އިންޑޮނީޝިއާގެ ބާލީގައި އަންނަ އަނގާރަ ދުވަހު ފެށޭ ދެދުވަހުގެ ޖީ20 ގެ ވެެރިންގެ ބައްދަލުވުމުގެ ކުރިން، ޗައިނާގެ ރައީސް ޝީ ޖިންޕިން އާއި އެމެރިކާގެ ރައީސް ޖޯ ބައިޑަން ބައްދަލުކުރައްވަން ނިންމަވައިފިއެވެ.

އެމެރިކާގެ ވައިޓްހައުސްގެ އޮފިޝަލުން ބުނެފައި ވާ ގޮތުގައި މި ބައްދަލުކުރެއްވުމުގައި، އެޖެންޑާގެ އެންމެ މުހިންމު ކަމަކަށް އޮންނާނީ ޓައިވާން މައްސަލަ ކަމަށެވެ. ޓައިވާން މައްސަލައިގައި ފަހަނައަޅާ ނުދާން ވީ އިން ނުވަތަ "ރަތް ރޮނގު" އޮންނާނެ ކަމަށާއި އެވާހަކަ ބައިޑަން ޝީއަށް ދަންނަވާނެ ކަމަށް ބުނެއެވެ.

ޗައިނާގެ ބެކްޔާޑްގެ ގޮތުގައި ބަލާ، އާސިއާންގެ ގައުމުތަކަށް އެމެރިކާއިން ހަންފަތުރަން މަސައްކަތް ކުރާ އިރު، ޗައިނާގެ ބާރާއި، އިގުތިސޯދީ ދުވެލި މަޑުޖައްސާލައި ޗައިނާ އެކަހެރި ކުރުމުގެ ސިޔާސަތުގެ ދަށުން ޓައިވާނަކީ އެމެރިކާއަށް ވަރަށް މުހިންމު ބައިވެރިއެކެވެ.

ޓެކްނޮލޮޖީގެ ދާއިރާގައި ޓައިވާން ކުރިހޯދާފައި ވާ މިންވަރާއި، އެގައުމުގައު އުފައްދާ އަދި އެސެމްބްލް ކުރާ އެކި އެކި ސެމިކޮންޑަކްޓަރުތަކަކީ، ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ގައުމުތަކުގެ ޓެކްނޮލޮޖީގައިވެސް ބޭނުން ކުރާ ތަކެއްޗެއެވެ. އޭގެ އިތުރުން ޓައިވާން، ޗައިނާ އާ އެކަހެރި ކޮށްލާފައި ބޭއްވުމުން އިސްތިރާޖީ ގޮތުން އެމެރިކާއަށް ޓައިވާނުގެ ބޭނުން ހިފޭނެ ކިތަންމެ ގޮތެއް ހުންނާނެއެވެ.

އާޝިއާން ގައުމުތަކުގެ ވެރިން ވައިޓްހައުސް އަށް ގެންދަވާ ބޭއްވި ސްޕެޝަލް ސަމިޓް

ވެރިކަން ލިބިވަޑައިގަން ފަހުން ފޭސް ޓް ފޭސް (ދިމާވެ ބައްދަލުވުން) ކޮށް ޝީ އާއި ބައިޑަން ބައްދަލުވާ މިއީ ފުރަތަމަ ފަހަރެވެ. މި ބައްދަލުވުމަށް ބައިޑަން ވަޑައިގަތުމުގެ ކުރިން ޗައިނާގެ ބެކްޔާޑް ގައުމުތަކުގެ ވެރިން ވައިޓްހައުސް އަށް ގެންދަވާ ބައިޑަން ވަނީ ޔޫއެސް-އާސިއާން ސްޕެޝަލް ސަމިޓް މިދިޔަ މޭ މަހު ބާއްވާފައެވެ. އެކަމުން އެމެރިކާ ދޭން ބޭނުންވި މެސެޖަކީ، ޗައިނާ އަށް އިންޑޯ ޕެސިފިކް ކަނޑުގައިވެސް އަދި އާސިއާން ގައުމުތަކުގައިވެސް ކޮންޓްރޯލް ނެތް ކަމެވެ.

އެމެރިކާއިން މިދިޔަ އޮކްޓޯބަރު 28 ގައި އާންމު ކުރި ޑިފެންސް ސްޓްރެޓަޖީ ކަރުދާހުގައި ބުނެފައި ވާ ގޮތުން، ޗައިނާ އަކީ، އަޅާ ނުލައި ދޫކޮށް ލެވެން ވެސް ނެތް އަދި ބަލައިގަނެވެން ވެސް ނެތް ގައުމެއް ކަމަށާއި ދުނިޔޭގެ މުހިންމު ސަރަހައްދުތަކުން ޗައިނާގެ ބާރު ކުޑަކުރުމަކީ އިސްތިރާޖީ ނުވަތަ ސްޓްރެޓީޖިކް ކޮށް ކުރަން ޖެހޭ ކަމެކެވެ.

"ބައިނަލްއަގުވާމީ ގުޅުންތަކުގެ ދާއިރާ އާއި އަސްކަރީ ދާއިރާގައި އެމެރިކާގެ ހަމަ އެކަނި ވާދަވެރިއަކީ ޗައިނާ، އަދި އެމަގަށް މަސައްކަތް ކުރާ ބަޔަކީވެސް ޗައިނާ"
ރިޕޯޓުގައި ބުނެއެވެ.

ޗައިނާގެ ނުފޫޒާއި ބާރާއި އަސްކަރީ ގާބިލު ކަމުގެ އިތުރުން އެމެރިކާއިން ޗައިނާ އާ މެދު ހިންހަމަ ނުޖެހެނީ، ދެކުނު ޗައިނާ ކަނޑުގައި ޗައިނާގެ ބާރު ގަދަކުރުމާއި ޗައިނާގެ އަތް ދަށުން މިނިވަންވާން މަސައްކަތް ކުރާ ޓައިވާނަށް ރައްކާތެރިކަމެއް ނެތުމާއި، ދުނިޔޭގެ އެންމެ ކާރޫބާރޫ ބޮޑު ކަނޑުމަގުތަކުގައި ޗައިނާގެ ހަރާކާތްތައް ފުޅާވެ، ބާރުގަދަކުރަމުން ދާތީއެވެ.

އަދި އިންޑޯ ޕެސިފިކް ކަނޑުގެ ގައުމުތަކާއި އެމެރިކާ އާ އޮންނަ ގުޅުމަށް ބުރޫ އަރާ ގޮތަށް، ޗައިނާއިން ބާރުގަދަ ކުރަމުން ދިޔުމުގެ އިތުރުން އެ ސަރަހައްދުގެ ގައުމުތަކަށް ބިރު ދައްކާ ކަމުގެ ތުހުމަތުވެސް އެމެރިކާއިން ޗައިނާ އަށް ކުރެއެވެ.