ކުޅުދުއްފުށި ސިޓީގައި 165 ރޯހައުސް އިމާރާތްކޮށް، އެ ތަންތަން އެ ސިޓީގެ ކައުންސިލާ ހަވާލުކޮށްފިއެވެ.

ރޭ ކުޅުދުއްފުށީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ސިޓީގައި އިމާރާތްކުރި ރޯހައުސްތައް ހަވާލުކޮށްދެއްވީ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމެވެ.

ކުޅުދުއްފުށްޓަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމުގެ ގޮތުން، އެ ސިޓީގައި ރޯހައުސް އިމާރާތްކުރުމުގެ މަޝްރޫއު ފަށާފައި ވަނީ 2011 ވަނަ އަހަރުގައެވެ. ނަމަވެސް އެ މަޝްރޫއުގެ މަސައްކަތްތައް ކުރިއަށް ނުގޮސް ފަހުން ވަނީ މެދުކެނޑިފައެވެ.

ހައުސިން މިނިސްޓްރީން ބުނީ، އެ މަޝްރޫއުގެ މަސައްކަތްތައް ނިންމުމަށް މިދިޔަ އަހަރުގެ ބަޖެޓުގައި ހިމަނައި، މިދިޔަ އަހަރުގެ އޭޕްރިލް މަހު އެ މަޝްރޫއު ދޮންބޭޒް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރި ކަމަށެވެ.

އެ ތަންތަނުގެ މަސައްކަތް ނިމި، މިދިޔަ ހަފްތާގައި ރޯހައުސްތަކަށް މީހުން ވައްދާފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.