ހދ. މަކުނުދޫ ސްކޫލްގެ ފުޓްބޯޅަ މުބާރާތުން އެތައް ބައެއްގެ ސަމާލުކަން ލިބުނު އުމުރުން ހަތް އަހަރުގެ ޝަވަން މުހައްމަދަށް ކުޅިވަރު ކުޅުމަށް ރަނިން ބްލޭޑެއް ހަމަޖައްސައި ދީފިއެވެ.

ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފު ވިދާޅުވީ ބައިނަލްއަގްވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް ފާހަގަކުރެވިގެން ދާއިރު މިއަދު ލިބިގެންދާ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ޝަވަން އަަށް ރަނިގް ބްލޭޑް ހަމަޖައްސާ ދެވުން ކަމަށެވެ.

ޝަވަން އަށް ކުޅިވަރު ކުޅުމަށް ބޭނުންވާ ރަނިން ބްލޭޑެއް ހަމަޖައްސައި ދީފައި ވަނީ ޔޫތު މިނިސްޓްރީ އިން ފަންޑު ކޮށްގެން ޕެރަލިމިކް ކޮމެޓީގެ އެހީތެރިކަމާއެކު ކަމަށް މަހުލޫފު ވިދާޅުވިއެވެ.

އަދި މި ފައި ޖެހުމަށް ޝަވަން ވަރަށް އަވަހަށް އިންޑިއާއަށް ފުރާނެ ކަމަށާއި އެ ފައި ޖަހައިގެން ދުވަން ދަސް ކުރަން ޓްރެއިނިން ހަދާނެ ކަމަށް ވެސް މަހްލޫފު ވިދަޅުވިއެވެ.

ރާއްޖޭގެ ފުރަތަމަ ރަނިން ބްލޭޑް އެތުލީޓަށް އިރާދަކުރެއްވިއްޔާ ދެންއޮތީ އިންޑިއާގައި ފަރިތަކުރުން.
ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފު

ޝަވަންއަށް ދުވަން ހާއްސަ ރަނިން ބްލޭޑެއް ލިބުނުއިރު، އެންސްޕާއިން ޝަވަންއަށް ޕްރޮސްތެޓިކް ފަަޔެއް ޖަހައިދޭނެ ވަނީ ނިންމާފައެވެ.

އެންސްޕާއިން ވަނީ ޝަވަންގެ ފައިގެ މިންތައް ވެސް ނަގާފައެވެ. އަދި ވީހާވެސް އަވަހަކަށް ފައި ޖެހުމުގެ ކަންކަން ކުރިއަށް ދާނެ ކަމަށް އެންސްޕާއިން ބުނެފައިވާ ކަމަށް އޭނާގެ މަންމަ ބުނެއެވެ.

މަކުނުދޫ ސްކޫލުގައި މިދިޔަ މަހު ފެށި އިންޓަ ހައުސް ފުޓްބޯޅަ މުބާރާތުގައި، ދުވެލި ހައުސްގެ 41 ނަމްބަރު ކުޅުންތެރިޔާ ޝަވަން ކުޅޭ މަންޒަރު ވަނީ ސޯޝަލް މީޑިއާގައި ވައިރަލް ވެފައެވެ.

ޝަވަންގެ ކުޅުން ފެނި ގިނަ ބަޔަކު ހައިރާން ވެފައި ވަނީ އެއްފައި ނެތް ނަމަވެސް އެއް ފައި މައްޗަށް ހުރެ ދަނޑުމަތީގައި ދެކޮޅަށް އޭނާ ކޮރަމުން ދެއްކި ކުޅުން ފެނި، ފުޓްބޯޅަ މެޗުގައި ޝަވަން ދެއްކި ހިތްވަރަށް އެތައް ބަޔަކު ވަނީ ތައުރީފް ކޮށްފައެވެ.