ތިން އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު 10 އަހަރަށް ޖަލަށްލާން ކުރި ހުކުމަކަށް ހައިކޯޓުން ތާއީދު ކޮށްފިއެވެ.

އުމުރުން ތިން އަހަރުގެ ތުއްތު ކުއްޖަކާ ބެހުނުކަމުގެ ކުށް ސާބިތުވެ ތ. މަޑިފުށީ މެޖިސްޓްރޭޓް ކޯޓުން 10 އަހަރުގެ ޖަލު ހުކުމެއް އިއްވާފައި ވަނީ އެ ރަށު ސްނޯލައިޓް އަބްދުލްބާސިތު މުހައްމަދުގެ މައްޗަށެވެ.

އެކޯޓުން މި ހުކުމް އިއްވީ 2019 ވަނަ އަހަރުގެ ޖުލައި މަހުއެވެ.

އެ މައްސަލަ އެ މީހާގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފްކުރީ ކުށްކުރި މީހަކީ ސިކުނޑީގެ އުނިކަމެއް ހުންނަ މީހެއް ކަމަށް ބުނެއެވެ.

ނަމަވެސް ހައި ކޯޓުން ކުރި ހުކުމުގައި ބުނީ، އެކަން ކަށަވަރު ކުރުމަށްޓަކައި އޭނާގެ ސައިކޮލޮޖިކަލް އެސެސްމަންޓް ރިޕޯޓެއް ހަދަން އެކިފަހަރު މަތިން އަމުރު ނެރެގެން ފުރުސަތު ދިނުމުން ވެސް އެ ރިޕޯޓް ހުށަހަޅާފައި ނުވާ ކަމަށެވެ.

އެހެންކަމުންއެ ދިފާއު ބަލައިނުގަނެވޭނެ ކަމަށް ހުކުމުގައިވެއެވެ.

އެ މައްސަލާގައި އަނިޔާ ލިބުނު ކުއްޖާ ކިޔައިދީފައިވާ ވާހަކަތަކަކީ ތެދެއް ކަމަށް ގަބޫލުކުރެވޭ ކަމަށް ވެސް އެ ހުކުމުގައިވެއެވެ. އަދި ދަށު ކޯޓުން ހެކި ވަޒަން ކޮށްފައިވަނީ ގާނޫނާ އެއްގޮތަށް ކަމަށް ހުކުމުގައިވެއެވެ.

ހައިކޯޓުގައި މި މައްސަލަ ނިންމެވީ ހައިކޯޓުގެ ފަނޑިޔާރު ހުސެއިން ޝަހީދު އަދި ފަނޑިޔާރު ހަސަން ޝަފީއުގެ ފަނޑިޔާރު ހުޒައިފާ މުހައްމަދެވެ.