މިދިޔަ ބުދަ ދުވަހުގެރޭ މ. ނިރުފެހިގޭގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވި އެންމެންގެ ހަށިގަނޑު ދެނެގަނެވިއްޖެ ކަމަށް ފުލުހުން ބުނެފިއެވެ.

ބުދަ ދުވަހުގެރޭ ހިނގި އެ ހާދިސާގައި 10 މީހަކު ވަނީ މަރުވެފައެވެ. އަދި އެކަކަށް ދަނީ ފަރުވާ ދެމުންނެވެ.

ފުލުހުން މީގެ ކުރިން ބުނެފައި ވަނީ މަރުވި މީހުންގެ ތެރެއިން ހަށިގަނޑު މިހާތަނަށް ދެނެގަނެވިފައި ވަނީ ހަތަރު އަންހެނަކާއި ފަސް ފިރިހެނެއްގެ ކަމަށެވެ. އެއީ އިންޑިއާގެ ތިން އަންހެނަކާއި ބަންގްލަދޭޝްގެ އަންހެނެއްގެ އިތުރުން، އިންޑިއާގެ ހަތަރު ފިރިހެނަކާއި ބަންގްލަދޭޝްގެ ފިރިހެނެކެވެ. ދެން ފެނުނު ހަށިގަނޑަކީ ކާކުކަން އަދި ދެނެގަނެވިފައި ނުވާ ކަމަށް ފުލުހުން އޭރު ބުންނެވެ.

ފުލުހުން މިއަދު ބުނީ އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ ތެރެއިން ކާކުކަން ދެނެގަނެވިފައި ނުވާ މީހާ މިހާރު ދެނެގަނެވިފައި ވާ ކަމަށެވެ. އެމީހާ އަކީ އިންޑިއާ ފިރިހެނެއް ކަމަށް ފުލުހުން ބުނެއެވެ.

އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ މައުލޫމާތު ފޮރިން މިނިސްތްރީން އާއިލާއަށާއި އެމްބަސީތަކަށް ފުލުހުން އަންގާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ މަރުވި މީހުންގެ ތެރެއިން އެމީހުންގެ އާއިލާ އިން ހަށިގަނޑު ގައުމަށް ގެންދަން ބޭނުންވާ މީހުންގެ ހަށިގަނޑު އެމީހުންގެ ގައުމަށް ގެންދިއުމުގެ މަސައްކަތްތައް ފޮރިން މިނިސްޓްރީއާއި އެގައުމެއްގެ އެމްބަސީއާ ގުޅިގެން ފުލުހުން ކުރަމުންދާ ކަމަށެވެ.

އެޗްއާރްސީއެމްއިން ބުނީ އެ ހާދިސާ އާ ގުޅިގެން ހިނގާފައިވާ ކަންކަން ބަލަމުންދާ ކަމަށެވެ. އަދި ހާދިސާއާ ގުޅިގެން ސަރުކާރުގެ މުއައްސަސާތަކާއި ޖަމްއިއްޔާ ޖަމާއަތްތަކުން ކުރަމުންދާ މަސައްކަތް ވަނީ ފާހަގަ ކޮށްފައެވެ.

މީގެ އިތުރުން އެ ހާދިސާގައި ހާލުގައި ޖެހުނު މީހުންނަށް އެހީތެރިވުމުގެ މަސައްކަތްތައް އެންޑީއެމްއޭއިން އަންނަނީ ކުރަމުންނެވެ.