އެމެރިކާގައި އިއްޔެ ބޭއްވި މިޑްޓާމަން އިންތިހާބުުގައި ވެރިކަން ކުރާ ޑިމޮކްރެޓިކް ޕާޓީއަށް ނިސްބަތްވާ އިންޑިއާ ދަރިކޮޅުގެ ގިނަ މެންބަރުން ކާބިޔާބު ކޮށް އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގައި ފައިތިލަ ސާބިތުކޮށްފިއެވެ.
އިންޑިއާ ދަރިކޮޅުގެ ފަސް މެންބަރުން ކަމަށްވާ ރާޖާ ކްރިޝްނާމޫރްތީ، ރޯ ކަންނާ، ޕްރަމިލާ ޖަޔަޕާލް އަދި އަމީ ބޭރާ ވަނީ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ (ހައުސް އޮފް ރެޕްރެޒެންޓެޓިވްސް) އަށް އިންތިހާބު ވެފައެވެ. މީގެ އިތުރުން ސްޓޭޓްތަކުގެ ފެންވަރުގެ ގޮނޑިތަކަށްވެސް އިންޑިއާ ދަރިކޮޅުގެ އެތައް ބަޔަކު ވަނީ ހޮވިފައެވެ.
އިންތިހާބުގެ ނަތީޖާ ދައްކާ ގޮތުން ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓް މާޓެލް ބިވިންގްސް ބަލިކޮށް، މިޝިގަން އިން ކޮންގްރެސްގެ އިންތިހާބު ކާމިޔާބު ކުރި ފުރަތަމަ އިންޑިއަން - އެމެރިކަން އަކީ ވިޔަފާރިވެރިޔާ އަދި ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް، އުމުރުން 67 އަހަރުގެ ޝްރީ ތަނޭދާރެވެ. އޭނާ ތަމްސީލު ކުރާނީ މިޝިގަން ހައުސްގެ ތިން ވަނަ ޑިސްޓްރިކްޓެވެ.
މިއިންތިހާބު ކާމިޔާބު ކުރި ޑިމޮކްރެޓިކް ޕާޓީގެ އިތުރު މެންބަރުންނަށް ބަލާއިރު، އިލިނޮއިސްގެ 8 ވަނަ ކޮންގްރެސް ޑިސްޓްރިކްޓްގައި ވާދަ ކުރި އުމުރުން 49 އަހަރުގެ ރާޖާ ކްރިޝްނާމޫރްތީ ވެސް ހިމެނެއެވެ. މި ކާމިޔާބީއާ އެކު މިއީ އޭނާ ޖެހިޖެހިގެން ހަތަރު ވަނަ ދައުރަކަށް އިންތިހާބުވެ ވި ފަހަރު ވެސް މެއެވެ. އޭނާ ވަނީ ރިޕަބްލިކަން ޕާޓީގެ ވާދަވެރިޔާ ކްރިސް ޑާޖިސް ބަލިކޮށް ކާމިޔާބު ހޯދާފައެވެ. ހަމައެއާއެކު ސިލިކަން ވެލީގައި، ކެލިފޯނިއާގެ 17 ވަނަ ކޮންގްރެޝަނަލް ޑިސްޓްރިކްޓްގައި ވާދަކުރި އުމުރުން 46 އަހަރުގެ އިންޑިއަން-އެމެރިކާގެ ރޯ ކަންނާ ވަނީ ވާދަވެރިޔާ ރިތޭޝް ޓަންޑަން ބަލިކޮށްފައެވެ. މިއީ ސެނެޓަށް ކަންނާ ޖެހިޖެހިގެން ހޮވުނު ދެ ވަނަ ފަހަރެވެ.
މީގެ އިތުރުން ވޮޝިންޓަން ސްޓޭޓްގެ ހަތް ވަނަ ކޮންގްރެސް ޑިސްޓްރިކްޓަށް ހައުސް އޮފް ރެޕްރެޒެންޓޭޓިވްސް ގައި ހިމެނޭ ހަމައެކަނި އިންޑިއާ ދަރިކޮޅުގެ އެމެރިކާގެ ކޮންގްރެސްވުމަން ޕްރަމީލާ ޖަޔަޕާލް ވެސް މި އިންތިހާބު ވަނީ ކާމިޔާބު ކޮށްފައެވެ. އޭނާ އިންތިހާބު ކާމިޔާބު ކުރީ ޖީއޯޕީގެ ވާދަވެރިޔާ ކްލިފް މޫން ބަލި ކޮށްފައެވެ. އަދި ކޮންގްރެސްގައި އެންމެ ގިނަ ދުވަހު އިންޑިއާ ދަރިކޮޅުގެ އެމެރިކާގެ މަގާމު ގައި ހުރީ އުމުރުން 57 އަހަރުގެ ބޭރާ ވަނީ ރިޕަބްލިކަން ޕާޓީގެ ތަމިކާ ހެމިލްޓަން ބަލިކޮށް އިންތިހާބު ކާމިޔާބު ކޮށްފައެވެ. އޭނާ އަކީ 2013 ވަނަ އަހަރުން ފެށިގެން ކެލިފޯނިއާގެ ހަތް ވަނަ ކޮންގްރެސް ޑިސްޓްރިކްޓް ތަމްސީލު ކުރަމުން ގެންދާ މީހެކެވެ.
މި އިންތިހާބުގެ ބައެއް ސްޓޭޓްތަކުގެ ގާނޫނު ހަދާ މަޖިލީހުގެ ގޮނޑިތައް ވެސް ކާމިޔާބު ކުރީ އިންޑިއާ ދަރިކޮޅުގެ އެމެރިކާގެ ކެންޑިޑޭޓުން ކަން ފާހާގަކޮށްލަން ޖެހެއެވެ. އެ ގޮތުން މެރީލޭންޑްގައި ޑިމޮކްރެޓިކް ލީޑަރު އަރޫނާ މިލާ ވަނީ ލެފްޓިނެންޓް ގަވަރުނަރުގެ ރޭސް ކާމިޔާބު ކޮށްފައެވެ. މެރީލޭންޑް ހައުސްގެ ކުރީގެ މަންދޫބެއްގެ ގޮތުގައި ހުންނެވި އުމުރުން 58 އަހަރުގެ މިލާ، ލެފްޓިނެންޓް ގަވަރުނަރުގެ ޓިކެޓުގައި ހުންނެވީ ޑިމޮކްރެޓިކް ގަވަރުނަރުގެ މަގާމުގައި ހުންނެވި ވޭސް މޫރާއާ އެކުގައެވެ.
އެމެރިކާގައި މިޑްޓާމް އިންތިހާބުން އިންޑިއާ ދަރިކޮޅުގެ އެމެރިކާ ގިނަ ބަޔަކު ކާމިޔާބު ހޯދާފައިވާ އިރު، އެމެރިކާގައި 33.19 ކްރޯޑް މީހުންގެ އާބާދީގެ 1 ޕަސެންޓަކީ އިންޑިއާ ދަރިކޮޅުގެ އެމެރިކާ މީހުންނެވެ. ނަމަވެސް އިންޑިއާ ދަރިކޮޅުގެ ޒުވާން ކެންޑިޑޭޓުން ގިނަވުމަކީ އެ ދަރިކޮޅުން ސިޔާސީ ގޮތުން ހަރަކާތްތެރިވާ މިންވަރު އިތުރުވާ ކަން ދައްކުވައިދޭ ކަމެކެވެ.
އެމެރިކާގެ ރިއާސީ ދައުރުގެ މެދުތެރެއިން ބާއްވާ އާންމު އިންތިހާބަކީ، ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ (ހައުސް އޮފް ރެޕްރެޒެންޓެޓިވްސް)ގެ 435 ގޮނޑި އަށާއި، މަތިގެ (ސެނެޓް)ގެ 100 ގޮނޑީގެ ތެރެއިން 33 ނުވަތަ 34 ގޮނޑި އަށް މެންބަރުން އިންތިހާބު ކުރުމަށް ބާއްވާ އިންތިހާބެކެވެ. އޭގެ އިތުރުން އެމެރިކާގެ 50 ސްޓޭޓްގެ ތެރެއިން 34 ސްޓޭޓަށް، ހަތަރު އަހަރުގެ ދައުރަކަށް ގަވަރުނަރުން އިންތިހާބު ކުރުމާއި، ވާމޮންޓް އާއި ނިއު ހަމްޝަޔާ އަށް ދެ އަހަރުގެ ދައުރަކަށް ގަވަރުނަރުން އިންތިހާބު ކުރުން ވެސް އޮންނާނެ އެވެ.
އަދި ގިނަ ސްޓޭޓްތަކުގެ ގާނޫނު ހަދާ މަޖިލިސް ތަކަށް މެމްބަރުން އިންތިހާބު ކުރުމާއި ބައެއް ސަރަހައްދުތަކުގެ މުނިސިޕަލް ކައުންސިލްތަކަށް މެމްބަރުން އިންތިހާބު ކުރުމާއި ބައެއް ސަރަހައްދުތަކުގެ މޭޔަރުން އިންތިހާބުކުރުން ވެސް އޮންނާނެއެވެ.
އެމެރިކާގެ ރިއާސީ ދައުރުގެ މެދުތެރެއިން ބޭއްވި އާންމު އިންތިހާބުން އިންޑިއާ ދަރިކޮޅުގެ ގިނަ ބަޔަކު ކާމިޔާބު ހޯދާފައިވާ އިރު، ދާދި ފަހުން އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު ކަމުގެ މަގާމު ވަނީ އިންޑިއާ ދަރިކޮޅުގެ ރިޝީ ސޫނަކް ކާމިޔާބު ކުރައްވާފައެވެ. އޭނާ ހޮވިވަޑައިގަތީ މީގެ ދޮޅު މަހެއްހާ ދުވަސް ކުރިން އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު ކަމުގެ މަގާމާ ހަވާލުވެ ވަޑައިގަތް ލިޒް ޓްރަސް އެ މަގާމުން އިސްތިއުފާ ދެއްވުމުން، ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ (ހައުސް އޮފް ކޮމަންސް) ގެ ރައީސް ޕެނީ މޯޑައުންޓް އާ ވާދަ ކުރައްވައެވެ.
ރިޝީ އަކީ އިނގިރޭސި ވިލާތުގެ ބޮޑުވަޒީރުކަން ކުރައްވާ އިންޑިއާ ދަރިކޮޅުގެ ފުރަތަމަ ބޭފުޅާއެވެ. އަދި ކްރިސްޓިއަން ދީން ނޫން އެހެން ދީނެއްގެ ފުރަތަމަ ބޮޑުވަޒީރު ވެސް އޭނާއެވެ.