ޒަމާނީ ފެންވަރަކަށް އަމީނީމަގު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތަށް، އަމީނީމަގުން ބައެއް ބަންދުކޮށްފިއެވެ.
އަމީނީމަގުގައި ތާރު އަޅައި ޒަމާނީ ފެންވަރަކަށް އެ މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތް ފަށާފައި ވަނީ މިދިޔަ އޮގަސްޓް މަސް ނިމުނު ހިސާބުގައެވެ.
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ އެ މަސައްކަތް ހަވާލުކުރީ 84 މިލިއަން ރުފިޔާ އަށް، 210 ދުވަހުގެ ތެރޭގައި (ހަތް މަސް ދުވަހުގެ ތެރޭގައި) އެ މަޝްރޫއުގެ މަސައްކަތްތައް ނިންމާ ގޮތަށެވެ.
ނަމަވެސް ތިން މަސް ވެގެން ދިޔައިރު، ފުރަތަމަ ސެގްމަންޓުގައި ތާރު އެޅުމުގެ މަސައްކަތް ކުރުމަށް މަގު އެއްވަރުކޮށްފައި އޮއްވާ މަސައްކަތް ހުއްޓި ގިނަ ދުވަސްވެފައި ވުމުން އެ ސަރަހައްދުގައި ވަނީ އަޑިގުޑަން ހެދިފައެވެ. އެކަމާ ގުޅިގެން މިދިޔަ ނޮވެމްބަރު 22 ގައި ނެރުނު ބަޔާނެއްގައި އާރުޑީސީން ބުނީ މަސައްކަތް ހުއްޓާލާފައި ވަނީ ޕްލޭނިން މިނިސްޓްރީގެ އެދުމުގެ މަތިން ކަމަށެވެ.
އަދި އެ މަޝްރޫއުގެ މަސައްކަތްތައް ކުރިއަށް ގެންދަނީ ޕްލޭނާ އެއްގޮތަށް ކަމަށާއި، މަސައްކަތްތައް މަޑުޖައްސާލާފައި ވަނީ އެމްޑަބްލިއުއެސްސީން ފޯރުކޮށްދެމުންދާ ހިދުމަތްތައް އަޕްގްރޭޑް ކުރުމަށް ފޯރުކޮށްދޭން ޖެހޭ ވަސީލަތްތައް ފޯރުކޮށްދީފައި ނުވާތީ ކަމަށް ވެސް އެ ކޯޕަރޭޝަނުން ނެރުނު އެ ބަޔާނުގައި ބުންޏެވެ.
އެއަށްފަހު، އަމީނީމަގުގެ މަސައްކަތް އާރުޑީސީން އަލުން ފަށާފައި ވަނީ މިދިޔަ ހޮނިހިރު ދުވަހުގައެވެ. ހޮނިހިރު ދުވަހު ދެވަނަ ސެގްމަންޓުގެ މަސައްކަތް ފެށުމަށް ފަހު އާރުޑީީސީން ބުނީ އަމީނީމަގުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި އިރުދޭމާ ހިނގުމުން ކަލާފާނު ހިނގުމާ ހަމައަށް އަމީނީމަގުން ބައެއް ވަގުތީގޮތުން ބަންދުކޮށްފައިވާ ކަމަށެވެ. އެއީ ދަރުބާރުގެ ކައިރިން ފެށިގެން ކަލާފާނު ސްކޫލާ ހަމައަށް އޮންނަ ސަރަހައްދެވެ.
މިދިޔަ އޮގަސްޓު މަސް ނިމެނިކޮށް ފެށި އެ މަޝްރޫއަށް 84 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އާރުޑީސީން ބުންޏެވެ.
އަމީނީމަގު ހެދުމުގެ މަސައްކަތް ކުރާނީ އެ މަގުގައި ހުރި ގަސްތައް ނުކަނޑައިވާނެ ގޮތަކަށް ކަމަށް އާރުޑީސީން ބުނި ނަމަވެސް، އެ މަގު ހެދުމަށްޓަކައި ގަސް ކެނޑި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތްޕުޅުން ކޯޓަށް މައްސަލައެއް ހުށަހަޅުއްވާފައިވެއެވެ. އަދި އާންމުން ވެސް އާރުޑީސީ އަށް ފާޑުކިޔާފައިވެއެވެ. އެކަމަކު ގަސްތައް ކަނޑަނީ އިތުރު އެހެން ގޮތެއް ނެތިގެން ކަމަށް، ފާޑުކިއުންތަކަށް ރައްދުދީ ނެރުނު ބަޔާނެއްގައި އެ ކޯޕަރޭޝަނުން އޭރު ބުންޏެވެ.
ގާތްގަނޑަކަށް 1.7 ކިލޯމީޓަރުގެ ދިގުމިނެއް އޮންނަ އަމީނީމަގު ޒަމާނީ ފެންވަރަކަށް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން އެ މަގުގައި އެއްކޮށް ތާރު އަޅައި، ފެން ހިންދާ ނިޒާމެއް ގާއިމްކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.