މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ އިންތިހާބު އަންނަ މަހު 10ގައި ބާއްވަން ނިންމައިފިއެވެ.

މީޑިއާ ކައުންސިލްގެ މިހާރުގެ މެންބަރުންގެ ތެރެއިން 13 މެމްބަރުންގެ ދައުރު އަންނަ ޑިސެމްބަރު 14އަށް ހަމަވާނެއެވެ.

ހޯމް މިނިސްޓްރީން ބުނީ، އެކައުންސިލަށް އަލުން މެންބަރުން އިންތިހާބު ކުރުމަށް ބާއްވާ އިންތިހާބު އަންނަ މަހު 10 ވަނަ ދުވަހުގެ 10:00 އިން 11:00 އަށް ސޯޝަލް ސެންޓަރުގެ ތެރޭގައި އޮންނާނެ ކަމަށެވެ.

މީޑިއާ ކައުންސިލްގެ އިންތިހާބުގައި ވޯޓުލުމުގެ ފުރުސަތު މާދަމާ ހަމަވާނެއެވެ.

މީޑިއާ ކައުންސިލްގެ މެންބަރުކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމާއި އެހެނިހެން ލިޔުންތައް އަންނަ މަހުގެ 2 ވަނަ ދުވަހު މެންދުރުފަހު 2:00 ގެ ކުރިން މެއިލް ކުރުމަށް އެމްއެމްސީން ވަނީ އެދިފައެވެ.

ދައުރު ހަމަވާ 13 މެމްބަރުންގެ ތެރެއިން ހަތް މެމްބަރުންނަކީ މީޑިއާ ތަމްސީލް ކުރާ މެމްބަރުންނެވެ. ބާކީ ހަ މެންބަރުންނަކީ އާންމުން ތަމްސީލް ކުރާ މެންބަރުންނެވެ.

މީޑިއާ ތަމްސީލް ކުރާ ގޮނޑިތަކަށް ކެންޑިޑޭޓުން ހުށަހަޅާނީ މީޑިއާތަކުންނެވެ. އާންމު މެމްބަރުންގެ ގޮތުގައި ބަލަނީ މީޑިއާ އާއި ގުޅުންހުރި އެއްވެސް ދާއިރާއެއްގައި މަަސައްކަތް ނުކުރާ މީހުންނަށެވެ.