މެލިސާ ހައިސްމިތު ނަމަކަށް ކިޔާ މި އަންހެނާ ކިޑްނެޕް ކުރީ 1971 ވަނަ އަހަރު އޭނާގެ ބޭބީ ސިޓާއެވެ. ދެމީހުންގެ މަންމަ އާއި ބައްޕަ ވަޒީފާ އަށް ދިޔައީ ދެދަރިން ބަލަން މީހަކު ގެނެއްސައެވެ. ނަމަވެސް 1971 ވަނަ އަހަރު އޮގަސްޓު މަހުގެ 23 ވަނަ ދުވަހު ބޭބީ ސިޓާ އޭނާ ކިޑްނެޕް ކޮށްގެން ގެންދިޔައެވެ. އެއީ މެލިސާ އަށް ދެ އަހަރު ވީތަނާ އެވެ.

ފުލުހުންގެ ސަމާލުކަމަށް އެ މައްސަލަ ގެނައުމުން ފުލުހުން ވަނީ އެ މައްސަލަ ތަހުގީގު ކޮށްފައެވެ. ނަމަވެސް ބޭބީ ސިޓާ ވީނުވީ އެއް ނޭނގި ގެއްލުމުގެ ސަބަބުން މައްސަލަ އިތުރަށް ތަހުގީގު ކުރެވޭ ގޮތެއް ނުވިއެވެ. ނަމަވެސް އޭގެ 51 އަހަރުފަހުން އޭނާގެ އާއިލާ އިން ވަނީ މެލިސާ ހޯދާފައެވެ. މެލިސާ ހޯދީ ޑީއެންއޭ މެޗު ކޮށްގެންނެވެ.

މެލިސާ ވަގަށް ނަގައިގެން ގެންގޮސް މެލިސާގެ ނަން މެލަނީ އަށް ބަދަލުކޮށް ބޭބީ ސިޓާ ގެންގުޅުނެވެ. މެލިސާ ބޭރުގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ބުނީ އޭނާ ބަލައި ބޮޑު ކުރީ އޭނާގެ އަސްލު މައިންބަފައިން ނޫންކަމެއް ނޭނގޭ ކަމަށާއި އަދި އެއީ ވަގަށް ނަގައިގެން ގެންގޮސް ގެންގުޅުނު ކުއްޖެއްކަން ވެސް އޭނާ އަށް ނޭނގޭ ކަމަށެވެ.

މެލިސާ ބުނީ އޭނާގެ އަސްލު ބައްޕަ އެއްދުވަހު މެސެންޖާ އިން މެސެޖުކޮށް ތިއީ އޭނާގެ ދަރި ކަމަށް ބުނިކަމަށާއި އެވަގުތު ހީކުރީ ބަޔަކު މީހުން ސަކަރާތް ޖަހަނީ ކަމަށެވެ.

އެ ހިސާބުން މެލުސާ އޭނާގެ ދައްތަ އަދި އާއިލާ އާ ބައްދަލު ކުރިއެވެ.