ރަޝިއާއިން ތެޔޮ ގަންނާނެ އެންމެ ބޮޑު އަގަކީ ފީފާ އަކަށް 60 ޑޮލަރު ކަމުގައި، އީޔޫ އާއި ޖީ7ގެ ގައުމުތަކާއި އޮސްޓްރޭލިއާއިން ނިންމުމާއެކު، ޔޫރަޕަށް ތެޔޮ ދިނުން ހުއްޓާލަން ރަޝިއާއިން ނިންމައިފިއެވެ.

ރަޝިއާގެ ފޮރިން މިނިސްޓްރީގެ އޮފިޝަލް އަދި ބައިނަލްއަގުވާމީ ޖަމާއަތްތަކަށް ރަޝިއާއިން ކަނޑައަޅާފައި ހުންނަވާ މަންދޫބު މިޚައިލް އުލްޔަނޯވް ވިދާޅުވީ، ޔޫރަޕުން ތެލުގެ އަގު ކޮންޓްރޯލް ކުރުމާއެކު ދެން ޔޫރަޕް އުޅެން ޖެހޭނީ ރަޝިއާގެ ތެލާ ނުލައި ކަމަށެވެ.

އޭނާ ވިދާޅުވީ، ތެޔޮ ގަންނަ އަގު ކޮންޓްރޯލް ކުރާ އެއްވެސް ގައުމަކަށް ތެޔޮ ނުދޭނެ ކަމަށް މީގެ ކުރިންވެސް ބުނެފައި ވާނެ ކަމަށާާއި، ދެން ޔޫރަޕުން ބުނަން ފަށާނީ ރަޝިއާއިން ހަޔިތާރެއްގެ ގޮތުގައި ތެޔޮ ބޭނުން ކުރަނީ ކަމަށެވެ.

މި މޭރުމުން ވާހަކަ ދައްކަވަމުން ކްރެމްލިންގެ ތަރުޖަމާން ޑިމިޓްރީ ޕެސްކޯވް ވިދާޅުވީ، ޔޫރަޕުން ތެލުގެ އަގު ކޮންޓްރޯލް ކުރި މައްސަލަ ދިރާސާ ކުރަމުން ގެންދަވާ ކަމަށާއި، އެކަން އަންނާނެކަން އެނގި މާކުރިން ރަޝިއާ ތައްޔާރުވަމުން ދާ ކަމަށެވެ.

ރަޝިއާއިން އިތުރަށް ބުނީ، ޔޫރަޕުން ބުނާހާ އަގެއްގައި ތެޔޮ ނުވިއްކާނެ ކަމަށާއި ޔޫރަޕްގެ އެ އަމަލަކީ ބައިނަލްއަގުވާމީ ފްރީ ޓްރޭޑް ސިޔާސަތާވެސް ހިލާފު އަމަލެއް ކަމަށެވެ. އަދި އާ ބަޔަރުން ހޯދުމުގެ މަސައްކަތް ކުރަމުން ދާ ކަމަށާއި އެހެން ގޮތްތައް ހޯދާ ރަޝިއާގެ ތެޔޮ ހަމަ އަގުގައި ވިއްކާނެ ކަމަށެވެ.

ރަޝިއާގެ ތެލުގެ އަގު ޔޫރަޕުން ކޮންޓްރޯލް ކުރުމާއެކު ރަޝިއާއަށް 2 ބިލިއަން ޑޮލަރުގެ ގެއްލުމެއް ވާނެއެވެ. ރަޝިއާ އަކީ، ޔޫރަޕަށް ބޭނުންވާ ތެލާއި ގޭހުގެ މައި ސަޕްލަޔަރެވެ. އެވްރެޖްކޮށް ޔޫރަޕްގެ 24 ޕަސެންޓް މިދިޔަ އަހަރު ހިއްސާ ކުރީ ރަޝިއާއިންނެވެ. ނަމަވެސް ޔޫކްރައިން ހަނގުރާމަ އާ ގުޅުވައި ޔޫރަޕުން ރަޝިއާ އާ ދެކޮޅަށް އަޅަމުން ދިޔަ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރޭގައި ގޭސް ބޭނުން ކުރުން ހުއްޓާލުން ހިމެނެއެވެ. ރަޝިއާއިން ޔޫރަޕަށް ގޭސް ފޮނުވާ 2 ހޮޅި ގޮވާ ބޮޑެތި ގެއްލުންތަކެއް ލިބިފައި ވުމުން މިހާރު އެ ހޮޅިތައް ހުރީ ބަންދު ވެސް ކޮށްފައެވެ.

އެ ހާލަތުގައި ޔޫރަޕް ގޭހަށް ޖެހި، ފިނި މޫސުން އައި އިރު ގިނަ ބަޔަކު ހޫނު ކުރެވޭނެ ގޮތެއް ނެތިފައި ތިއްބާ ޕޮލެންޑްގައި އެޅި ގޭސް ހޮޅިއަކުން ޔޫރަޕަށް ބޭނުންވާ މަދު މިންވަރެއްގެ ގޭސް ފޯރުކޮށްދެމުން ދެއެވެ. އަދި މިހާރު ޔޫރަޕުން މަސައްކަތް ކުރަނީ އެފްރިކާ އާއި ގަތަރުން ގޭސް ހޯދުމައެވެ. އެގޮތުން ޖަރުމަނުން މިހާރު ވަނީ ގަތަރާއެކު 15 އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިވެސް ކޮށްފައެވެ.