ތުރިކީގެ އިސްތަންބޫލުގެ ކާރޫބާރުބޮޑު ބާޒާރުމަތީގައި ހުންނަ "މެންގޯ" ފިހާރަ ދޮރުމަތީގައި އެއްޗެއް ގޮވުމުގެ ސަބަބުން 5 މީހަކު މަރުވެ 55 މީހުން ޒަހަމްވެއްޖެއެވެ.

އާންމުވެފައިވާ ވީޑިއޯ ކްލިޕަކުން ފެންނަ ގޮތުގައި މެންގޯ ފިހާރަ ދޮރުމަތީ ގާފޮޅުގައި ހުންނަ ދެ ގާމުށިގަނޑު ކައިރީގައި ގޮވާ ގޮވުމުގެ އަލިފާންގަނޑު 10 ވަރަކަށް ފޫޓު މައްޗަށް އަރައެވެ. އެ ވަގުތަކީ އެ ފިހާރަ ކައިރިއާއި އެ ފިހާރައާ ގުޅިފައި އޮތް 2 މަގުން ގިނަ ބަޔަކު ހިނގާ ބިނގާވަމުން ދިޔަ ވަގުތެއް ކަމުން، ގޮވުމާއެކު މީހުންތައް ކޮޅުކޮޅަށް ދުވެއެއެވެ.

މިހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ދެނެގަނެވިފައި ނުވި ނަމަވެސް، ތުރުކީގެ ރައީސް ވިދާޅުވީ، އެ ހާދިސާގެ ފުރިހަމަ ތަހުގީގު ހިންގަވާނެ ކަމަށާއި ޒިންމާވާ ފަރާތްތައް ހޯއްދަވާނެ ކަމަށެވެ. ތުރުކީގެ ރައީސް މިހެން ވިދާޅުވީ، އިންޑޮނީޝިއާގެ ބާލީގައި މިމަހުގެ 15 ވަނަ ދުވަހު ފެށޭ ޖީ20 ސަމިޓަށް ފުރާވަޑައިގަންނަވަމުންނެވެ.

މި ހަމަލާގެ ޒިންމާ އެއްވެސް ބަޔަކު އަދި އުފުލާފައި ނުވާ އިރު ބައެއް ފަރާތްތަކުން ތުހުމަތު ކުރަނީ އެއީ ޓެރަރިސްޓް ހަމަލާއެއް ކަމަށެވެ.