ދެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، އުތުރުގެ ރަށެއްގައި 12 އަހަރުގެ އަންހެން ކުއްޖަކާއި 14 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހަމަތު ކުރެވޭ މައްސަލައެއް މިދިޔަ އަންގާރަ ދުވަހުގެ ވަގުތެއްގައި ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 49 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ، މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށެވެ.

ކުޑަކުދިން ހިމެނޭ މިފަދަ މައްސަލަތަކުގައި ކުޑަކުއްޖާގެ ކަރާމާތް ރައްކާތެރިކުރުމުގެ ގޮތުން އެކުއްޖާ އައިޑެންޓިޓީ ދެނެގަނެވޭނެ ފަދަ މައުލޫމާތު ފުލުހުން ހިއްސާކޮށްފައެއް ނުވެއެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުން އަނިޔާއެއް ދިނުން ފަދަ މައްސަލަތަކަކީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ މައްސަލަތަކެވެ.