ރައްޔިތުންގެ މަޖިލީހަށް މެންބަރުން ބަރާބަރަށް ހާޒިރުނުވާ މައްސަލައިގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ޖުމްލަ 87 މެންބަރުން ތިއްބަވައެވެ. އޭގެ ތެރެއިން ވެސް ޖަލްސާ ފެށޭއިރު ގިނަ ފަހަރަށް ހާޒިރުވަނީ 30 އަކަށް ނުވަތަ 25 އަކަށް މެންބަރުންނެވެ. ބައެއް މެންބަރުން ސަލާމުގައި ތިއްބަވާއިރު، މަދު މެންބަރުންތަކެއް މަޖިލިހަށް އެއްވެސް ވަރަކަށް ހާޒިރެއް ނުވެއެވެ.

މިކަމުގައި މެންބަރުންނަށް އާންމުންގެ ނުރުހުމާއި ފާޑުކިއުން ވެސް އެކި ފަހަރު މަތިން އަމާޒުވެފައިވެއެވެ.

މިއަދުގެ ޖަލްސާ ފެށުނުއިރު، ހާޒިރުވެ ތިއްބެވީ 22 މެންބަރުންނެވެ.

އެކަމާ މެދު ކަންބޮޑުވުން ފާޅުކުރައްވައި ނަޝީދު ވިދާޅުވީ، 22 މެންބަރުން މިއަދު ހާޒިރުވެފައި ވަނީ މިއަދުގެ ޖަލްސާ ފަށަން އޮތް ވަގުތު ފަހަނަހަޅައި ދިއުމަށް ފަހު، އަދި ރަނގަބީލު ޖެހުމަށް ފަހުގައި ކަމަށެވެ.

ނަޝީދު ފާހަގަކުރެއްވި ގޮތުގައި، ކޮންމެ މެންބަރަކަށް ވެސް ބޮޑު މުސާރަ ނަންގަވައެވެ. އަދި މުސާރައިގެ އިތުރުން ކޮމިޓީ އެލަވަންސް ވެސް ކޮންމެ މެންބަރަކު ނަންގަވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ކޮންމެ އިއްޒަތްތެރި މެންބަރަކަށް ވެސް އިންތިހާ އަށް މުސާރަ ލިބިވަޑައިގަންނަވާ. ކޮމިޓީ އެލަވަންސް އެހާމެ ގިނައިން ލިބިވަޑައިގަންނަވާ. މެންބަރެއްގެ މުސާރައިގެ ގޮތުގައި 80،000 އަށް ވުރެ ގިނަ ރުފިޔާ އެބަ ގެއަށް ގެންދަވާ،"

އަދި މެންބަރުން އިންތިހާބުވެފައި ތި ތިއްބަވަނީ ރައްޔިތުންގެ ވަކީލުންގެ ގޮތުގައި މިތަނުގައި ތަމްސީލުކުރުމަށް. މި ތަނަށް ވަޑައިނުގަންނަވާ ކަމީ ވަރަށް ބޮޑު ހިތާމައެއް." ނަޝީދު ވިދާޅުވިއެވެ.

މެންބަރުން ޖަލްސާތަކަށް ހާޒިރުވެވަޑައިނުގަންނަވާ މައްސަލަ ނަޝީދު ފާހަގަކުރެއްވި އިރު، އިއްޔެ ވެސް ޖަލްސާ ފެށިއިރު ތިއްބެވީ 28 މެންބަރުންނެވެ. އިއްޔެގެ ޖަލްސާގައި ވެސް ކޮމިޓީ ރިޕޯޓުތަކަށް ބަހުސްކުރައްވާނެ މެންބަރަކު ނެތުމުން، 50 މިނެޓު ފަހުން ޖަލްސާ ވަނީ މެދުކަނޑާލައިފައެވެ.