އިމާރާތްކުރުމުގެ މަސައްކަތް ކުރަމުން ދިޔަ ބަޔަކު ކޮނުމުގެ ތެރޭގައި ހިޔާ ފްލެޓްތަކުގެ ކަރަންޓު ކޭބަލަށް ލިބުނު ގެއްލުމަކާ ހެދި، ފްލެޓްތަކުން ކަރަންޓާއި ފެން ކެނޑިއްޖެއެވެ.

ސްޓެލްކޯ އިން ބުނީ، ހިޔާ ފްލެޓްތަކުން ކަރަންޓު ކެނޑިފައި ވަނީ އެ ފްލެޓްތަކަށް ކަރަންޓު ދިނުމަށްޓަކައި އަޅާފައިވާ ކޭބަލަކަށް ލިބުނު ގެއްލުމެއްގެ ސަބަބުން ކަމަށެވެ.

"އެ ކޭބަލް މަރާމާތު ކުރުމުގެ މަސައްކަތް ދަނީ ކުރަމުން." ސްޓެލްކޯ އިން ބުންޏެވެ.

އަދި ކޭބަލް މަރާމާތު ކުރުމަށް ގިނަ ވަގުތުތަކެއް ނަގާނެ ކަމަށް ބެލެވޭތީ، އެ ކޭބަލްގެ ބަދަލުގައި އެހެން ކޭބަލެއް މެދުވެރިކޮށް ކަރަންޓު ދިނުމުގެ މަސައްކަތް މިހާރު ކުރެވެމުންދާ ކަމަށާއި، އެ މަސައްކަތަށް ދެ ގަޑިއިރު ހޭދަވާނެ ކަމަށް ވެސް ސްޓެލްކޯ އިން ބުންޏެވެ.

ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކުން ހިޔާ ކޮމިއުނިޓީ ގްރޫޕްގައި ބުނެފައި ވަނީ، ސްޓެލްކޯގެ ކަރަންޓު ކޭބަލަށް ލިބުނު ގެއްލުމާ ހެދި ހިޔާގެ ހުރިހާ ޓަވަރަކުން ކަރަންޓު ކެނޑުމުގެ ސަބަބުން ލިފްޓުތައް ހުއްޓި، ފެން ފޯރުކޮށްދޭ ޕަމްޕުތައް ވެސް ހުއްޓި، ހިދުމަތްތަކަށް ބުރޫ އަރާފައިވާ ކަމަށެވެ.

މީގެ އިތުރުން ހިޔާ ފްލެޓްތަކުން ކަރަންޓު ކެނޑުނު ވަގުތު ޓަވަރު އެކެއްގެ ލިފްޓުގެ ތެރޭގައި ތިން މީހަކު ތާށިވެގެން ނުނިކުމެވިފައި ތިއްބެވެ. އެ މީހުން ލިފްޓުން ނެރުނީ ސާވިސްކުރާ މީހުންގެ އެހީތެރިކަމާއެކުގައެވެ.

ލިފްޓުތަކުން ކަރަންޓު ކެނޑި، ފެނުގެ ހިދުމަތަށް ބުރޫ އަރާފައި ވަނީ މިއަދު 11:25 ހާއިރެވެ. އެހެންކަމުން ކަރަންޓު ކެނޑުނުތާ ގަޑިއިރެއް ވީއެވެ.

މީގެ ކުރިން ވެސް ހިޔާ ފްލެޓްތަކުގެ ކޭބަލަށް ގެއްލުންވެ، ކަރަންޓު ކެނޑުމުގެ ސަބަބުން ހިދުމަތްތަކަށް ބުރޫއަރާފައިވެއެވެ.