ޔޫކްރައިން ހަނގުރާމައިގައި އެގައުމުގެ ސިފައިން މިހާރު ބޮޑު ކުރިއެރުމެއް ހޯދަމުން އަންނަ އިރު، އެގައުމަށް ފޮނުވަން ދެކުނު ކޮރެއާގައި އުފައްދާ ބޮޑުބަޑީގެ އުންޑަ ގަންނަން އެމެރިކާއިން ނިންމައިފިއެވެ.

އާޓިލަރީ ޝެލްސް ނުވަތަ ބޮޑުބަޑީގެ އުންޑަ ގަންނަން އެމެރިކާއިން ނިންމި އިރު ދެކުނު ކޮރެއާގެ ސިޔާސަތަކީ ޔޫކްރައިން ހަނގުރާމައިގައި ބޭނުން ކުރަން އެއްވެސް ބާވަތެއްގެ ނުރައްކާ ހަތިޔާރެއް ނުދިނުމެވެ. އެހެން ކަމުން އެމެރިކާއިން ގަންނަން ޖެހޭނީ އެގައުމުގެ ސިފައިން ބޭނުން ކުރަން ކަމަށް ދެކުނު ކޮރެއާއިން ބުނެއެވެ.

ނަމަވެސް އެމެރިކާއިން ފާޅުކަން ބޮޑުގޮތެއްގައި ބުނެފައި ވަނީ، ހަތިޔާރު ގަތުމުގެ މަޝްވަރާތައް ހިނގަމުން ދާ ކަމަށާއި، 100،000 އުންޑަ ގަންނަނީ ޔޫކްރައިން އަށް ފޮނުވަން ކަމަށެވެ.

ޔޫއެސް އޮފިޝަލުންނާ ހަވާލާދީ މިވާހަކަ ވޯލްސްޓްރީޓް ޖާނަލް އަދި ރޮއިޓާސްގައި ރިޕޯޓު ކޮށްފައި ވާ އިރު، ދެކުނު ކޮރެއާއިން ހަތިޔާރު ގަންނަނީ ޔޫކްރައިން ސެކިއުރިޓީ އެސިސްޓެންސް އިނީޓިއޭޓިވް (ޔޫއެސްއޭއައި) ފަންޑުން ކަމަށާއި، އެ ތަކެތި ގަތުމަށް ފަހު ޔޫކްރައިން އަށް ފޮނުވާނީ، އެތަކެތި އެމެރިކާގެ ސަރަހައްދަށް ވެއްދުމަށް ފަހު ކަމެއް ނުވަތަ ނޫން ކަމެއް ނޭނގޭ ކަމަށް ބުނެއެވެ.

މި ވާހަކަ ނޫސްތަކަށް އައުމާ ގުޅިގެން ދެކުނު ކޮރެއާއިން ބުނީ، ޔޫކްރައިންގައި ބޭނުން ކުރަން ހަތިޔާރު ނުވިއްކާ ސިޔާސަތު ބަދަލު ނުވާ ކަމަށާއި އެއީ އަދި ސިއްރު މުއާމަލާތެއް ކަމަށެވެ. ނަމަވެސް ދެކުނު ކޮރެއާގެ ނޫސް އިދާރާތަކުން ބުނެފައި ވަނީ، އެގައުމުގެ ޑިފެންސް މިނިސްޓަރު ލީ ޖޮންގް ސުޕް އާއި އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ލޮއިޑް އޮސްޓިން މަޝްވަރާ ކުރައްވައިފި ކަމަށާއި އެ ޑީލް އާ އެކު ކުރިއަށް ވަޑައިގަންނަވަން ނިންމަވާފައި ވާ ކަމަށެވެ.

ދެކުނު ކޮރެއާގެ ހަތިޔާރު ގަންނަން އެމެރިކާއިން ނިންމާ މަޝްވަރާތައް ކުރާ އިރު މިއީ ދެކުނު ކޮރެއާއަށް އުނދަގޫ މައްސަލައަކަށް ވާނެއެވެ. އެމެރިކާގެ ގާތް ބައިވެރިއެއްގެ ގޮތުގައި އޮތް ދެކުނު ކޮރެއާގެ ހަތިޔާރު ޔޫކްރައިން ހަނގުރާމައަށް ދޫކުރާނަމަ ރަޝިއާ އާއި ދެކުނު ކޮރެއާ އާ ދެމެދު އޮންނަ ވިޔަފާރީގެ ގުޅުންތަކަށް އަސަރު ކުރާނެ ކަމުގެ އިންޒާރު ރަޝިއާ އިން އޮތީ ކުރިން ދީފައެވެ. އަދި އެމެރިކާއާއި، ދެކުނު ކޮރެއާގެ ހަތުރު، އުތުރު ކޮރެއާ އަކީ ރަޝިއާގެ ގާތް ބައިވެރިއަކަށް ވާ އިރު ދެކުނު ކޮރެއާއިން އަޅާ ފިޔަވަޅެއްގެ ރައްދު ރަޝިއާއިން ދިނުމަށް އުތުރު ކޮރެއާ ބޭނުން ކުރުމަކީވެސް އޮތް ފުރުސަތެކެވެ.

އެމެރިކާއިން ދެކުނު ކޮރެއާގެ ހަތިޔާރު ޔޫކްރައިން އަށް ފޮނުވަން ނިންމާފައި ވާ އިރު، 400 މިލިއަން ޑޮލަރުގެ އަގުހުރި ހަތިޔާރާއި ގޮވާ ސާމާނާއި އެހެނިހެން އާލާތްތައްވެސް ދޭން އެމެރިކާއިން ވަނީ ނިންމާފައެވެ.

މި އާއެކު، ބައިޑަންގެ ސަރުކާރު ފެށުނީއްސުރެ މިއަދާ ހަމައަށް އެމެރިކާއިން ޔޫކްރައިން އަށް ފޯރުކޮށްދިން އެހީގެ އަދަދު 19 ބިލިއަން ޑޮލަރަށް އެރީއެވެ.

އެމެރިކާއިން އިތުރަށް ބުނީ، ޔޫކްރައިން އަށް އިތުރު އެހީދޭން ނިންމީ، މިހާރުވެސް ދީފައިވާ އެޑްވާންސް ހަތިޔާރުގެ އެހީގައި ރަޝިއާ ފަހަތަށް ޖައްސާ ހާސަން ސަރަހައްދުން ފައްސާލެވިފައި ވުމުގެ އިތުރުން އެހެން ސަރަހައްދު ތަކުންވެސް ޔޫކްރައިން ސިފައިން ކުރިއެރުންތައް ހޯދާއިރު އިތުރަށް ކުރިއެރުންތައް ހޯދުމަށް ކަމަށެވެ.