ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް މަސްތުވާތަކެތިން ސަލާމަތްވުމަށް އެދޭ މީހުންނަށް ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެކަމަށް ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ނަސީމް މިހެން ވިދާޅުވީ، ހުޅުމާލޭގައި މަސްތުވާތަކެތި ބޭނުންކުރާ އަންހެނުންނަށް ފަރުވާދޭން ހާއްސަ ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ނަސީމް ވިދާޅުވީ، ރާއްޖޭގައި މިވަގުތު އޮތް އެންމެ ބޮޑު އެއް މައްސަލައެއްއަކީ މަސްތުވާތަކެތީގެ މައްސަލަ ކަމަށާއި މުޅި ރާއްޖޭގައި ވެސް ފަރުވާ ދެވޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިގޮތުން މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދޭ މަރުކަޒުތަކުގެ އެސެސްމަންޓެއް މިހާރު ހަދާފައިވާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އަދި ފަރުވާއަށް ދެމުންގެންދިޔަ ޕްރޮގްރާމްތައް ވެސް މުރާޖާކޮށް އަތޮޅުތެރެއަށް ހިދުމަތް ފުޅާކުރުމަށް ބޭނުންވާ މީހުން ތަމްރީންކޮށް ނިމިފައިވާ ކަމަށް ނަސީމް ވިދާޅުވިއެވެ.

ނަސީމް ވިދާޅުވީ، ކޮންމެ ރަށެއްގެ ހެލްތު ސެންޓަރުން ކޮންމެވެސް ވަރެއްގެ ހިދުމަތްތަކެއް މިކަމަށް ދެވޭނެ އިންތިޒާމުތަކެއް ހަމަޖެހިގެންދާނެ ކަމަށެވެ.

މި ސެންޓަރުގެ ފަރުވާ ދޭނީ ގިނަ މުވައްސަސާތަކެއް ގުޅިގެންނެވެ. އެތަނުގައި އެއްފަހަރާ 20 މީހަކު ބައިތިއްބައިގެން ފަރުވާ ދެވޭނެ އިންތިޒާމު ހަމަޖައްސާފައިވާއިރު، ބޭނުންވާ ޑޮކްޓަރުންނާއި ކައުންސިލަރުންނާއި އިދާރީ އެހެނިހެން މުވައްޒަފުން މިހާރު ވަނީ ހޯދާފައެވެ. އަދި އިތުރު ފަރުވާ ބޭނުންވާ ވަގުތު ހުޅުމާލޭ ހޮސްޕިޓަލާއި އައިޖީއެމްއެޗް މެދުވެރިކޮށް އަވަސް ފަރުވާ ހަމަޖެހޭނެ އިންތިޒާމުވެސްވަނީ ހަމަޖައްސާފައެވެ.

ހަމައެއާއެކު މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވާ މީހުންނަށް ވެސް އެކަމުން ސަލާމަތްވުމަށްފަހުވެސް "އާފްޓާ ކެއާ"ގެ ހިދުމަތްވެސް ހާފްވޭ ސެންޓަރުން ލިބިގެންދާނެ ކަމަށް އެންޑީއޭއިން ބުނެއެވެ.