ހަމައެކަނި ދިވެހިންގެ ހިއްސާ އޮންނަ ކުންފުނިތަކަށް އެކަނި ރީބްރޯޑްކާސްޓްކުރުމުގެ ހުއްދަ ލިބޭ ގޮތަށް ރީބްރޯޑްކާސްޓިން ގަވައިދު ބަދަލުކުރަން ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އަންގަން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން މިއަދު ނިންމައިފިއެވެ.
މިއަދު ރައްޔިތުން މަޖިލީހުގެ ކޮމިޓީއިން ނިންމި ގޮތުގައި އެ ބަދަލުކުރުމަކީ އެ ގަވައިދަށް އިސްލާހު ގެނައުމަކީ އެ ކޮމިޝަނަށް ލިބިގެންވާ ބާރެއް ނޫން ކަމަށާއި އެހެންކަމުން ގަވައިދު އަލުން އިސްލާހުކުރަން ބްރޯޑްކޮމްއަށް އަންގަންށެވެ.
އެންމެ ފަހުން ބްރޯޑްކޮމުން އިސްލާހުކުރި ގަވާއިދުގައި ބުނެފައި ވަނީ ރާއްޖޭގައި ރީބްރޯޑްކާސްޓްކުރުމުގެ ހުއްދަ ލިބޭނީ 100 ޕަސެންޓް ދިވެހި ހިއްސާ އޮންނަ ކުންފުނިތަކަށް އެކަނި އަދި އެއަށްފަހު އެންމެ ބޮޑު ބްރޯޑްކާސްޓިން ކުންފުނި، ދިރާގުގެ ގިނަ ހިއްސާދާރަކީ ބަހްރެއިންގެ ބެޓެލްކޯއަށްވާތީ ރީބްރޯޑްކާސްޓްކުރުމުގެ ހުއްދަ ގެއްލޭނެއެވެ.
ދިރާގުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި އެ ކޯޓުން ވަކި ގޮތެއް ކަނޑައަޅަންދެން ދިރާގަށް ދީފައިވާ ރީބްރޯޑްކާސްޓިން ލައިސަންސް ދަމަހައްޓަން ސިވިލް ކޯޓުން މީގެކުރިން ވަނީ އަމުރުކޮށްފައެވެ.
މި ކޮމިޓީގައި ތިބި އިއްޒަތްތެރި މެމްބަރުން މި ކަންތަކާއި ގުޅޭ މައުލޫމާތު ހޯއްދެވިބާ؟ މިއަކީ އަގައިންބުނެލާ ބަހަކުން ދޫކޮށްލެވޭވަރު ކަމެއްނޫން. ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކާއި އަދި ކުރިއަރަމުން އަންނަ ގައުމުތަކުންވެސް ވިސްނާ އެންމެ ބޮޑު އެއްކަމަކީ އެގައުމެއްގެ ވިޔަފާރި ތައް ކުރި އަރުވާ ފުޅާ ކުރުމަށް މަގުފަހިކޮށްދިނުން. އަދި ގައުމުން ބޭރުވާ ފައިސާ މަދު ކުރެވޭނެ ގޮތްތައް ހޯދުން. މި ކޮމިޓީ އިން މި ނިންމި ނިންމުމަކީ ދިވެހި ކުންފުންޏަކާ ވާދަކުރަން ބޭރުގެ ބޮޑު މަހުޖަނަކަށް ފުރުސަތު މި ދިނީ. ދިރާގުގެ ސަބަބުން ރާއްޖެއިން ބޭރުވާ ފައިސާގެ ހިސާބު ބެއްލެވިންތޯ. އަހަރަކު އެތައް މިލިއަން ރުފިޔާ އަށް މިރާއްޖެ އިން ބޭރަށް ގެންދާ ބަޔަކަށް އިތުރު ފުރުސަތު މި ދެނީ. ކީއްވެގެންތޯ؟ ދިވެއްސަކަށް ލިބޭ ކުރިއެރުން ތަހައްމަލު ނުކުރެވިގެން. ހަސަދަވެރިކަމާއި ނޭތްގާނީ ކަން. ދެން ކޮން ކަމެއްތޯ. ދެން ބުނާނެ މީޑިޔާނެޓް އަގުބޮޑީއޭ. މީހުން ފެލަނީ އޭ. ކޮމްޕެޓީޝަން ގެންނަންވީޔޭ. ބަލަ އެތަން ހިންގަން ކުރާ ޚަރަދާ ތި ޗެނަަލްތަކަށް ދައްކާ ފީތަކާ އެމީހުންގެ ހިސާބު ކިތާބު ބެއްލެވިންތޯ. ދެއުޅި އެއްނުވާ މީހުން މަޖިލީހަށް ވެއްދުމުގެ ހިތި ނަތީޖާ.