އިންޑިއާގެ ސޫތުކުޅި (ޓުޓިކޮރިން)ގެ "ކޯސްޓަލް މެކަނައިޒްޑް ސެއިލް ވެސަލް އޯނާސް އެސޯސިއޭޝަން" (ސީއެމްއެސްވީއޯއޭ)ގެ މަތީ ފެންވަރުގެ ވަފުދެއް މި މަހުގެ 20 ވަނަ ދުވަހު ރާއްޖެ އައިސްފިއެވެ.

ސީއެމްއެސްވީއޯ އޭގެ ފަރާތުން މި މަހުގެ 20 ވަނަ ދުވަހު ރާއްޖެ އައި ވަފުދުގައި ރާއްޖޭއަށް ސޫތުކުޅިން އާންމުގޮތެއްގައި ކާބޯތަކެއްޗާއި އެހެނިހެން މުދާ ގެންނަ އުޅަނދު ފަހަރުގެ ވެރިން ހިމެނޭއިރު އެ ޖަމިއްޔާ އަކީ 100 އަހަރަށް ވުރެ ދިގު ތާރީހެއް އޮތް ޖަމިއްޔާއެކެވެ. އަދި ސޫތުކުޅީގެ އުޅަނދު ފަހަރުތަކަކީ ޒަމާނުންސުރެ ރާއްޖެއަށް ކާބޯތަކެއްޗާއި އެހެނިހެން މުދާ ގެންނަ އުޅަނދު ފަހަރުކަން އެމްޕީއެލްއިން ފާހަގަކުރެއެވެ.

އެމްޕީއެލްއިން ބުނީ މި މަހުގެ 20 އިން 23 ވަނަ ދުވަހުގެ ނިޔަލަށް ސީއެމްއެސްވީއޯގެ ވަފުދުން ރާއްޖެއަށް ކުރާ ޒިޔާރަތުގެ މައިގަނޑު ބޭނުމަކީ ސޫތުކުޅީގެ ބަނދަރާއި ރާއްޖެއާ ދެމެދު އޮތް ވިޔަފާރި ގުޅުން ރަނގަޅުކޮށް، ވިޔަފާރީގެ ފުރުސަތުތައް ފުޅާކުރުމަށް މަޝްވަރާ ކުރުން ކަމަށާއި އެ ވަފުދުން ވަނީ މާލޭ ވިޔަފާރި ބަނދަރަށް ޒިޔާރަތްކޮށް، އެމްޕީއެލްގެ ކަމާ ބެހޭ ޑިޕާޓްމަންޓްތަކާ ބައްދަލުކޮށްފައި ކަމަށެވެ.

މީގެ އިތުރުން އެމްޕީއެލްގެ ދަށުން ހިންގަމުންދާ ދެ ރީޖަނަލް ޕޯޓު ކަމަށްވާ ކުޅުދުއްފުށި ޕޯޓާއި ހިތަދޫ ޕޯޓަށް އެ ވަފުދުން ޒިޔާރަތް ކުރާނެ ކަމަށާއި ރީޖަނަލް ޕޯޓުތައް ނިސްބަތްވާ ސަރަހައްދުތަކުގެ ސިޓީތަކާއި ރަށު އަދި އަތޮޅު ކައުންސިލްތަކާއި އެ ސަރަހައްދުތަކުގެ ވިޔަފާރިވެރިންނާއި މަދަނީ ޖަމިއްޔާތައް އަދި ޑަބްލިއުޑީސީތަކުގެ ބައިވެރިވުން ހިމެނޭ ގޮތަށް ބައްދަލުވުން ތަކެއް ބާއްވާނެ ކަމަށް އެމްޕީއެލްއިން ބުނެއެވެ.