ގައުމީ ބޭންކް، ބީއެމްއެލަށް ދިގު މުއްދަތަކަށް ހިދުމަތްކުރި 68 މުވައްޒަފެއްގެ އަގުވަޒަންކޮށް އެވޯޑު ދީފިއެވެ.

ބީއެމްއެލުން ރޭ ބޭއްވި ހަފްލާއެއްގައި ވަނީ 15 އަހަރުން ފެށިގެން 40 އަހަރަށް ވުރެ ގިނަ ދުވަސްވަންދެން ބޭންކަށް ހިދުމަތް ކޮށްދިން މުވައްޒަފުންގެ އަގުވަޒަންކޮށް އެ މުވައްޒަފުންނަށް އެވޯޑު ދީފައެވެ.

އޭގެ ތެރެއިން ވެސް ހަތަރު މުވައްޒަފަކަށް ހާއްސަ އެވޯޑެއް ބޭންކުން ދީފައިވެއެވެ. އެ ހަތަރު މުވައްޒަފުންނަކީ:

  • މަރިޔަމް ނޫރައްދީން (ޑެޕިއުޓީ ސީއީއޯ) - 40 އަހަރު
  • ފާތިމަތު މަނިކެ (ޑިވެލޮޕްމަންޓް ބޭންކިން ޑައިރެކްޓަރު) - 40 އަހަރު
  • މޫސާ މުހައްމަދު (ސީނިއާ ފެސިލިޓީސް އޮފިސަރު) - 40 އަހަރު
  • ފިރާގް އަހްމަދު (ސީނިއާ ރިކޮންސިލިއޭޝަން އޮފިސަރު) - 35 އަހަރު

ޖުމްލަ 68 މުވައްޒަފަކަށް އެވޯޑު ހަވާލުކުރެއްވުމަށް ފަހު ދެއްކެވި ވާހަކައިގައި ބީއެމްއެލްގެ ސީއީއޯ ކާލް ސްޓުމްކަ ވަނީ، މި އަހަރުގެ އެންމެ ކުރިއަރާފައިވާ ބޭންކުގެ ގޮތުގައި ބީއެމްއެލް ދެމެހެއްޓުމަށް މުވައްޒަފުން ކުރި މަސައްކަތް ފާހަގަކުރައްވައި ޝުކުރު އަދާކުރައްވައިފައެވެ.

"މި ދާއިރާގައި ތިޔަ ބޭފުޅުން ހޯއްދަވާފައިވާ އިލްމާއި ތަޖުރިބާއަކީ ދެވަނަ އެއް ނުވާ ހިދުމަތެއް." ކާލް ވިދާޅުވިއެވެ.

ބީއެމްއެލުން ބުނީ، އެ ބޭންކުގައި މަސައްކަޔްކުރާ މުވައްޒަފުންގެ ތެރެއިން 99 ޕަސެންޓު މުވައްޒަފުންނަކީ ދިވެހިން ކަމަށެވެ. އަދި އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްތައް ދިރާސާކުރުމަށް ފަހު، މުވައްޒަފުންނާ ގުޅޭ ސިޔާސަތުތައް އެކުލަވާލަމުންދާ ކަމަށް، ބޭންކުން ބުންޏެވެ.