ރާޑަރަށް ނާރާ، ސްޓެލްތް (ރާޑަރަށް ނާރާ ހަނގުރާމަ މަތީ މަތިންދާބޯޓު) ގެ ވާހަކަ މީގެ ކުރިން އަހާފައި ވާނެއެވެ. އަދި އަސްކަރީ ކުޅަދާނަކަން ދައްކާލައި ބައެއް ފިލްމުތަކުގައިވެސް މި ބްރޭންޑްގެ ބޯޓު ފެންނާނެއެވެ.
އެމެރިކާއިން ތަރައްގީ ގޮތް އަސްކަރީ ހިދުމަތަށް މި ނެރޭ އާ ސްޓެލްތަކީ މީގެ ކުރިން ބޭނުން ކުރި ދެ ސްޓެލްތަށް ވުރެ ބޮޑުތަނުން އެޑްވާންސް އަދި ނިއުކްލިއާ ހަތިޔާރުން ހަމަލާ ދިނުމުގެ ގާބިލްކަން ހިމަނާ ތަރައްގީ ކުރި ސްޓެލްތެކެވެ.
30 އަހަރުގެ މަސައްކަތުން ތަރައްގީ ކުރި މި ސްޓެލްތުގައި ނިއުކްލިއާ ބޮން އެޅުމުގެ ގާބިލުކަމުގެ އިތުރުން އެހެން ހަތިޔާރު ބޭނުން ކުރުމުގެ ގާބިލުކަންވެސް ވަނީ ހިމަނާފައެވެ. އަދި އަލަށް އުފައްދާން ގަސްދުކޮށްފައި ވާ އާ ހަތިޔާރުވެސް ބޭނުން ކުރެވޭނެ ކަމަށް ބޯޓު ހަދަމުންދާ ކުންފުނި ނޯތްރޮޕް ގްރަމަންސް އިން ވަނީ ބުނެފައެވެ.
ބީ21 ރެއިޑާގެ ނަމުން ނަންދީފައިވާ މި ސްޓެލްތް ދައްކާލުމަށް ހުކުރުދުވަހު ކެލިފޯނިއާގައި ބޭއްވި ރަސްމިއްޔާތެއްގައި އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ލޮއިޑް އޮސްޓިން ވިދާޅުވީ، މިއީ އެމެރިކާގެ އަސްކަރީ ގާބިލުކަމަށް ހުޝިޔާރު ކަމާއި އުފެއްދުންތެރި ކަމުން އިތުރު އެޓްވާންޓޭޖް ތަކެއް ލިބޭނެ ފެށުމެއް ކަމަށެވެ.
700 މިލިއަން ޑޮލަރުގެ އަގު ހުރި މީގެ 6 ބޯޓު މިހާރު ހަދަމުން ދާ އިރު، ކުރިއަށް އޮތް ތާނގައި މި މަރުކާގެ 100 ބޯޓު ހަމަކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، މިވަގުތު އެކިއެކި އަސްކަރިއްޔާތަކުގައި ބޭނުން ކުރާ އެންމެ އެޑްވާންސް އެއާ ޑިފެންސް ސިސްޓަމް ތަކަށްވެސް މި ސްޓެލްތް ދެނެގަތުމުގައި ގޮންޖެހުންތައް ހުންނާނެ ކަމަށާއި މިއީ އިންގިލާބީ ބަދަލަކަށް ވާނެ ކަމަށެވެ.
މި ސްޓެލްތް ފަރުވާކޮށްފައި ވަނީ ޕައިލެޓަކާ ނުލައިވެސް އުދުއްސޭ ގޮތަށް ނަމަވެސް މިވަގުތު އުދުހޭނީ ޕައިލެޓުން ތިބެގެން ކަމަށް އެމެރިކާގެ އަސްކަރިއްޔާ އިން ބުނެއެވެ.
މި ބޯޓާ ގުޅޭ މާ ގިނަ ތަފްސީލުތަކެއް ހާމަކޮށްފައި ނުވިޔަސް މީގައި ބޭނުން ކޮށްފައި ހުންނާނީ އެންމެ ޒަމާނީ ޓެކްނޮލޮޖީކަމަށް ބޯޓު އުފެއްދި ކުންފުނިން ބުނެފައި ވެއެވެ.
މި ބޯޓާ ގުޅޭ ގޮތުން، ވާދަވެރި ގައުމުތަކުން އަދި އެއްޗެއް ބުނެފައެއް ނުވެއެވެ.