މަންމަ ހޯދަން ޔޫރަޕަށް ދަތުރު ކުރި އީރާނުގެ މީހަކު ފްރާންސްގެ އެއާޕޯޓުގެ ތެރޭގައި ދިރިއުޅޭތާ 18 އަހަރު ފަހުން މަރުވެއްޖެއެވެ.

1945 ގައި އީރާނުގެ ހޫޒެސްތާން އަށް އުފަން މެހްރާން ކަރީމީ ނައްސޭރީ، އެންމެ ފުރަތަމަ ޔޫރަޕަށް ދިޔައީ އޭނާގެ މަންމަ ހޯދުމުގެ ނިޔަތުގައެވެ. އެގޮތުން ބެލްޖިއަމް ގައި ދެތިން އަހަރު އޭނާ ދިރިއުޅެފައި ވީ ނަމަވެސް، ފަހުން އިނގިރޭސިވިލާތާއި ނެދަލޭންޑް އާއި ޖަރުމަނު ފަދަ ގައުމުތަކުން އޭނާ ވަނީ ޑިޕޯޓް ކޮށްލާފައެވެ.

އެހެން ދަމުން ގޮސް އޭނާއަށް ފުރާންސަށް ދެވުނު ނަމަވެސް އޭނާގެ އަތުގައި އެކަށީގެންވާ ވަރަށް ލިޔެކިޔުން ނެތިގެން އެގައުމުންވެސް އޭނާ އެތެރެވިޔަކަ ނުދެއެވެ.

2004 ގައި ބޮޑު ސްކްރީނަށް އައި "ދަ ޓާމިނަލް" ފިލްމަކީ މި ހާދިސާގެ މައްޗަށް ބިނާކޮށް ސްޓެފަން ސްޕީލްބާގް ތައްޔާރު ކުރި ފިލްމެކެވެ. ޓޮމް ހޭކްންސް އާއި ކެތަރިން ޒީޓާ ޖޯންސް ހަރަކާތްތެރިވާ އެ ފިލްމަކީ ކާމިޔާބު ފިލްމަކަށް ވުމުގެ އިތުރުން، ފިލްމާ އެކު، މި ކަރީމީއަށް ލިބިގެން ދިޔަ ސަމާލުކަން ބޮޑުވިއެވެ.

ހަބަރުތައް ބުނާގޮތުން އެ ފިލްމަށް ފަހު ދުވާލެއްގެ މައްޗަށް 5-6 ފަރާތުން އޭނާއާ އިންޓަވިއު ކުރަން އެއާޕޯޓަށް ދެއެވެ. އެކި ނޫސްތަކާއި އެކި ޗެނަލްތަކަށް އިންޓަވިއު ދިނުމުގައި ބިޒީ ކޮށް އުޅެނިކޮށް އޭނާ ބަލިވެގެން ހޮސްޕިޓަލަށް ގެންދިޔަ ހިސާބުން، ފްރާންްސުން ވަނީ އޭނާއަށް ރެފިއުޖީ ސްޓޭޓަސްވެސް ދީފައެވެ.

ނަމަވެސް ބަލި ރަނގަޅު އޭނާ އެނބުރި އެއާޕޯޓަށް ދިޔަތާ 2-3 ހަފްތާގެ ތެރޭގައި ވަނީ މަރުވެފައެވެ.

މި ކަރީމީ އެއާޕޯޓުގެ 2 އެފް ޓާމިނަލްގައި ދިރިއުޅުނީ، އޭނާ ގެންގުޅޭ އެތިކޮޅު ޓްރޮލީތަކުގައި އަތުރައިގެން ކުޑަ ޖާގައެއް ހަދައިގެން އެތަން ކޮޅުގައެވެ. ނިދާ ކައި ބޮއެ ހަދަނީވެސް އެތާނގައެވެ. ދެކަމު ހާޖަތަށް ދަނީ އެއާޕޯޓް ފާހާނަތަކަށެވެ. ދެން ފޮތް ކިޔުމާއި، އޭނާގެ ހަޔާތުގެ ވާހަކަ ނޯޓު ފޮތެއްގައި ލިޔަމުން ގެންދިޔައެވެ.

ސްޕީލްބާގަށް ފެނުނީ އެ މަންޒަރެވެ.

މި ކަރީމީ ކަހަލަ އެހެން ބައެއް މީހުން، ދުނިޔޭގެ އެހެން ބައެއް އެއާޕޮޓުތަކުގައިވެސް ދިރިއުޅެއެވެ. އެގޮތުން ފާހަގަ ކޮށްލެވޭ އިތުރު މީހަކީ މެލޭޝިއާގެ ކުއަލާލަމްޕޫރު އެއާޕޯޓުގައި ދިރިއުޅެމުން ދާތާ 108 ދުވަސް ވެފައި ވާ މީހެކެވެ.