މާޗް 20، 2015 ވަނަ ދުވަހުގެ ރޭ ލ. މުންޑޫ ނޫވިލު، އުމުރުން 29 އަހަރުގެ އަލީ ޒިޔަދަމްގެ މަރުގެ މައްސަލައިގައި އަންނަ މަހު ހުކުމްކުރަން ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.

އެ މައްސަލާގެ ހުލާސާ ބަޔާން މިހާރު އިއްވާފައިވާއިރު ހުކުމް ކުރުމުގެ ކުރީގައި ޝަރީއަތުން ސާފު ކުރަން ޖެހޭ ބައެއް ކަންކަން ސާފު ކުރުމުގެ ގޮތުން މިއަދު ވެސް ވަނީ އިތުރު އަޑުއެހުމެއް ބާއްވާފައެވެ.

މިއަދުގެ ޝަރީއަތުގެ އަޑުއެހުމުގައި ވަނީ އަންނަ މަހުގެ 4 ވަނަ ދުވަހުގެ ކުރިން އެ ކަންކަން ލިޔުމުން ކޯޓަށް ހުށަހެޅުމަށް ދިފާއީ ވަކީލުންނާއި ދައުލަތުގެ ވަކީލުންނަށް އަންގާ އަދި ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހު މައްސަލަ ނިންމުމަށް ބާއްވާ އަޑުއެހުން އޮންނާނެ ކަން ފާހަގަކޮށްފައެވެ.

މީގެ ކުރިން ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ސިއްރު ހެކިވެރިޔަކު ބުނީ ހެކިވެރިޔާއަށް ޒިޔަދަމް މަރާލާފައި އޮއްވާ ފެނުނީ ޒިޔަދަމްގެ ޅިޔަނުގެ ގޭގެ ބަދިގޭގެ ތެރެއިން ކަމަށާއި ސިއްހީ މަރުކަޒަށް ގެންދިޔައިރު ޒިޔަދަމް މަރާލިކަމަށް ތުހުމަތު ކުރެވޭ ލ. މުންޑޫ، ހީނާވިލާ މުހައްމަދު ޝަނޫންގެ ސޯޓާއި އަތުގައި ލޭ ހުރިތަން ފެނުނު ކަމަށެވެ.

އަލީ ޒިޔަދަމް، މުންޑޫ ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް އެތަނުން އޭނާ ބެލި ޑޮކްޓަރު ވަނީ ބުނެފައެވެ. އޭނާގެ ބޮލަށާއި ބުރަކަށީގެ އިތުރުން ފައިގެ ފަލަމަސްގަނޑަށް ތޫނު އެއްޗަކުން ހަމަލާދީފައިވުމުން ފުން ޒަހަމްތަކެއް ހުރި ކަމަށް އޭރު ޑޮކްޓަރު ވަނީ ބުނެފައެވެ.

2015 ވަނަ އަހަރުގެ މާޗް މަހުގެ 20 ވަނަ ދުވަހުގެ ރޭ 10:30 އެހާކަންހާއިރު މުންޑޫ ވަގުތީހިޔާގޭ ކައިރިން ޒިޔަދަމް ހިނގާފައި ދަނިކޮށް، ޝަނޫނާއި ސިފާމް ޒިޔަދަމްގެ ފަލަމަސްގަނޑަށް އަށް އިންޗި ހުންނަވަރުގެ ވަޅިއެއް ހަރާލާފައިވާ ކަމަށް ބުނެ ދައުލަތުން ގަސްތުގައި މީހަކު މެރުމުގެ ދައުވާ އުފުލާފައި ވަނީ ލ. މުންޑޫ، ހީނާވިލާ މުހައްމަދު ޝަނޫން އާއި ލ. މުންޑޫ، ބީޗްވިލާ އަލީ ސިފާމްގެ މައްޗަށެވެ.