މިދިޔަ ބުދަ ދުވަހުގެރޭ ދަންވަރު ހިނގި އަލިފާނުގެ ހާދިސާގައި ރޯވި މ. ސެންޑްރޯޒްގެ ސާފުކޮށް ތަޅާލުމުގެ މަސައްކަތް، ހައުސިން މިނިސްޓްރީން ފަށައިފިއެވެ.

މިނިސްޓްރީގެ މުވައްޒަފުންތަކެއް މަސައްކަތްކުރާ ތަން ފެންނަ ފޮޓޯތަކާ އެއްކޮށް ކުރި ޓްވީޓެއްގައި ހައުސިން މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނީ، އެ ގެ ސާފުކޮށް ތަޅާލުމުގެ މަސައްކަތް، އެ މިނިސްޓްރީގެ ޕަބްލިކް ވޯކާސް ސާވިސަސް ޑިޕާޓްމަންޓުން ކުރަމުން ގެންދާ ކަމަށެވެ.

އެ ގެ ސާފުކުރުމުގެ މަސައްކަތް ކުރިއަށްދާ ގޮތް ދައްކުވައިދޭ މަންޒަރުތަކުން ފެންނަ ގޮތުގައި، އަނދާފައިވާ ޕިކަޕެއް ވަނީ ގަރާޖުގެ ތެރެއިން ނެރެފައެވެ. އަދި އަނދާފައިވާ އެހެނިހެން ތަކެތި ވެސް ނެރެ، ވަނީ ސާފުކޮށްފައެވެ.

ރާއްޖޭގައި މިހާތަނަށް ހިނގި އެންމެ ބޮޑު އެއް އަލިފާނުގެ ހާދިސާގައި މަރުވެފައި ވަނީ ގަރާޖުގެ މަތީގައި ހަދާފައިވާ ކުދި ގޮޅިތަކެއްގައި ދިރިއުޅެމުން ދިޔަ ބިދޭސީ މަސައްކަތްތެރިންތަކެކެވެ. އަލިފާން ނިއްވާލައި އެ އެންމެންގެ ހަށިތައް ހޯދައި ނިމުނުއިރު ވަނީ ފަތިހު 4:30 އަށް ވުރެ ވެސް ބޮޑުވެފައެވެ.

ނަމަވެސް އަލިފާން ރޯވާން ދިމާވި ސަބަބެއް އަދިވެސް އެނގިފައެއް ނުވެއެވެ.

އެ ހާދިސާގައި 10 މީހަކު ވަނީ ނިޔާވެފައެވެ. އޭގެ ތެރެއިން އެކަކު ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން މިއަދު ބުންޏެވެ. ދެނެގަނެވުނު މީހުންނަކީ އިންޑިއާގެ ތިން އަންހެނުންނާއި ބަންގްލަދޭޝްގެ އަންހެނެއްގެ އިތުރުން، އިންޑިއާގެ ހަތަރު ފިރިހެނަކާއި ބަންގްލަދޭޝްގެ ފިރިހެނެކެވެ. ކާކުކަން ދެނެގަނެވިފައި ނުވަނީ ފިރިހެނެކެވެ.

އަދި އެ ހާދިސާގައި ފިހުނު އެކަކަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުން ދާއިރު، އޭނާ އަށް އަދިވެސް ފަރުވާ ދެމުން ދަނީ ވެންޓިލޭޓަރުގައި ކަމަށާއި، ހާލު ކްރިޓިކަލް ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތު ދެއެވެ

ނިޔާވި މީހުން ދެނެގަތުމަށްޓަކައި ފުލުހުން ވަނީ ނިރުފެހިގެއާއި ސޭންޑްރޯޒްގޭގައި ދިރިއުޅޭ މީހުންނާއި، އެ ގޭގެ އަށް ދިޔަ ކަމަށް ބެލެވޭ މީހުންނާއި، މާލޭގައި ދިރިއުޅޭ ބިދޭސީންގެ ތެރެއިން ހަބަރެއް ނުވާ ބިދޭސީންގެ މައުލޫމާތު ފުލުހުންނާ ހިއްސާކުރަން އެދިފައެވެ.

އެޗްއާރްސީއެމްއިން ބުނީ އެ ހާދިސާ އާ ގުޅިގެން ހިނގާފައިވާ ކަންކަން ބަލަމުންދާ ކަމަށެވެ. އަދި ހާދިސާއާ ގުޅިގެން ސަރުކާރުގެ މުއައްސަސާތަކާއި ޖަމުއިއްޔާ ޖަމާއަތްތަކުން ކުރަމުންދާ މަސައްކަތް ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން އެ ހާދިސާގައި ހާލުގައި ޖެހުނު މީހުންނަށް އެހީތެރިވުމުގެ މަސައްކަތްތައް އެންޑީއެމްއޭއިން އަންނަނީ ކުރަމުންނެވެ.