ސައުދީ އަރަބިއްޔާގެ ރަސްގެފާނެ ސަލްމާން ބިން އަބްދުލްއަޒީޒު އާލް ސުއޫދުގެ ދައުވަތަކަށް ޗައިނާގެ ރައީސް ޝީ ޖިންގްޕިން މާދަމާ އެގައުމަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.
މާދަމާއިން ފެށިގެން މިމަހުގެ 9 ވާ ހުކުރާ ހަމައަށް ސައުދީގައި ޝީ ހުންނަވާ އިރު މުހިންމު 2 ސަމިޓެއްގައި ބައިވެރިވެ ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.
އެއް ސަމިޓަކީ ސަލްމާން ރަސްގެފާނު ރިޔާސަތު ބަލަހައްޓަވާ އަދި ވަލީއަހުދު މުހައްމަދު ބިން ސަލްމާން އާއި ދެގައުމުގެ އިސްވެރިންގެ މެދުގައި ބާއްވާ "ޗައިނީސް-ސައުދީ ސަމިޓް" އެވެ. ދެވަނަ ސަމިޓަކީ އަރަބި 14 ގައުމެއްގެ ވެރިން ބައިވެރިވެ ވަޑައިގަންނަވާ ޑިވެލޮޕްމަންޓް ސަމިޓެކެވެ. މި ސަމިޓުގައި އިގުތިސޯދީ ދާއިރާއިންނާއި ތަރައްގީގެ ދާއިރާއިން ގައުމުތަކުގެ މެދުގައި މަޝްވަރާ ކުރާނެ ކަމަށް ސައުދީގެ ރަސްމީ ނޫސް އިދާރާ (ސައުދީ ޕްރެސް އެޖެންސީ) އިން ބުނެއެވެ.
ޝީ ގެ މި ދަތުރާ ގުޅެ ތަފްސީލުތައް މާ ބޮޑަށް ހާމަ ކޮށްފައި ނުވާ އިރު މި ދަތުރު ކުރައްވާކަން ވެސް މީގެ ކުރިން ރަސްމީކޮށް އާންމުކޮށް އިއުލާން ކޮށްފައެއް ނުވެއެވެ.
ޗައިނާގެ ރައީސް ސައުދީއަށް މި ވަޑައިގަންނަވާ ދަނޑިވަޅަކީ، މެދުއިރުމަތީގައި އެމެރިކާގެ އެންމެ ބޮޑު ބައިވެރިޔާ، ސައުދީ އާ މެދު ނުރުހިފައި އޮތް ދަނޑިވަޅެކެވެ. އެމެރިކާއިން ރުޅި އައީ، ރަޝިއާއިން ޔޫކްރައިން އަށް އަރާ ކުރަން ފެށި ހަނގުރާމަ އާ އެކު، ރަޝިއާއިން ޔޫރަޕަށް ތެލާއި ގޭސް ފޮނުވުން ހުއްޓާލި ދަނޑިވަޅުގައި، އޯޕެކް+ އިން ތެޔޮ އުފައްދާ މިންވަރު، ހުސްވި އޮކްޓޯބަރު މަހު ކޮށްޓްރޯލް ކުރުމުންނެވެ. އަދި އެކަމާ ގުޅިގެން ސައުދީ އާ އެކު އޮންނަ ގުޅުން މުރާޖައާ ކުރާނެ ކަމަށް ބުނެ އެމެރިކާއިން އިންޒާރުވެސް ދިނެވެ.
ޝީ، ސައުދީއަށް މި ވަޑައިގަންނަވާ ދަނޑިވަޅަކީ، ޗައިނާގައި ކޮވިޑް ޒީރޯ ސިޔާސަތާ ހެދި އާންމުންގެ ކެތްތެރިކަން ކޮޅުންލައި މަގުތަކަށް ނުކުމެ މުޒާހަރާ ކުރަމުން ދާ ދަނޑިވަޅެކެވެ. މި ފާއިތުވި ހަފްތާގައި އެ ސިޔާސަތަށް ކުޑަ ލުޔެއް ދިން ނަމަވެސް ޒީރޯ ސިޔާސަތު ދެމި އެބަ އޮތެވެ. މިވަގުތަށް ދިން ލުޔަކީ، ގޭގޭގައި ތިބޭ މީހުން ޕީސީއާރު ހަދަން ނުޖެހުމާއި، މަސައްކަތަށް އޮފީސް ވެހިކަލް ތަކުގައި ދަތުރު ކުރާ މީހުންނަށް އިރުއިރު ކޮޅާ ޕީސީއާރު ހަދަން ނުޖެހުން ފަދަ ލުއިތަކެކެވެ.
އެމެރިކާ އެންމެ ރުޅި އަންނަ އަދި އެންމެ ވާދަވެރި ޗައިނާގެ ރައީސް ޝީ، ސައުދީއަށް ވަޑައިގަތުމަކީ އެމެރިކާ އަށް ހަޖަމް ކުރަން ދަތިކަމަކަށް ވާނެ ކަމަށް މުރާސިލުން ބުނެއެވެ. އެމެރިކާ އާއި ހުޅަނގުގެ ޕްރެޝަރާ އެކުވެސް ޔޫކްރައިން ހަނގުރާމައިގައި ވަކި އަތަކަށް އަރަން ދެގައުމުން ވެސް ދެކޮޅު ހަދާފައި ވާއިރު ޝީ ގެ މި ދަތުރުގައި ދެގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ވަރުގަދަވެގެން ދާނެ ކަމަށް ވެސް ބުނެއެވެ. އަދި ދެގައުމުގެ ދެމެދުގައި ވިޔަފާރީގެ ގިނަ އެއްބަސްވުންތަކެއް ހަދާނެ ކަމަށްވެސް މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.