32 ގައިދީން ރިހެބިލިޓޭޓް ކޮށް މުޖުތަމައަށް ނެރެފައިވާ ކަމަށާއި، އެމީހުންގެ ކަންކަން ގާތުން ބެލުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށް ކޮމިޝަނާ އޮފް ޕްރިޒަންސް އަހްމަދު މުހައްމަދުފުޅު ވިދާޅުވެއްޖެއެވެ.

ސީޕީ މިހެން ވިދާޅުވީ، މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

ސީޕީ ވިދާޅުވީ، ގައިދީން ރިހިބިލިޓޭޝަންގެ މަސައްކަތްތައް ރަނގަޅަށް ހިންގުމަށްޓަކައި ވަކި ޑިޕާޓްމަންޓެއް ހަދައި ފަންނީ މުވައްޒަފުން ހޯދާފައިވާ ކަމަށެވެ.

މިއަހަރުގެ ތެރޭގައި މަސްތުވާތަކެތީން ސަލާމަތް ކުރުމުގެ ޕްރޮގްރާމެއް ޖަލުގައި ހިންގައި ބައެއް ގައިދީން އަނބުރާ މުޖުތަމައުއަށް ނެރެފައިވާ ކަމަށް ސީޕީ ފާހަގަކުރެއްވިއެވެ. މިގޮތުން 32 ގައިދީން ރިހެބިލިޓޭޓް ކޮށް މުޖުތަމައަށް ނެރެފައިވާ ކަމަށާއި، އަދި އެ ފަރާތްތައް ރީ އިންޓެގްރޭޓް ކުރުމާއި، އެމީހުންގެ ކަންކަން ގާތުން ބެލުމުގެ މަސައްކަތްތައް ކޭސް ވޯކަރުން ކުރަމުންދާ ކަމަށް ސީޕީ ފާހަގަ ކުރެއްވިއެވެ.

ސީޕީ އިތުރަށް ވިދާޅުވީ، ދެވަނަ ރިހިބިލިޓޭޝަންގެ ޕްރޮގްރާމް ފެށުމުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ.

ސީޕީ ވަނީ ރެކްޝަންސްގެ އިދާރީ ހިންގުން ހަރުދަނާ ކުރުމަށް ނިމިދިޔަ 4 އަހަރު ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަން ނޫސްވެރިންގެ ބައްދަލުވުމުގައި ފާހަގަކުރައްވާފައެވެ. މިގޮތުން އެގޮތުން ޖަލުތަކާއި ޕެރޯލްގެ ޤާނޫނުގެ ދަށުން އެކަމާ ގުޅޭ ގަވާއިދު އެކުލަވާލާ، ބައިނަލްއަގްވާމީ މުއާހަދާތަކާއި މިންގަނޑުތަކާ އެއްގޮތަށް ކަންކަން އިންތިޒާމު ކުރެވެމުންދާކަން ސީޕީ ފާހަގަ ކުރެއްވިއެވެ.

އަދި ގައިދީންގެ ވަކީލު ބައްދަލުވުންތަކާއި، އާއިލީ އަދި އެކަހެރި ބައްދަލުވުންތައް ކުރިއަށްވުރެ ހަރުދަނާ ނިޒާމެއްގެ ތެރެއިން ބައްޓަން ކުރެވިފައިވާ ކަމަށް ސީޕީ ވިދާޅުވިއެވެ. މިގޮތުން ވީޑިއޯ ކޯލް މެދުވެރިކޮށް ގައިދީނާއި އާއިލާތަކާ ގުޅުވައި ދެމުން އަންނަ ކަމަށް ސީޕީ ފާހަގަކުރެއްވިއެވެ.

ސީޕީ އިތުރަށް ވިދާޅުވީ ދެ ޖަލެއްގައި މެޑިކަލް ސެންޓަރު ހަދައި ޑޮކްޓަރުން މެދުވެރިކޮށް ގައިދީނަށް ފަރުވާ ދެމުން އަންނަ ކަމަށެވެ.