ވެރިފަރާތަށް ނޭނގި އޭނާގެ އެކައުންޓުން އެހެން އެކައުންޓަކަށް 180،000ރ އަށް ވުރެ ބޮޑު އަދަދެއް ޖަމާކުރި ކަމުގެ ތުހުމަތުގައި މީހަކު ހޯދަން ފަށައިފިއެވެ.

ތުހުމަތުކުރެވޭ މީހާގެ ފޮޓޯ އާންމުކޮށް ކުރި އިއުލާނެއްގައި ފުލުހުން ބުނީ، އެ މީހަކީ ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ކުރަމުންދާ ތަހްގީގަކަށް ހޯދަމުންދާ މީހެއް ކަމަށެވެ.

ނަމަވެސް އޭނާ އަކީ ކާކުކަން ދެނެގަނެވިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.

އެހެންކަމުން އޭނާ އާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ، ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުގެ ނަންބަރަށް (9790048) ގުޅައި މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އެދެއެވެ.

އޮންލައިންކޮށް ކުރާ މިފަދަ ކުށްތައް އިތުރުވެފައިވާއިރު، ސްކޭމް ކޯލްތަކާއި އެކި ލިންކްތައް ފޮނުވައި އޮޅުވާލައިގެން އެކައުންޓްތަކުން ފައިސާ ނަގަމުންދާ މައްސަލަތައް ވެސް ވަނީ އިތުރުވެފައެވެ. ފުލުހުންނާއި ކަމާބެހޭ އިދާރާތަކުން ވަނީ އެފަދަ މެސެޖުތަކަށާއި ކޯލްތަކަށް ސަމާލުވުމަށް އެދިފައެވެ.