އޮސްޓްރޭލިއާގައި މައިންގެ މަސައްކަތް ކުރާ ބިލިއަނަރު އެންޑްރޫ ފޯރެސްޓް، ޔޫކްރައިން އާބާދު ކުރަން 25 ބިލިއަން ޑޮލަރުގެ ފަންޑެއް އުފައްދައިފިއެވެ.

ފަންޑު އުފައްދަމުން ފޯރެސްޓް އާއި އޭނާގެ އަންހެނުން ވަނީ 500 މިލިއަން ޑޮލަރު ހަދިޔާ ކޮށްފައެވެ. ފަންޑު ބެލެހެއްޓުމުގެ މަސައްކަތް ކުރާ ފަރާތްތަކުން ބުނާ ގޮތުގައި ފޮރެސްޓް އުފެއްދި މި ފަންޑަށް ގާތްގަނޑަކަށް 100 ބިލިއަން ޑޮލަރު ލިބޭނެއެވެ.

ޔޫކްރައިންގެ ރައީސް ވްލަޑިމިއާ ޒެލޮންސްކީ، ފަންޑު ހިންގާ ފަރާތްތަކަށް މަރުހަބާ ވިދާޅުވެފައި ވާ އިރު ޔޫކްރައިންގެ ގްރީން ގްރޯތުން އަމާޒު ހިފާފައި ވަނީ، ފަންޑުގެ އެހީގައި، ތިމާވެއްޓާ ރައްޓެހި ދާއިރާތަކުން ޔޫކްރައިން އާރާސްތު ކުރާށެވެ. މި ފަންޑުން މިހާރުވެސް ދަނީ ބްލެކްރޮކްގެ ޗެއާމަނާ ވާހަކަ ދައްކަމުންނެވެ. ބްލެކްރޮކަކީ ގިނަ ދާއިރާތަކުން އިންވެސްޓް ކޮށްދިނުމުގައި ބޭރުގެ އެކިއެކި ފަންޑުތަކާ ވާހަކަ ދެއްކުމުގައި ފާހަގަ ކޮށްލެވޭ ޖަމާއަތެކެވެ.

25 ބިލިއަން ޑޮލަރުގެ މި ފަންޑާ ގުޅޭ ގޮތުން ފޮރެސްޓް ބުނެފައި ވަނީ، ލިބެން ހުރި ހުރިހާ ފުރުސަތުތަކެއްގެ ބޭނުން ހިފަމުން ދާނެ ކަމަށާއި، އެމެރިކާގެ ރައީސް ޖޯ ބައިޑަން، އިނގިރޭސި ބޮޑުވަޒީރު، ޔޫރަޕިއަން ޔޫނިއަން އާ ވެސް ވާހަކަ ދައްކާނެ ކަމަށެވެ.

އޭނާ އިތުރަށް ބުނީ، ޒެލޮންސްކީގެ ވިސްނުންފުޅަކީ، ކޯލް (ބޯޓުދެލި) ބޭނުންކޮށްގެން އަންދަމުން ދާ އިންޖީނުތައް، ޒަމާނީ ހަކަތައިގެ ވަސީލަތްތައްކަށް ބަދަލު ކުރުން ކަމަށާއި އެމަގަށް މަސައްކަތްތައް ބައްޓަން ކުރާނެ ކަމަށެވެ. އަދި ރަޝިއާ ސިފައިން ޔޫކްރައިން އިން ފައިބާހާ އަވަހަކަށް މަސައްކަތް ފަށާނެ ކަމަށްވެސް އޭނާ ބުނެއެވެ.

ރަޝިއާއިން ޔޫކްރައިން އަށް ދީފައިވާ ގެއްލުން މިހާރުވެސް 750 ބިލިއަން ޑޮލަރަށް އަރާކަމަށް އެގައުމުގެ ބޮޑުވަޒީރު ޑެނީމް ޝިމްޔާލް ވަނީ ވިދާޅުވެފައެވެ.

ޔޫކްރައިން އަށް ލިބޭ އަދި ލިބުނު ގެއްލުމުގެ ބަދަލު ރަޝިއާއިން ދައްކަން ޖެހޭނެ ކަމަށް ބުނެ އދ ގެ ސެކިއުރިޓީ ކައުންސިލުން ވަނީ ގަރާރެއްވެސް ފާސް ކޮށްފައެވެ. ނަމަވެސް މިހެން ފާސްކުރާ ގަރާރަކީ އަމަލުކުރުން ލާޒިމު އެއްޗަކަށް ނުވާ އިރު ރަޝިއާއިން ބުނެފައި ވަނީ އެގައުމުން ދައްކަން ޖެހޭނެ ފައިސާއެއް ނޯންނާނެ ކަމަށެވެ. އަދި ރަޝިއާއިން ބޭރުގައި ހުރި އެ ގައުމުގެ ރިޒާވް ފްރީޒް ކޮށް، ޔޫކްރައިން އަށް ބަދަލު ދޭން ބޭނުން ކުރިޔަ ނުދޭނެ ކަމަށްވެސް ރަޝިއާއިން ބުނެއެވެ.