ތޯލިބާން ހަނގުރާމަވެރިން އަފްގާނިސްތާނުގެ ވެރިކަން ހިފި ފަހުން، އެގައުމުގެ އަންހެންވެރިންނަށް ކުރިމަތިވާ ފިއްތުންތަކަށް ބޮޅެއް އިތުރު ވެއްޖެއެވެ.

ފުރަތަމަ ކޮޅުގައި ސްކޫލުތަކަށް ދިޔުން މަނާކޮށް، އޮފީސްތަކަށް ދިޔުން މަނާކޮށްފައި އޮތުމަށް ފަހު، މިފަހުން މަނާ ކުރީ، ޕާކުތަކާއި މީހުން އެއްވާ ޒާތުގެ ސެންޓަރުތަކަށް ދިޔުމެވެ. މިހާރު މަނާ ކުރީ ޖިމް ޖަތަށް ދިޔުމާއި އާންމު ތަންތަނުގައި ފެން ވެރުން ފަދަ ކަންކަމެވެ.

ތޯލިބާނުންނަކީ މީގެ ކުރިންވެސް ހަރުކަރި ވިސްނުން ގެންގުޅޭތީ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވާ ބައެކެވެ. މީގެ ކުރިން އަފްގާނިސްތާނުގައި ތޯލިބާނުންގެ ބާރު އޮތް އިރު ދަމަހައްޓަމުން އައި ހަރުކަށި ސިޔާސަތު އަލުން ވެރިކަން ލިބުމުން މުރާޖައާ ކޮށް ލުއި ކުރާނެ ކަމަށް ބުނި ނަމަވެސް، މިހާރު ސިޔާސަތުތައް ދަނީ 2001 ގައި، ކުރީ ވެރިކަން ވެއްޓުނު އިރު އޮތް ސިޔާސަތާ ދިމާއަށް ކަމަށް ދިރާސާ ކުރާ މީހުން ބުނެއެވެ.

ތޯލިބާނުންގެ އާ ވެރިކަން ގާއިމު ވި ފަހުން، އެގައުމުގެ އަންހެނުންނަށް އިތުރު ފިއްތުންތައްވެސް ކުރިމަތި ކޮށްފައި ވެއެވެ. އެގޮތުން، ގެއިން ބޭރަށް ނުކުންނަ އިރު ބުރުގާ އެޅުމާއި، އެކަނި، ނުވަތަ ފިރިހެނަކާ ނުލައި ގެއިން ފެށިގެން ވަކި ދުރުމިނަކަށް ނުދެވުން ފަދަ ހުރަސްތައް ވަނީ ކުރިމަރިކޮށްފައެވެ. އަދި އަފްގާނިސްތާނުގެ ބައެއް ޕްރިވެޓް ސްކޫލުތައް ފިޔަވައި ގިނަ ސްކޫލުތަކަށް ފުރާފަރުގެ އަންހެން ކުދިން ކިޔަވަން ދިޔުންވެސް ވަނީ މަނާކޮށްފައެވެ. ބައެއް ޕްރިވެޓް ސްކޫލުތަކުގައި އަންހެން ފިރިހެން ވަކިން ކިޔައިވައިދެއެވެ.

ތޯލިބާނުންގެ މި ފިޔަވަޅުތަކާ ގުޅިގެން އެގައުމުގެ އަންހެން ވެރިން ހައްގުތައް ހޯދުމަށް މަގުތަކަށް ނުކުމެ އަޑުއުފުލާފައި ވެސް ވެއެވެ. އަދި ފުލުހުންނާ ކުރިމަތިލުން ހިނގި ނަމަވެސް އެއްވެސް މީހަކު ހަޔަރު ކޮށްފައެއް ނުވެއެވެ.