މޯލްޑިވްސް ޕޮލިސް ސާވިސްގެ އައްޑޫ ރީޖަނަލް ހެޑްކުއާޓަރު އިމާރާތް ކުރާނެ ބަޔަކު ހޯދަން އިއުލާނު ކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީ އިއުލާނެއްގައި ބުނީ، މި މަސައްކަތަށް ބިޑު ހުށަހެޅުމުގެ ފުރުސަތު އެ ކަމަށް ޝަރުތުހަމަވާ ފަރާތްތަކަށް ހުޅުވާލާފައިވާ ކަމަށެވެ.

މި މަސައްކަތަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން (އެންސީބީ) އުސޫލާ އެއްގޮތަށް ކަމަށް އިއުލާނުގައި ބުނެއެވެ.

މިނިސްޓްރީން ބުނީ، މި ބީލަމުގައި ބައިވެރިވުމަށް 500 ރުފިޔާ ގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހޭނެ ކަމަށެވެ.

އެ އިއުލާނުގައި އިތުރަށް ބުނީ، މި މަސައްކަތާއި ބެހޭ ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯމެޓުގައި މިނިސްޓްރީގެ ވެބްސައިޓުން މިއަދުން ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށެވެ. އަދި މިބިޑާ ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މައުލޫމާތުތަށް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބިޑަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެއް ކަމަށް މިނިސްޓްރީން ބުނެއެވެ.

މި ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީގެ ގޮތުގައި 200,000 ރުފިޔާ ހުށަހަޅަން ޖެހޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން ބުނީ، ބިޑުތައް ހުޅުވުން އޮންނާނީ މިމަހު 13 ވަނަ ދުވަސް ވާ އަންގާރަ ދުވަހުގެ 11:00 ގައި މިމިނިސްޓްރީގެ ނެޝަނަލް ޓެންޑާގެ ޖަލްސާކުރާ މާލަމުގައި ކަމަށެވެ.