ޅ އަތޮޅުގައި ރާއްޖެ ޓްރާންސްޕޯޓް ލިންކް ގެ ދަތުރުތައް ފެށުމުގެ ގޮތުން މިހާރު ކުރިޔަށް ދާ "އަހުލުވެރި ކަމުގެ ދަތުރު" ގެ މުއްދަތު އިތުރުކޮށްފިއެވެ.

މި ހިދުމަތަށް އަހުލުވެރިކުރުމުގެ ދަތުރުތައް ޅ. އަތޮޅުގައި މި މަހުގެ 21 ވަނަ ދުވަހުން 28 ވަނަ ދުވަހަށް އަގު ނުނަގާ ކުރިއަށް ގެންދަން ނިންމި ނަމަވެސް ޕްލޭނިން މިނިސްޓްރީން މިއަދު ބުނީ އެ މުއްދަތު މިހާރު އިތުރުކޮށްފައިވާ ކަމަށެވެ.

އަގު ނަގައިގެން ދަތުރުތައް ފަށާ ތާރީހެއް އެ މިނިސްޓްރީއިން ހާމަކޮށްފައެއް ނުވެއެވެ.

ޅ އަތޮޅުގެ ދަތުރުތަކަށް ދެ ލޯންޗު އެ އަތޮޅަށް ގެންގޮސްފައި ވާއިރު ދަތުރުތައް ކުރަނީ ކައުންސިލްތަކުގައި ނަން ނޯޓު ކޮށްގެންނެވެ. އަދި އެ އަތޮޅު މަޑިވަރު އެއާޕޯޓަށް ވެސް އެ ފެރީ ދަތުރު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ސަރުކާރުން އާރުޓީއެލް ފެރީގެ ހިދުމަތް ފެށިފަހުން މިހާތަނަށް 85 ވަޒީފާ ވަނީ އުފައްދާފައެވެ. އާރުޓީއެލްގެ ފެރީ އާއި ބަހުގެ ހިދުމަތް އެއްކޮށްލުމުން މިހާތަނަށް 308 ވަޒީފާ ވަނީ އުފައްދާފައެވެ.