ގެއްލިގެން ހޯދަމުން ދިޔަ ހދ. ނޮޅިވަރަންފަރު / ނޫރަންވިލާ، ހުސައިން އާލިމް (31އ) ފެނިއްޖެ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ، އޭނާ ފެނުނީ މިރޭ 9:45 ހާއިރު ކަމަށާއި އޭނާ ފެނުނީ މާލެއިން ކަމަށެވެ. އަދި އޭނާގެ ހާލު ރަނގަޅު ކަމަށް ވެސް ފުލުހުން ބުނެއެވެ.

އޭނާ ގެއްލިގެން އެ އާއިލާއިން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިއަދު މެންދުރު ފަހު 2:45 ހާއިރެވެ. އާއިލާއާ ހަވާލާދީ ފުލުހުން ބުނީ، މި މަހު 23 ވަނަ ދުވަހުން ފެށިގެން ވީނުވީއެއް ނޭނގި އޭނާ ވަނީ ގެއްލިފައި ކަމަށެވެ. އަދި ގެއްލިގެން މިއަދު ފުލުހުންނަށް އެ އާއިލާއިން ރިޕޯޓް ކުރުމުން އޭނާ ހޯދުމަށް ފުލުހުން ވަނީ އޭނާގެ ފޮޓޯ އާއި މައުލޫމާތު އާންމު ކޮށްފައެވެ.

މި އަހަރަުތެރޭ ވެސް މީހުން ގެއްލިގެން މި ފަދައިން ރިޕޯޓްކޮށްފައިވާ ހާދިސާތައް އެބަހުއްޓެވެ. އެގޮތުން ގެއްލިގެން ހޯދަމުން ދިޔަ ޒުވާނެއް ދެ ހަފްތާ ފަހުން ވަނީ މަރުވެފައި އޮއްވާ ފެނިފައެވެ. އެ މައްސަލައިގައި އެ ޒުވާނާ ފެނުނު އިރު ފުލުހުން އެކަށީގެންވާ މިންވަރަށް އޭނާ ހޯދަން މަސައްކަތް ކޮށްފައި ނުވާ ކަަމށް ބުނެ ފުލުހުންނަށް ވަނީ ގިނަ ބައެއްގެ ފާޑުކިޔުން ވެސް އަމާޒުވެފައެވެ.