ނިމިދިޔަ ހަފްތާގައި ޕަލަސްތީނުގެ 10 މީހަކު ޝަހީދު ކޮށްލުމަށް ފަހު މިއަދު އަލިވިލިގެން އައީ އިޒްރޭލުގެ ހަނގުރާމަ މަތީ ބޯޓުތަކުން ގައްޒާއަށް ބޮން އަޅަނިކޮށެވެ.

އިޒްރޭލުން ބުނީ، ބޮން އެޅީ، ހަމާސް އިން ހަތިޔާރު އުފައްދާ ތަނަކަށާއި ބިމު އަޑީގެ ޓަނަލަކަށް (މަގަކަށް) ކަމަށެވެ. އަދި އެއީ އިލްޒޭލުގެ ދެކުނު ސަރަހައްދަކަށް ރޮކެޓެއް ވެއްޓުމާ ގުޅިގެން ދިން ހަމަލާއެއް ކަމަށް ވެސް ބުނެއެވެ.

އަދި އެ ހަމަލާގެ ބޭނުމަކީ، ހަމާސްގެ ބާރު ނައްތާލުން ކަމަށާއި އިޒްރޭލާ ދެކޮޅަށް ތެދުވުމުގެ ގާބިލުކަން ނެތިކޮށްލުން ކަމަށްވެސް ބުނެފައި ވެއެވެ.

އިޒްރޭލުން އެ ބުނާ ރޮކެޓް ހަމަލާގެ ޒިންމާ އެއްވެސް ޖަމާއަތަކުން މިހާތަނަށް އުފުލާފައި ނުވާ އިރު އެ ރޮކެޓް ވެއްޓުނު ކަމަށް ވަނީ، އިޒްރޭލާއި ގައްޒާ ގުޅޭ އިމުގައި ޖަހާފައި ހުރި ފެންސް ކައިރިއަށެވެ. މިއީ މީހަކު ނޫޅޭ ހުސް ތަނެއް ކަމަށާއި އެކަމުގެ ސަބަބުން އެއްވެސް އެއްޗަކަށް ގެއްލުމެއް ނުވާ ކަމަށް ވެސް ބުނެއެވެ.

އިޒްރޭލުން ރޭ ބޮން އަޅާފައި މިވަނީ ހުކުރު ދުވަހު، ރޯމާ ދުވާލުގެ ވަގުތުގައި ފަލަސްތީނުގެ ޒުވާނަކު ޝަހީދު ކޮށްލުމާ ގުޅިގެން، ފަލަސްތީނުގައި އިޒްރޭލާ ދެކޮޅަށް އަޑުއުފުލައި އިޒްރޭލާ ދެކޮޅު ހަރަކާތްތައް ވަރުގަދަ ކުރަން ޝިއާރުތައް ފާޅުކުރަމުން ދަނިކޮށެވެ.

މި ހާދިސާ އާ ގުޅިގެން ފަލަސްތީނުގެ ފޮރިން މިނިސްޓްރީން ބުނީ، މިއީ ގަސްތުގައި ރާވައިގެން މީހަކު މަރާލުމާ އެއްފަދަ ކަމެއް ކަމަށެވެ. މިއާއެކު ފަލަސްތީނުގެ އެކްޓިވިސްޓުންނާއި ސޯޝަލްމީޑިއާގައި ހަރަކާތްތެރިވާ ފަރާތްތަކުން ދަނީ "ހުވާރާ އެގްޒެކިއުޝަން" ގެ ނަމުގައި ހޭޝްޓެގެއް ހަދާ، އިޒްރޭލާ ދެކޮޅު ހަރަކާތްތައް ފުޅާކޮށް ހިންގަމުންނެވެ.

ހުސްވި ހަފްތާގައި 10 މީހަކު ޝަހީދު ކޮށްލުމުގެ އިތުރުން ހުކުރު ދުވަހު، އެ ޒުވާނާ ޝަހީދު ކޮށްލި ހާދިސާ އާ ގުޅިގެން ޔޫރަޕިއަން ޔޫނިއަނުން ވެސް ވަނީ ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި އިޒްރޭލުގެ އެ އުދުވާން ކުށްވެރި ނުކުރި ނަމަވެސް ބުނެފައި ވަނީ، އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި ތަހުގީގުކޮށް ޒިންމާ ކުރުވަން ޖެހޭ ކަމަށެވެ. އަދި މިހާދިސާތަކުގެ ސަބަބުން އިޒްރޭލާއި ފަލަސްތީނުގެ މަސްރަހު ވަޒަން ކޮށްލެވޭ ކަމަށާއި ބައިނަލްއަގުވާމީ ހަމަތަކާއި ގާނޫނުތަކުން، ބާރުގެ ބޭނުން ކުރެވޭނީ، ޖާނާއި ފުރާނައަށް ނުރައްކަލެއް އޮންނަ ހާލަތެއްގައި އެކަނި ކަމަށެވެ.

އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް މި ހިންގާ އުދުވާނަކީ 2005 ގެ އިންތިފާޟާ އަށް ފަހު އެންމެ ގެއްލުން ބޮޑު އަދި އެންމެ ގިނަ ބައެއްގެ ފުރާނަ ގެއްލި ދިޔަ އުދުވާނެއެވެ. ހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ މިހާތަނަށް ފަލަސްތީނުގެ 207 މީހަކު އިޒްރޭލުން ވަނީ ޝަހީދު ކޮށްލާފައެވެ.

އިޒްރޭލުން ރޯމާ ދުވާލު އުދުވާން ހިންގާ އިރު، އެ މަައްސަލަ އދ ގެ ސަލާމަތީ މަޖިލީހުގައި އެތައް ފަހަރަކު ބަހުސްކޮށް އެތައް ގަރާރެއް ފާސްކޮށްފައި ވީ ނަމަވެސް އެމެރިކާއިން ވީޓޯ ޕަވާ (ވީޓޯ ކުރުމުގެ ބާރު) ބޭނުންކޮށް އެ ހުރިހާ ގަރާރެއް ވަނީ ހުއްޓުވާފައެވެ.