ރޭ ހިނގި އަލިފާނުގެ ހަދިސާގައި ރޯވި ގެ ކުއްޔަށް ހިފާފައި ވަނީ ފުލުހުން ކަމަށް ބުނާ ވާހަކަ ދޮގުކޮށްފިއެވެ.

ރޭ ދަންވަރު 12:30 ހާއިރު އަލިފާނުގެ ހާދިސާ ހިނގާފައިވަނީ މ. ސެންރޯސްގޭގައެވެ.

ބައެއް މީޑިއާތަކުން ވަނީ މަރުވި މީހުން ދިރިއުޅެމުން ދިޔަ ފްލޯއަކީ ފުލުހަކު ކުއްޔަށް ނެގުމަށްފަހު، ބިދޭސީންނަށް ކުއްޔަށް ދީފައިވާ ތަނެއް ކަމަށް ރިޕޯޓުކޮށްފައެވެ. އަދި ފުލުސް މީހާ އެތަނުން ކޮންމެ ކޮޓަރިއެއް ބިދޭސީންނަށް ކުއްޔަށް ދީފައި ވަނީ 2200 ރުފިޔާ އަށް ކަމަށް ވެސް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

އެކަމާ ގުޅިގެން ފުލުހުން ބުނީ، ރޭ އަލިފާނުގެ ހާދިސާ ހިނގި މ. ނިރުފެހި ގެއަކީ ފުލުހަކު ކުއްޔަށް ހިފާފައިވާ ތަނެއް ކަމަށް ބުނެ ނޫސްތަކުގައި ދައުރުވާމުންދާ ވާހަކައަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ.

އެތަން ކުއްޔަށް ހިފާފައިވަނީ ފުލުހެއް ނޫންކަން މި ހިދުމަތުން ކަށަވަރުކޮށްދެން
ފުލުހުން

ރޭ ހިނގި އަލިފާނުގެ ހާދިސާގައި ގަރާޖުގެ މަތީގައި ހުންނަ ލޭބާ ކްއާޓަރުގައި ދިރިއުޅޭ 25 އަކަށް މީހުންގެ ތެރެއިން 10 މީހަކު މަރުވެފައި ވާއިރު މަރުވި މީހުންގެ ތެރެއިން ބައެއް މީހުންގެ މައުލޫމާތު އަދި ޔަގީން ކުރެވިފައި ނުވޭ ކަމަށާއި އެ ހާދިސާގެ ތަހުގީގު ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

މިހާރުވެސް އައިޖީއެމްއެޗުގައި މީހަކަށް ފަރުވާދެމުން އަންނައިރު އެ މީހާގެ ހާލު ކްރިޓިކަލް ކަމަށް އައިޖީއެމްއެޗުން ބުނެއެވެ.

މ. ނިރުފެހި އަދި މ. ސެންޑްރޯސް ގައި ދިރިއުޅޭ މީހުންގެ މައުލޫމާތާއި އެ ގޭގެއަށް ރޭ ގޮސްފައިވާ ކަމަށް ބެލެވޭ މީހުންގެ މައުލޫމާތު އަދި މާލޭގައި ދިރިއުޅޭ ބިދޭސީންގެ ތެރެއިން ރެއިން ފެށިގެން ހަބަރެއް ނުވާ ބިދޭސީންގެ މައުލޫމާތު ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9911099 ނުވަތަ ދިވެހި ފުލުހުންގެ ހިދުމަތުގެ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅާ ހިއްސާކުރަން ފުލުހުން ވަނީ އެދިފައެވެ.