުކުމްތައް ތަންފީޒު ކުރުމަށް އޭނާ ވަނީ އިރުޝާދުވެސް ދެއްވާފައެވެ.

ތޯލިބާނުގެ އަތް ދަށަށް އަފްގާނިސްތާން ދިޔައީ ކުރިން އޮތް ސަރުކާރަށް މަދަދުވެރިވާން ތިބި އެމެރިކާ ސިފައިން 2021 ވަނަ އަހަރު ފޭބުމާއެކުގައެވެ. އެމެރިކާ ސިފައިން އަފްގާނިސްތާން ދޫކޮށް ދިޔައީ ތޯލިބާނުންގެ ވަަރުގަދަ ހަމަލާތަކުގެ ކުރިމަތީގައި ގޮތް ހުސްވެ ފޭބުން ނޫން ގޮތެއް ނެތިގެންނެވެ.

އިއްޔެ މަރުގެ އަދަބު ދިން މީހާގެ މައްޗަށް ހުކުމް ތަންފީޒު ކުރީ ކޯޓުގެ 3 މަރުހަލާވެސް ނިމިގެން ކަމަށް އިދާރާތާކުން މައުލޫމާތު ދެއެވެ.

މި ހާދިސާ އާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ކުށްވެރި ވި މީހާގެ އާއިލާއިން އެގައުމުގެ ޓީވީ، އާރްޓީއޭ ޕަސްތޯ ގައި ބުނީ، އޭނާ އަށް މާފު ކޮށްދޭން އެދި އޭނާގެ އާއިލާއިން އެތައް ފަހަރަކު އެދުނު ކަމަށާއި ނަމަވެސް މަރަށް މަރު ބޭނުން ވީ، އޭނާ ދޫކޮށްލައިފި ނަމަ ކޮންމެވެސް އެހެން މީހެއްގެ ދަރިއަރު މަރާފާނެ ކަމުގެ ބިިރު އޮތުމާއި އޭނާ މެރުމުން ދިރިތިބީންނަށް އިބުރަތަކަށް ވާނެތީ ކަމަށެވެ.