ދިއްލީގައި ޒުވާން ފިރިހެނަކު އަނިޠާވެރިކޮށް ޒުވާން އަންހެނަކު މަރާލުމަށް ފަހު ކޮށާ އެކިތަންތަނަށް އުކި މައްސަލަ ތަގުގީގު ކުރަމުން ދާ އިރު، އަންހެން މީހާގެ ފޯން އެޕް ބޭނުންކޮށްގެން ފައިސާ ޓްރާންސްފާ ކުރިކަަން ފުލުހުން ހޯދައިފިއެވެ.

ފުލުހުން ބުނީ، އަންހެން މީހާ އަމިއްލައަށް ދިއްލީ ދޫކޮށް ދިޔަކަމަށް ދެއްކުމަށް ފިރިހެން މީހާ މަސައްކަތް ކޮށްފައި ވުމުގެ އިތުރުން، އަންހެން މީހާގެ ފޯންގެ ބޭންކް އެޕް ބޭނުންކޮށްގެން ފިރިހެން މީހާގެ އެކައުންޓަށް ފައިސާވެސް ޓްރާންސްފާ ކޮށްފައި ހުރި ކަމަށެވެ. އެގޮތުން މިއަހަރުގެ މެއި 22 އަދު 26 ވަނަ ދުވަހު 54،000 ރުޕީސް، (664 އެމެރިކާ ޑޮލަރު) ޓްރާންސްފާ ކޮށްފައި ވާ ކަމަށެވެ.

ފުލުހުން ބުނީ، އަންހެން މީހާ މަރާލުމަށް ފަހު ފިރިހެން މީހާ އަންހެން މީހާގެ ފޯން ބޭނުން ކޮށްފައި ހުރި ލޮކޭޝަންތައްވެސް ދެނެގަނެވިފައި ވާ ކަމަށާއި، އެންމެ ގިނައިން ބޭނުން ކޮށްފައި ހުރީ ދިއްލީގެ މެހްރޫލީ ޖަންގަލީގެ ސަރަހައްދުތަކުގައި ކަމަށެވެ.

ފުލުހުންނަށް ޝައްކުވެގެން ސުވާލުތައް ކުރަން ފެށުމުން، އޭނާ، ލޯބިވެރިޔާ އުމުރުން 26 އަހަރުގެ އަންހެން މީހާ މަރާލި ގޮތް ވަނީ ކިޔައިދީފައެވެ. އޭނާ އާ ހަވާލާދީ ފުލުހުން ބުނީ، އަންހެން މީހާ މަރާލީ މާގިނައިން ކައިވެނިކުރަން ކިޔާތީ ކަމަށާއި މަރާލަން ރާވާ ހިތްވަރު ހޯދީ، ނެޓްފްލިކްސް އިން ދައްކާ ސީރިއަލް ކިލާ ޑެކްސްޓާ ބަލައިގެން ކަމަށެވެ.

އަންހެންމީހާ މަރާލުމަށް ފަހު 35 ބުރިއަށް ކޮށާ ކޮތަޅުކޮތަޅަށް އަޅާ ފްރިޖް ކޮށްފައި ވެހެއްޓުމަށް ފަހު، ދިއްްލީގެ އެތަން މިތަނަށް އެ ހަށިގަނޑުގެ ބައިތަށް އޭނާ އުކީ 18 ދުވަހުންނެވެ.

އަންހެން މީހާ ނެތްކަން އޭނާގެ އާއިލާއަށް ޝައްކުވީ، އޭނާގެ ބައްޕައާ ގަވައިދުން ދައްކަމުން ދިޔަ ވާހަކަ ހުއްޓުމާއި، ނުގުޅުމާއި ސޯޝަލްމީޑިއާގެ ޕޭޖްތައް އަޕްޑޭޓު ނުވުމުންނެވެ. އެހާ ހިސާބުން އޭނާގެ ބައްޕަ ދިއްލީ އަށް ގޮސް ފުލަހަށް މައްސަލަ ރިޕޯޓު ކުރުމުން، ފިރިހެންމީހާ އަތުލީ ފުލުހުންނެވެ.

މި 2 މީހުން މަހާރާސްތަރައިން ދިއްލީއަށް ދިޔައީ، އެ ދެމީހުންގެ ކައިވެންޏާ މައިންބަފައިން ނުރުހޭތީ ވަކިން އުޅުމުގެ ބޭނުމުގައެވެ.