ވައްކަން ކުރާ މީހާގެ އަތް ކެނޑުން ފަދަ، ހައްދު ޖެހުން ފަދަ، ރަޖަމް ކުރުން ފަދަ ހުކުމްތައް ތަންފީޒު ކުރުމަށް އަފްގާނިއްތާނުގެ ސްޕްރީމް ލީޑަރު އަންގަވައިފި ކަމަށް ތަރުޖަމާން ވިދާޅުވެއްޖެއެވެ.

ތަރުޖަމާން ޒަބީހުއްލޯ މުޖާހިދު ވިދާޅުވީ، ސްޕްރީމް ލީޑަރު ނުވަތަ ރޫހާނީ ލީޑަރު ހިބާތުއްލޯ އަހުންދުޒާދާ ވަނީ އެކަމަށް އަމުރު ނެރުއްވާފައި ކަމަށާއި އެ ގޮތަށް ފަތުވާ ނެރުނީ އެގައުމުގެ އިސް ފަނޑިޔާރުންނާ ބައްދަލުކުރެއްވުމަށް ފަހު ކަމަށެވެ.

އަހުންދުޒާދާ އާ ހަވާލާ ދެއްވާ މުޖާހިދު ވިދާޅުވީ، ވަގުންނާއި، މީހުން ކިޑްނޭޕް ކުރާ މީހުންނާއި، ދައުލަތާ ދެކޮޅުވެރިކަން އުފައްދާ މީހުންގެ ފައިލް ބައްލަވައިފި ކަމަށާއި އެމީހުންނަށް އިސްލާމީ ޝަރީއަތާ އެއްގޮތަށް އަދަބު ދޭން ހުރިހާ ޝަރުތެއް ހަމަވާ ކަމަށެވެ. އެހެން ކަމުން އެކަން ތަންފީޒު ކުރަން ލާޒިމުވާ ކަމަށްވެސް ބުނެފައި ވެއެވެ.

ހަބަރުފަތުރާ އިދާރާ އޭއެފްޕީން ބުނާ ގޮތުގައި، އަހަންދުޒާދާ، އަމްރު މައުރޫފު ނެރުއްވަނީ ސީދާ ކަންދަހާރުން ކަމަށާއި ތޯލިބާނުން ވެރިކަމާ ހަވާލުވި ފަހުން، އަހަންދުޒާދާގެ ވީޑިއޯއެއްވެސް ފޮޓޯއެއްވެސް އާންމުވެފައި ނުވެއެވެ.

ތޯލިބާނުން އަފްގާނިންތާނުގެ ވެރިކަން މިދިޔަ އަހަރު އަތުލުމަށް ފަހު އޭރު ބުނެފައި ވަނީ، އެ ޖަމާއަތުން ކުރިއަށް ނެރޭނީ މެދުމިނުގެ ސިޔާސަތެއް ކަމަށާއި އިސްލާމީ އުސޫލުތައް ދަމަހައްޓަމުން ގެންދާނެ ކަމަށެވެ. އޭގެ އިތުރުން ބޭރުގެ ގުޅުންތައް ރަނގަޅުކޮށް ހަރުދަނާ ކޮށް ވިޔަފާރީގެ ފުރުސަތުތައް ފުޅާ ކުރާނެ ކަމަށްވެސް އޭރު ބުންޏެވެ.

މުރާސިލުން ބުނާގޮތުގައި، ތާލިބާނުންގެ އަމަލުތައް މިހާރު ފެންނަނީ އޭރު ވާހަކަ ދެއްކި ގޮތާ ހިލާފަށް އިހުއޮތް ހަރުކަށި ކަމާ ދިމާއަށް ދާތަނެވެ. އެގޮތުން ކުރިންވެސް އަންހެނުންނަށް އޮންނަ ހައްގުތައް ހިފަހައްޓާފައި އޮތް ފަދައިން ތައުލީމުން މަހުރޫމް ކުރުމާއި، މަސައްކަތް ކުރުން މަނާ ކުރުމާއި މަހުރަމެއް ނުވަތަ ފިރިހެނަކާ ނުލައި ގެއިން ފެށިގެން ވަކި ދުރުމިނަކަށް ދިޔުން މަނާ ކުރުން ފަދަ ހަރުކަށި އުސޫލުތައް ވަނީ އަނބުރާ ގެނެސްފައެވެ.

އިންސާނީ ހައްގުތައް ހަނިކޮށް މިނިވަންކަމަށް ހުރަސް އުޅޭ ގޮތަށް، އަންހެނުންނާ މެދު ތޯލިބާން ޖަމާއަތުން ގެންގުޅޭ ސިޔާސަތުތައް، ވީ އެންމެ އަވަހަކަށް ބަދަލު ކުރުމަށް، އދގެ ސަލާމަތީ މަޖިލީހުން ވެސް މީގެ ކުރިން ގޮވާލިއެވެ.

އަންހެނުންގެ ހައްގުތަކާ ގުޅުން ހުރި ކަންކަމުގައި މީގެ ކުރިންވެސް ތޯލިބާނުން އަމަލު ކުރަމުން ދިޔަ ހަރުކަށި އުސޫލުތަކަށް އަނބުރާ ރުޖޫއަ ވެދާނެ ކަމުގެ ބިރު، އިންތިހާއަށް ބޮޑުވަމުން ދާތީ، މިފަދަ ކަމަކަށް އދގެ ސަލާމަތީ މަޖިލީހުން ގޮވާލާފައި ވަނީ މެންބަރު ހުރިހާ ގައުމެއްގެ ތާއީދާއެކު ފާސް ކުރި ގަރާރަކުން މި އަަހަރުގެ މެއި 25 ގައެވެ.