ޖީ20 ގެ ވެރިންގެ ބައްދަލުވުމުގެ ކުރިން އެމެރިކާގެ ރައީސް ޖޯ ބައިޑަން އާއި ޗައިނާގެ ރައީސް ޝީ ޖިންގްޕިން ބައްދަލު ކުރައްވަން ހަމަޖެހިފައި ވާ އިރު، އެމެރިކާއިން ގުޅުން ބަދަހި ކުރަން ވީ އިންޑިއާ އާ އެކުގައި ކަމަށް އެމެރިކާގެ މާލިއްޔާގެ ސެކްރެޓަރީ ޖެނެޓް ޔެލެން ގޮވާލައްވައިފިއެވެ.

ޖެނެޓް ވިދާޅުވީ، "ރިސްކީ ކަންޓްރީސް" ނުވަތަ އެ ގައުމަކާ ގުޅުން ބޭއްވުމުން ނުރަނގަޅު ނަތީޖާއެއް ނުކުމެދާނެ ގައުމުތަކާ ދުރުވާން ޖެހޭ ކަމަށާއި ކައިރިވެ ގާތް ގުޅުމެއް އުފައްދާންވީ އިތުބާރު ހިފޭ އަދި އުފެއްދޭ ގައުމުތަކާ ކަމަށެވެ.

އޭނާ އިންޑިއާގެ ވާހަކަ ފާހަގަ ކުރައްވާ އިރު، މިވަގުތު އޭނާ ހުންނެވީ އިންޑިއާގެ ވެރިރަށް ދިއްލީގައެވެ. ދިއްލީގެ މައިކްރޯސޮފްޓް އޮފީހުގެ ބޭރުގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ، އިންޑިއާ އާއި އެމެރިކާ އާ ދެމެދު ކުރެވޭ ވިޔަފާރީގެ މުއާމަލާތްތައް އިތުރަށް ފުޅާ ކުރަން ޖެހޭ ކަމަށެވެ.

ޗައިނާ އާއި ރަޝިއާގެ ނަން ވިދާޅުވެ އެ ދެގައުމުގެ ވާހަކަ ފާހަގަ ކުރައްވާ އޭނާ ވިދާޅުވަނީ، ތަފާތު ކަންކަމުގައި ހިޔާލުތަފާތުވާ ބައިވެރިން ދޫކޮށްލާ، އިންޑިއާ ފަދަ ގައުމުތަކާ އެކު އޮންނަ ވިޔަފާރީގެ ގުޅުންތައް އިތުރަށް ވަރުގަދަ ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.

އެމެރިކާއިން އިންޑިއާ އާ ގުޅުން ބަދަލު ކުރުމުގެ އާ ސޮފްހާއެއް ހުޅުވާލާފައި ވާ އިރު، އަންނަ އަހަރުގެ ޖީ20 ގެ ބައްދަލުވުމަށް ބައިޑަން އިންޑިއާއަށް ވަޑައިގަންނަވާނެ ކަން ވެސް މިހާރު ވަނީ އިއުލާން ކުރައްވާފައެވެ. އަދި ބައިޑަންގެ ވެރިކަމުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވައިޓްހައުސް އަށް ވަޑައިގަތުމާއި، ފޯނުގެ ޒަރީއާއިންނާއި ވާޗުއަލް ކޮށް ދެބޭފުޅުން އެތައްފަހަރު ބައްދަލު ކުރައްވާފައި ވާ ކަމަށާއި، އެ ގުޅުމަކީ ގާތް ގުޅުމެއް ކަމަށް ވައިޓްހައުސް އިން މިދިޔަ ހަފްތާގައި ވަނީ ބުނެފައެވެ.

އިންޑިއާ އަކީ، އިންޑިއާ ކަނޑުގެ އެންމެ މުހިންމު ބައިވެރިޔާއަށް ވުމުގެ އިތުރުން، ދެކުނު އިރުމަތީ އޭޝިއާގައި ޗައިނާ އާ ދެކޮޅު ސިޔާސަތެއް ފާޅުގައި ގެންގުޅޭ ގައުމަށް ވުމުން، އެމެރިކާ އަށް އިންޑިއާގެ މުހިންމުކަން އިސްތިރާޖީ ގޮތުންން މުހިންމެވެ.