މިޝަން ފޯ މައިގްރެންޓް ވޯކާސް މޯލްޑިވްސްއިން ބާއްވާ 2 ވަނަ މައިގްރެންޓް ވޯކާސް ކްރިކެޓް ކާނިވަލް ނިންމާލައިފިއެވެ.
އެމްއެމްޑަބްލިއުއެމް އިން އުރީދޫ މޯލްޑިވްސްއާ ގުޅިގެން މި އަހަރުގެ ކްރިކެޓް ކާނިވަލްގައި ހެލްތު ކޭމްޕަކާއި ލީގަލް އެވޭރެންސް ކޭމްޕެއް ވެސް ހިމަނާފައިވެއެވެ.
ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ފަރާތުން ކުރިއަށް ގެންދިޔަ 20 ޓީމު ބައިވެރިވި ކްރިކެޓް މުބާރާތް ކާމިޔާބުކުރީ ފްރެންޑްސް ކްލަބް ބަންގްލަދޭޝް، ޔުނިޓީ ކްރިކެޓް ކްލަބާ ދެކޮޅަށް ކުޅުނު ފޯރިގަދަ ފައިނަލް މެޗަކުންނެވެ. އަދި މުބާރާތުގެ އެންމެ މޮޅު ބެޓަރާއި ފީލްޑާ އަދި ބޯލަރަށް ވެސް އެވޯޑްވެސް ވަނީ ދީފައެވެ.
އެކުވެނީ ކްރިކެޓް ދަނޑުގައި ބޭއްވި ނިންމުމުގެ ރަސްމިއްޔާތުގައި އެވޯޑްތައް ހަވާލުކޮށްދެއްވީ ޑިމޮކްރެޓިކް ސޯޝަލިސްޓް ރިޕަބްލިކް އޮފް ސްރީލަންކާގެ ހައިކޮމިޝަނަރު، އޭއެމްޖޭ ސާދިގާއި ޕާކިސްތާނުގެ ހައިކޮމިޝަނަރު ހައިކޮމިޝަނަރު ވައިސް އެޑްމިރަލް މުހައްމަދު ފަޔާޒާއި ހައިކޮމިޝަނަރު އޮފް ދަ ޕީޕަލްސް ރިޕަބްލިކް އޮފް ބަންގްލަދޭޝް ރިއާ އެޑްމިރަލް އަބުލް ކަލާމް އަޒާދާއި އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު އަދި އުރީދޫގެ ޑިރެކްޓަރު އޮފް ސޭލްސް އެންޑް ޑިސްޓްރިބިއުޝަން، ސަޗިން ސަރްނާގެ އިތުރުން ޕާޓްނާ އޯގަނައިޒޭޝަންތަކުގެ މަންދޫބުން ކަމަށް އުރީދޫއިން ބުނެއެވެ.
އެމްއެމްޑަބްލިއުއެމްއިން ވަނީ މި އަހަރުގެ ކްރިކެޓް ކާނިވަލް ވެސް ކުރިއަށް ގެންދިއުމުގައި މައި ޕާޓްނަރު އުރީދޫއިން ދެއްވި ބޮޑު އެއްބާރުލުމަކަށް ފާހަގަކޮށް ޝުކުރު އަދާކޮށްފައެވެ. އަދި ބިދޭސީ މަސައްކަތްތެރިންނަށް ކްރިކެޓް މުބާރާތް ކުރިއަށް ގެންދިއުމުގައި ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ފަރާތުން ލިބުނު ހާއްސަ އެހީތެރިކަންވެސް އެމްއެމްޑަބްލިއުއެމްއިން ފާހަގަކުރެއެވެ.
މި ކާނިވާލަކީ އަހަރަކު އެއްފަހަރު ބިދޭސީ މަސައްކަތްތެރިން ކުޅިވަރުގައި ބައިވެރިކޮށް، ބިދޭސީ މަސައްކަތްތެރިންގެ ބޮޑު އާބާދީއަކާ ހަމައަށް ވާސިލްވުމަށް ޕްލެޓްފޯމެއްގެ ގޮތުގައި ބޭނުންކޮށްގެން ހޭލުންތެރިކަން އިތުރުކޮށ ބޭނުންވާ އެކިއެކި ހިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ބާއްވާ ކާނިވަލެކެވެ.