އިތުރު ހަމަލާއެއް އަތުވެދާނެ ކަމަށާއި އެއްވުން ނުބާއްވަން ސަރުކާރުން އިރުޝާދު ދީފައި ވަނިކޮށް، ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ހާން ބޭއްވި އެއްވުމުގައި ރާވަލްޕިންޑީގެ މައިދާން ފުރާލައިފިއެވެ.

އިމްރާންގެ ފޮޓޯ އާއި ދިދަތައް ހިފައިގެން ލަވަކިޔަމުން ސަޕޯޓުކުރަމުން ދިޔަ މީހުންނާ މުހާތަބް ކުރައްވާ އިމްރާން ވިދާޅުވީ، މަރަށް ބިރު ނުގަތުމަށެވެ.

ލާހޯރުގެ ލިބަޓީ ޗޯކުން ފަށައިގެން ވެރިރަށް އިސްލާމްއާބާދަށް ނިންމަން އިމްރާން ފެއްޓެވި ހިނގާލުމުގައި އޭނާއަށް ބަޑިން ހަމަލާ ދިނީ ވަރީރު އާބާދުގައި އޮތް އެއްވުމުގައެވެ. އެ އެއްވުމުގައި ތަގުރީރު ކުރެއްވުމަށް ފަހު ކާރަށް އަރާވަޑައިގަންނަވަނިކޮށް މީހަކު ދިން ބަޑީގެ ހަމަލާގައި އެއްވެ ތިބި މީހުންގެ ތެރެއިން އެކަކު މަރުވެ 10 ވަރަކަށް މީހުން ޒަހަމް ވި އިރު، އިމްރާންގެ ފަޔަށް ވަޒަން އެރިއެވެ. އެ ހަމަލާގެ ޒިންމާ، މިހާރުގެ ސަރުކާގެ ބޮލުގައި އިމްރާން އެޅުވި އިރު، ސަރުކާރުން ވަނީ އެކަން ދޮގު ކޮށްފައެވެ.

އެ ހާދިސާއަށް ފަހު މިއަދު ރާވަލްޕިންޑީގައި ބޭއްވި އެއްވުމުގައި ސަޕޯޓަރުން ނުކުމެ މަގުތައް ވަނީ ފުރާލާފައެވެ. އެއްވެ ތިބި ބައެއް މީހުން ބުނީ، އެމީހުން އެތަނަށް ދިޔައީ، ޕާކިސްތާނުގެ ރައްޔިތުންގެ ހައްގުގައި ވާހަކަ ދައްކަވާ ހަމައެކަނި ބޭފުޅަކީ އިމްރާން ކަމަށް ވާތީ ކަމަށާއި އެމީހުންނަށް އުއްމީދެއް ދެއްވާ ވެރިއަކީ އެއީ ކަމަށް ވާތީ ކަމަށެވެ.

އެއްވުމަށް އިމްރާން ވަޑައިގަތީ ވަގުތުކޮޅެއް ފަހުންނެވެ. އެއާއެކު އޭނާ ވިދާޅުވީ، އެއްވެ ތިބި މީހުންގެ ތެރޭގައި އޭނާއަށް ހަމަލާ ދޭން 3 މީހަކު ހަރަކާތްތެރިވާ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައި ވާ ކަމަށެވެ. ނަމަވެސް ބިރަށް ސިހި ދޫކޮށްލުމުން، ގައުމު އަޅުވެތިވުން ނޫން ކަމެއް ނުވާނެ ކަމަށާއި މަރަށް ބިރު ނުގަތުމަށެވެ.

ބައިވެރިންނާ މުހާތަބު ކުރައްކާ އިމްރާން އިތުރަށް ވިދާޅުވީ، ކޮރަޕްޝަނާއި ފަސާދަ ހިންގާ ބާރުގަދަ ފަރާތްތަކަށް ގާނޫނީ ފިޔަވަޅު އެޅުމުގައި އޭނާގެ ސަރުކާރުވެސް ފެއިލްވި ކަމަށެވެ.

މި އެއްވުމަށް ހުރަސް އެޅުމަށް ސަރުކާރުން ވަނީ ފުލުހުންނާއި ސިފައިން ނެރެ މަގުތައް ބްލޮކް ކޮށް ކުރިއަށް ނުދެވޭނެހެން ބަންދު ކޮށްފައެވެ. އަދި އެއްވުން ރޫޅާލުމަށް ދިޔައީ އަންގާ އިންޒާރުވެސް ދެމުންނެވެ.

ބޮޑުވަޒީރު ކަމުގައި ކުރިން ހުންނެވި އިމްރާން މަޖިލީހުން އިތުބާރު ނެތް ކަމަށް ނަގައި މަގާމުން ދުރުކުރީ މިއަހަރުގެ ފެންރުއަރީގައެވެ. އޭގެ ފަހުން، އޭނާގެ މައްޗަށް އިލެކްޝަނަށް އޮޅުވާލި ކަމުގެ ތުހުމަތު ކޮށް އިންތިހާބުތަކުގައި ބައިވެރި ނުވެވޭނެ ކަމަށް އެ ކޮމިޝަނުން ނިންމިއެވެ. އެކަމުގައި އިމްރާންގެ މައްސަލަ އަކަށް ވީ، އޭނާ ބޮޑުވަޒީރު ކަމުގައި ހުންނެވި އިރު ލިބިވަޑައިގެންނެވި ހަދިޔާއާއި އިންތިހާބުގެ ތެރޭގައި ލިބިވަޑައިގެންނެވި ހަދިޔާގެ ތަފްސީލު ހާމަ ކުރެއްވުމުގައި އޮޅުވާލުމުންނެވެ. އެކަމަށް އިއުތިރާފް ވަމުން އިމްރާން ވިދާޅުވެފައި ވަނީ ހުރިހާ ހަދިޔާއެއްގެ ސާފު މައުލޫމާތު ހާމަ ނުކުރެއްވީ، ބައެއް ހަދިޔާތަކަކީ ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ހަދިޔާކަމަށް ވާތީ ކަމަށެވެ.

އިމްރާންގެ ފަޔަށް ވަޒަން އަރާ ޒަހަމް ވުމުން ފަރުވާ އަށް ފަހު ވާހަކަ ދައްކަވަނީ

ޕާކިސްތާނުގެ ބޮޑެތި ހުރިހާ ސިޓީތަކެއްގައި އިމްރާން މިހާރު ބާއްވަވަނުން ގެންދަވާ ރެލީތަކުގެ ބޭނުމަކީ އަވަށް އިންތިހާބެއް ހޯއްދެވުމެވެ. ނަމަވެސް ސަރުކާރުން ބުނެފައި ވަނީ ކުރިންވެސް ނިންމާފައި ވާ ގޮތަށް އިންތިހާބު އޮންނާނީ އަންނަ އަހަރު ކަމަށެވެ.

ޕާކިސްތާނަކީ ސިޔާސީ ހަލަބޮލި އަދި ސިޔާސީ އެކި ހަރަކާތްތަކުގައި ޓެރަރިސްޓް ހަމަލާތައް ދިނުމުގައި ފާހަގަ ކޮށްލެވޭ ގައުމެކެވެ. އެގޮތުން ހިނގާފައިވާ އެފަދަ އެންމެ ބޮޑު އެއް ހާދިސާ އަކީ ކުރީގެ ބޮޑުވަޒީރު ބޭނަޒީރު ބުއްޓޫ، ރެލީއެއްގައި އުޅުއްވަނިކޮށް 2007 ގައި އޭނާ އަވަހާރަކޮށްލުމެވެ.