ތުރުކީގޭ ކާރޫބާރު ބޮޑު އިސްތަންބޫލުގެ ބާޒާރެއްގައި ބޮމެއް ގޮއްވަލުމުގެ ސަބަބުން 6 މީހަކު މަރުވެ 81 މީހަކު މިހާތަނަށް ޒަހަމްވެފައި ވާ އިރު، ހަމަލާ ދިން ކަމަށް ބެލެވޭ އަންހެނަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ، ސީސީ ޓީވީ ފްޓޭޖްތަކުން ފެންނަ ގޮތުން އިސްތިކްލާލް އެވެނިއު ކުރިމަތިން އަދި މެންގޯ ފިހާރަ އަށް ވެސް ކުރިމަތި ވާ ގޮތަށް މަގުގެ ދުވާރުގައި ހުރި ބެންޗެއްގައި އަންހެނަކު އިށީނދެގެން އިނދެއެވެ. އޭނާ 40 އަކަށް މިނެޓް އިނދެފައި ތެދުވާތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެ ބެންޗު ކައިރިން ބޮން ގޮވައެވެ. އެ ގޮވި ބޮން އޮތް ކަމަށް ބެލެވެނީ ދަބަހެއްގައެވެ.

ތުހުމަތުވާ މީހާ ފުލުހުން ހައްޔަރު ކުރުމަށޤ ފަހު ބުނީ، ބެލެވެނީ އެއީ ތުރުކީގައި ވަކިވެގަތުމަށް މަސައްކަތް ކުރާ ކުރުދިސްތާން ވޯކާސް ޕާޓީގެ މެންބަރެއް ކަމަށާއި އެކަން ކުރީ އެމީހުންކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.

ނަމަވެސް މިހާތަނަށް އެއްވެސް ފަރާތަކުން ހަމަލާގެ ޒިންމާ އުފުލާފައެއް ނުވެއެވެ.

އެ ގައުމުގެ ޖަސްޓިން މިނިސްޓަރު ބެކިރް ބޮޒާގް ވިދާޅުވީ، ބޮން ގޮވަނީ އެ އަންހެން މީހާ ތެދުވާތާ އިރުކޮޅެއްގެ ތެރޭގައި ކަމަށާއި، އެކެން ދެގޮތަކަށް ވެފައި އޮވެދާނެ ކަމަށެވެ. އެއް ގޮތަކަކީ، އަމިއްލަ ޒާތުގައި ގޮވާ ގޮތަށް ޓައިމަރެއް އޮތުން ކަމަށާއި، ދެވަނަ ގޮތަކީ، ރިމޯޓް ކޮންޓްރޯލް ބޭނުން ކޮށްގެން ގޮއްވާލުން ކަމަށެވެ.

ބޮން ގޮއްވާލި ކަމަށް ތުހުމަތުވާ އަންހެން މީހާ، ހިނގާފައި ދާ މަންބަރު ފެންނަ ފޮޓޯ އަލްޖަޒީރާއިން ވަނީ އާންމު ކޮށްފައެވެ.

ތުރުކީގެ ކަމާބެހޭ ފަރާތްތަކުން އަންހެން މީހާގެ މާބޮޑު ތަފްސީލެއް އަދި ހާމަ ކޮށްފައި ނުވި ނަމަވެސް، އިދާރާތަކުން ތުހުމަތު ކުރާ ވަކިވެގަތުމަށް މަސައްކަތް ކުރާ ކުރުޖީ ޖަމާއަތްތަކަކީ، 2015 އަދި 2016 ގައި ވެސް އެފަދަ ޓެރަރިސްޓް ހަމަލާތަކެއް ދީފައިވާ ބައެކެވެ. ތުރުކީގެ އައިސިސް ގްރޫޕުން އެގައުމުގެ ފްޓްބޯޅަ ސްޓޭޑިއަމެއްގެ ބޭރުގައި އޭރު ދިން ބޮމުގެ ހަމަލާގައި 38 މީހަކު މަރުވެ 155 މީހަކު ޒަހަމްވިއެވެ.