ލޯބިވެރިޔާގެ ފޯނަށް ގުޅުމާއެކު ފޯނަށް އަންހެނަކު ޖަވާބުދާރީ ވުމުން ރުޅިއައިސްގެން ގޮސް ލޯބިވެރިޔާގެ ގޭގައި އަލިފާން ރޯކޮށްލައިފިއެވެ.

ޓެކްސަސް ގައި އުޅޭ ސެނައިޑާ މަރީ ސޮޓޯ 23، ނަމަކަށް ކިޔާ މި އަންހެން މީހާ އޭނާގެ ލޯބިވެރިޔާގެ ފޯނަށް ގުޅީ މި މަހު 20 ވަނަ ދުވަހު ދަންވަރު ދޭއްޖެހި އިރުއެވެ. އެ ގަޑީގައި އަންހެނަކު ފޯނު ނެގުމުން ސެނައިޑާ ހީކުރީ އޭނާގެ ލޯބިވެރިޔާ އޭނާއަށް ބޭވަފާތެރި ވަނީ ކަމަށެވެ.

"ސެނައިޑާ އެގަޑީ ލޯބިވެރިޔާ އަށް ފޭސްޓައިމް ކުރި. ދެން އެހެން އަންހެނެއް ފޯނު ނެގީ. ވަގުތުން ސެނައިޑާ ދިޔައީ ލޯބިވެރިޔާ ގެއަށް. ގޮސް އެގޭ ސޯފާ ގައި ރޯކޮށްލީ،" މައްސަލަ ތަހުގީގު ކުރި ފުލުސް އޮފިސަރު ބުންޏެވެ.

ފުލުހުން ބުނީ ކުރި ތަހުގީގުން ހާމަވީ އެ އަންހެން މީހާ އަކީ ސެނައިޑާގެ ލޯބިވެރިޔާގެ އާއިލާ މީހެއް ކަމެވެ. އަދި ރޯވެފައިވާ އަލިފާންގަނޑު ސިޓިންރޫމްގެ ބޮޑު ބަޔަކަށް ފެތުރުނު ކަމަށާއި އެ މީހުންނަށް ލިބުނު ގެއްލުމުގެ އަދަދު 75،000 ޑޮލަރަށް އަރާ ކަމަށެވެ. ފުލުހުން ބުނީ ގޭގައި ރޯކޮށްލުމަށް ފަހު ސެނައިޑާ އޭނާގެ ލޯބިވެރިޔާ އަށް ފޭސްޓައިމް ކުރި ކަމަށާއި ފޭސްޓައިމް ކުރީ އެ ގޭގައި އޭނާ ރޯކޮށްލި ކަން ދައްކާލުމަށް ކަމަށެވެ.

މި މައްސަލަ އާ ގުޅިގެން ސެނައިޑާ މިހާރު ހައްޔަރުކޮށްފައި ވަނީ ހުއްދަ ނެތި މީހެއްގެ ގެއަށް ވަދެ އެ ގެއަށް ގެއްލުންދީ ރޯކޮށްލުމުގެ ސަބަބުންނެވެ.

މި ހާދިސާ ހިނގި އިރު ލޯބިވެރިޔާ ހުރި ތަނެއް ނޭނގެއެވެ.