އިސްކަންދަރު މަގުގައި ހުންނަ މ. ނިރުފެހި ގޭގައި ރޯވެ ހިނގި އަލުފާނުގެ ހަަދިސާގައި އާ ގުޅިގެން ބައެއް މަގުތަކަށް ނުވަދެވޭހެން ބަންދުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ޗާޓެއް ހިއްސާކޮށް ފުލުހުން ބުނީ ‏މ. ނިރުފެހި ގޭގައި ރޭ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ކަމާ ގުޅުންހުރި އިދާރާތަކުން ބަލަންޖެހޭ ކަންކަން ބަލައި ނިމެންދެން ޗާޓުގައި ފާހަގަކޮށްފައިވާ މަގުތައް އެއްގަމު އުޅަނދަށް ބަންދުވާނެ ކަމަށެވެ.

އެގޮތުން އެއްގަމު އުޅަނދުފަހަރު ވަނުން މަނާ ސަރަހައްދުގެ ގޮތުގައި ވަނީ އިސްކަންދަރު މަގާއި ރިޔާސީ މަގުގެ ސަރަހައްދެއް ފާހަގަކޮށްފައެވެ. އަދި ހަތަރު ފުރޮޅުލީ އުޅަނދުފަހަރު ވަނުން މަނާ ސަރަހައްދުގެ ގޮތުގައި ވަނީ ޖަވާހިރުމަގުގެ ސަރަހައްދެއް ފާހަގަކޮށްފައެވެ.

ރޭ ހިނގި އަލިފާނުގެ ހާދިސާގައި 10 މީހަކު މަރުވެފައިވާއިރު މަރުވި މީހުންގެ ތެރެއިން ބައެއް މީހުންގެ މައުލޫމާތު އަދި ޔަގީން ކުރެވިފައި ނުވޭ ކަމަށާއި އެ ހާދިސާގެ ތަހުގީގު ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

އެ ގޭގެ ތެރެއިން މަރުވެފައިވާ 9 މީހެއްގެ ހަށިގަނޑު ފެނިފައިވާއިރު އިތުރު މީހަކު މަރުވެފައިވަނީ އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށެވެ. މިހާރުވެސް އައިޖީއެމްއެޗުގައި އިތުރު މީހަކަށް ފަރުވާދެމުން އަންނައިރު އެ މީހާގެ ހާލު ކްރިޓިކަލް ކަމަށް އެމްއެންޑީއެފްއިން ހާމަކުރެއެވެ.

މ. ނިރުފެހި އަދި މ. ސެންޑް ރޯސް ގައި ދިރިއުޅޭ މީހުންގެ މައުލޫމާތާއި އެ ގޭގެއަށް ރޭ ގޮސްފައިވާ ކަމަށް ބެލެވޭ މީހުންގެ މައުލޫމާތު އަދި މާލޭގައި ދިރިއުޅޭ ބިދޭސީންގެ ތެރެއިން ރެއިން ފެށިގެން ހަބަރެއް ނުވާ ބިދޭސީންގެ މައުލޫމާތު ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9911099 ނުވަތަ ދިވެހި ފުލުހުންގެ ހިދުމަތުގެ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅާ ހިއްސާކުރަން ފުލުހުން ވަނީ އެދިފައެވެ.