މަސްތުވާތަކެތީގެ މައްސަލައެއްގެ ތުހުމަތުގައި މިދިޔަ ބުރާސްފަތި ދުވަހުގެރޭ ހައްޔަރުކުރި ފިލްމީ ތަރިން ކަމަށްވާ އާމިނަތު ރިޝްފާ އާއި ހުނޭސާ އާދަމް ނަސީރު (ހުނޫ) ހިމެނޭހެން 12 މީހަކަށް ކްރިމިނަލް ކޯޓުން ބަންދުގެ މުއްދަތު ޖަހައިފިއެވެ.

ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން މިދިޔަ ބުރާސްފަތި ދުވަހުގެރޭ މާލެ އާއި ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި 12 މީހަކު ހައްޔަރުކުރިއެވެ. އެގޮތުން ހައްޔަރުކުރީ އަށް ފިރިހެނަކާއި ހަތަރު އަންހެނުން ކަމަށް ވާއިރު، އޭގެ ތެރޭގައި ފިލްމީތަރިން ވެސް ހިމެނެއެވެ.

އެ އޮޕަރޭޝަންގައި ހައްޔަރުކުރި މީހުންނަށް ބަންދު ޖަހާފައިވާ ގޮތަށް ބަލާލާއިރު:

  • އެކަކަށް ތިން ދުވަސް
  • ރިޝްފާ ހިމެނޭހެން އިތުރު ތިން މީހަކަށް ފަސް ދުވަސް
  • ހުނޫ އަށް ހަތް ދުވަސް
  • ދެ މީހަކަށް 15 ދުވަސް
  • ހަތަރު މީހަކަށް 30 ދުވަސް

މި 12 މީހުންގެ ތެރެއިން، މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ މައްސަލައެއްގައި ހުނޫ މީގެ ކުރިން ވެސް ހައްޔަރު ކޮށްފައި ވެއެވެ. މިދިޔަ މާޗް މަހު ފަހުކޮޅު ހުނޫ ހައްޔަރުކުރި ނަމަވެސް، އެކަށީގެންވާ ވަރަށް ހެކި ނެތް ކަމަށް ކަނޑައަޅައި ޖުލައި މަހު އޭނާ ވަނީ ދޫކޮށްލައިފައެވެ.

ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހްގީގު ކުރަމުންދާ ކަމަށެވެ.