ރޭ މެންދަމު 12:30 ހާއިރު އިސްކަންދަރު މަގުގައި ހުންނަ މ. ނިރުފެހި ގޭގައި ހިނގި އަލިފާނުގެ ހާދިސާއަކީ މި ފަހުގެ ތާރީހެއްގައި ހިނގި އެންމެ ހިތާމަވެރި އެއް ހާދިސާއެވެ.

ވަގުތުކޮޅެއްގެ ތެރޭގައި 10 މީހުން މަރުވިއިރު އެ އަލިފާނުގެ ހާދިސާގެ ހަބަރާއެކު، މީގެ ތިން އަހަރު ކުރިން ހ. އާބާދުގޭގެ ކުރިމަތިން ހުރި ކެމިކަލް ގުދަނުގައި ރޯވެ ހުޅުގަނޑު ފެތުރި އާބާދު ގޭގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާ ގިނަ ބައެއްގެ ހަނދާނަށް އަންނާނެކަން ޔަގީނެވެ. އެހެންނަމަވެސް އެފަދަ ބޮޑު ކޮންމެ އަލިފާނުގެ ހާދިސާއެއްގައި ފަރުވާކުޑަކަމާއި އިހުމާލުތައް ވާކަން ވެސް ގަބޫލުކުރަން ޖެހެއެވެ.

ރޭ އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު އެނގިފައި ނުވާ ކަމަށާއި އެކަންކަން ބެލުމަށް ތަހުގީގު ފަށާފައިވާ ކަމަށް ފުލުހުން ބުނެފައި ވާއިރު ރޭ އަލިފާން ރޯވި ނިރުފެއްސާއި ޖެހިގެން ހުންނަ ސެންރޯސްގައި ވެސް ރޯވި އިރު އެ ދެ އިމާރާތަކީ މަތީގައި ބިދޭސީން ބައިތިއްބާ ލޭބާ ކުއާޓަރު ތަކެކެވެ. އެ ދެ ތަނުގައި ގިނަ އަދަދެއްގެ ބިދޭސީން ދިރިއުޅެމުން އަންނައިރު ބަންގްލަދޭޝްގެ އިތުރުން އިންޑިއާއާއި ސްރީލަންކާގެ ރައްޔިތުން ހިމެނެއެވެ. ލައްކައެއްހާ ބަންގްލަދޭޝްގެ ރައްޔިތުން މިހާރުވެސް ރާއްޖޭގައި ދިރިއުޅެމުން އަންނައިރު އެކިއެކި މަސައްކަތް ކުރުވަން ގެންނަ ބިދޭސީންނާ ހަވާލުވެ ތިބޭ ދިވެހިން އެ މީހުންގެ ޒިންމާ އަދާކުރަނީ ކިހާ މިންވަރަކަށް ހެއްޔެވެ؟

ކުދިކުދި ގޮޅިތަކާއި ހަދަމުންދާ ރައްކާތެރިނޫން އިމާރާތްތަކުގައި އެ މީހުންގެ ހުރުމާއި ކެއްކުމާއި ކެއުމުގެ އިންތިޒާމު ހަމަޖައްސައިގެން ތިބޭއިރު އެ މީހުން އުޅޭ ނޫޅޭއެއް ބަލާލަނީ މަދު ބައެކެވެ. ކުރާ ކަމެއް ބެލުމެއް، ފިޔަވަޅެއް އެޅުމެއް ނެތި "ބޮޑު ވަރިހަމަ" އަށް ދޫކޮށްލަނީއެވެ. ރޭ ގެ ހާދިސާ ހިނގިތަނުގައި ކުދިކުދި ގޮޅި ވަރުގެ 28 ކޮޓަރި ހުރިއިރު އެއިން ކޮންމެ ތަނެއްގެ ނިދާ އެނދު ކައިރީ ކެއްކުމަށް ބޭނުންކުރާ އުނދުނާ ގޭސް ފުޅި ހުރި ކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ. އަދި އެތަނަށް އަރަން ބޭނުން ކުރަނީ ހިމަ ހިމަ ސިޑިއެއް ކަމަށާއި އެއީ ރައްކާތެރިތަނެއް ނޫން ކަމަށްވެސް އެ ސަރަހައްދުގައި ދިރިއުޅެމުން އަންނަ މީހުން ބުނެއެވެ.

ގަރާޖުގައި ރޯވި އަލިފާން، މަތިން ތިރިއަށް ފައިބަން ހުންނަ ދޮރުގައި ހިފާ އެތެރޭގައި ތިބި މީހުން ތާށިވެގެން ދިޔައިރު، އެ ގަރާޖުގައި މީގެ ކުރިން 2 ފަހަރަކު ވަނީ އަލިފާނުގެ ހާދިސާ ހިނގާފައެވެ. މީގެ ކުރިން ހިނގި އަލިފާނުގެ ހާދިސާގައި އެތަނުގެ ބޭރުގައި އޮތް ކާރެއްގައި ރޯވެ، އެނދިއިރު އެ ފަހަރު އިމާރާތައް މާބޮޑު ގެއްލުމެއް ނުވެ ވަނީ ކޮންޓްރޯލް ކުރެވިފައެވެ. އަދި މީގެ 6 މަސްކުރިން، މިދިޔަ މޭ މަހު ވެސް އެ ގަރާޖުގައި އަލިފާނުގެ ހާދިސާއެއް ހިނގާފައި ވާއިރު އެ އަލިފާނުގެ ހާދިސާގައި ގޭސް ކަޓަރެއް ބޭނުން ކުރުމުގައި އިހުމާލުވެފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މ. ސެންރޯސް ގައި އަލިފާން ރޯވެ އަނދާފައި / ފޮޓޯ: ކިޔުންތެރިއެއް

މީގެ ކުރިން ހ. އާބާދުގޭގައި ހިނގި އަލިފާނުގެ ހާދިސާއަކީ ކެމިކަލް ރައްކާކޮށްފައި ހުރި ގުދަނުގައި ރޯވެގެން ހިނގި ހާދިސާއެކެވެ. އެފަދަ ތަންތަނުގެ ސަބަބުން އެތައް އަލިފާނުގެ ހާދިސާއެއް ހިނގަމުން އަންނައިރު ދެން އުފެދޭ ސުވާލަކީ އެތައް އެތައް އަލިފާނުގެ ހާދިސާއެއް ހިނގާ އަދި އިހުމާލުއޮތް ކަން އެނގި، އެ ގަރާޖުގެ މަތީގައި ގިނަ އަދަދެއްގެ ބަޔަކު ދިރިއުޅެމުން އަންނައިރު ކަމާ ބެހޭ މުއައްސަސާތަކުން ފިޔަވަޅެއް ނާޅާ ދޫކޮލީ ކީއްވެ ހެއްޔެވެ؟

އެކަމާ ގުޅިގެން ސިޓީ ކައުންސިލުން ވަނީ އެ ކައުންސިލާ މާލޭގެ ކަންކަން ހަވާލުކުރެވުނު ހިސާބުން ފެށިގެން ގަރާޖު ފަދަ ތަންތަން އިންޑަސްޓްރިއަލް ވިލެޖަށް ބަދަލުކުރުމުގެ މަސައްކަތް ފަށާފައިވީ ނަމަވެސް، ސަރުކާރުން އެކަން ހުއްޓުވައިފައިވާ ކަމަށާއި ކައުންސިލްގެ ބެލުމުގެ ދަށުން ބިންތައް ނަގާފައި ކަމަށް ބުނެފައެވެ.

މީގެ ކުރިން އެ ގަރާޖުގައި ހިނގި އަލިފާނުގެ ހާދިސާތަކާ ގުޅިގެން އެ ސަރަހައްދުގައި ދިރިއުޅެމުން އަންނަ މީހުންނަށް ވަނީ ނަފްސާނީ ގޮތުން އެކިވ ވަރުގެ އަސަރުތައް ކޮށްފައެވެ. އެކަމުގެ ސަބަބުން ބާރު އަޑެއް އަދި ސައިރެންގެ އަޑުއިވުނަސް އަވަސް އަވަހަށް ނިކުމެ ބަލާ ކަމަށް އެ ސަރަހައްދުގައި ދިރިއުޅެމުން އަންނަ މީހުން ބުނެއެވެ. އެ ސަރަހައްދުގައި ދިރިއުޅެމުން އަންނަ މީހަކު "ދަ ޕްރެސް" އަށް ކިޔައިދިން ގޮތުގައި 4 ވަރަކަށް ފަހަރު އަޑު އިވުނީ ގޭސް ފުޅިއެއް ކަހަލަ އެއްޗެއް ގޮވާ އަޑު ކަމަށާއި ރޯވީ އޭގެ ފަހުން ކަމަށެވެ. އޭގެ ފަހުން އަލިފާންގަނޑުގެ ތެރެއިންވެސް އެ އަޑު އިވެމުން ދިޔަ ކަމަށް އޭނާ ބުންޏެވެ. ފުރަތަމަ އިވުނު ބާރު އަޑާއެކު ރޮއެ ހޭރޭ އަޑާއި އާދޭސް ކުރާ އަޑު އިވުނު ކަމަށްވެސް ވަނީ ބުނެފައެވެ.

ގަރާޖުގައި ހިފި އަލިފާންގަނޑު ބޭރަށް ފަޅައިގެން ގޮސް މަތިން ފައިބަން އިންނަ ދޮރުގައި އަލިފާން ހިފާ އެތެރޭގައި ތިބި މީހުންނަށް ނުނިކުމެވި، ސަލާމަތަށް އެދި ރޮއި ހޭރޭ ތަން ފެނުނު ކަމަށް އޭނާ ބުންޏެވެ.

މ. ސެންރޯސް ގައި އަލިފާން ރޯވެ އަނދަނީ / ފޮޓޯ: އެމްއެންޑީއެފް

މި ހާދިސާ ހިނގި ސަރަހައްދަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އެ ފަދަ ހާދިސާތައް މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބަކީ މާލޭގެ ތޮއްޖެހުން ބޮޑުކަމުން ކަމަށާއި އެންމެ ފުރަތަމަ ހައްލެއް ހޯދަން ޖެހެނީ ތޮއްޖެހުމުގެ މައްސަލަ އާއި މީހުންގެ ދިރިއުޅުމުގެ ހާލަތާއި ގުޅޭ ކަންކަމުގައި ކަމަށެވެ. އަދި މާލޭގައި އިމާރަތްކުރާއިރު ބިލްޑިން ކޯޑު މިއަށްވުރެ ހަރުދަނާ ކުރެވިގެންދާން ޖެހޭނެ ކަމަށާއި އެކަމަށް ކުރަންޖެހޭ ކަންކަން ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

ފުލުހުންގެ އެންމެ ފަހުގެ މައުލޫމާތަށް ބަލާއިރު، ރޭ ހިނގި އަލިފާނުގެ ހާދިސާގައި 10 މީހަކު މަރުވެފައިވާއިރު މަރުވި މީހުންގެ ތެރެއިން ބައެއް މީހުންގެ މައުލޫމާތު އަދި ޔަގީން ކުރެވިފައި ނުވޭ ކަމަށާއި އެ ހާދިސާގެ ތަހުގީގު ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ކުރަމުންދާ ކަމަށެވެ.

އެ ގޭގެ ތެރެއިން މަރުވެފައިވާ 9 މީހެއްގެ ހަށިގަނޑު ފެނިފައިވާއިރު އިތުރު މީހަކު މަރުވެފައިވަނީ އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށެވެ. މިހާރުވެސް އައިޖީއެމްއެޗުގައި އިތުރު މީހަކަށް ފަރުވާދެމުން އަންނައިރު އެ މީހާގެ ހާލު ކްރިޓިކަލް ކަމަށް އެމްއެންޑީއެފްއިން ހާމަކުރެއެވެ.

މ. ނިރުފެހި އަދި މ. ސެންޑް ރޯސް ގައި ދިރިއުޅޭ މީހުންގެ މައުލޫމާތާއި އެ ގޭގެއަށް ރޭ ގޮސްފައިވާ ކަމަށް ބެލެވޭ މީހުންގެ މައުލޫމާތު އަދި މާލޭގައި ދިރިއުޅޭ ބިދޭސީންގެ ތެރެއިން ރެއިން ފެށިގެން ހަބަރެއް ނުވާ ބިދޭސީންގެ މައުލޫމާތު ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9911099 ނުވަތަ ދިވެހި ފުލުހުންގެ ހިދުމަތުގެ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅާ ހިއްސާކުރަން ފުލުހުން ވަނީ އެދިފައެވެ.

އެޗްއާރްސީއެމްއިން ބުނީ އެ ހާދިސާ އާ ގުޅިގެން ހިނގާފައިވާ ކަންކަން ބަލަމުންދާ ކަމަށެވެ. އަދި ހާދިސާއާ ގުޅިގެން ސަރުކާރުގެ މުއައްސަސާތަކާއި ޖަމުއިއްޔާ ޖަމާއަތްތަކުން ކުރަމުންދާ މަސައްކަތް ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން އެ ހާދިސާގައި ހާލުގައި ޖެހުނު މީހުންނަށް އެހީތެރިވުމުގެ މަސައްކަތްތައް އެންޑީއެމްއޭއިން އަންނަނީ ކުރަމުންނެވެ.

މިފަދަ ހާދިސާއެއް ދިމާވުމުން ދެ ދުވަހެއް ވަންދެން އެކަމެއްގެ ވާހަކަދެއްކުމަށްފަހު ނިންމާލާ، ހަނދާން ނައްތާލަނީއެވެ. ބަލާލުމެއް ފިޔަވަޅު އެޅުމެއްނެތެވެ. އިހުމާލަކީ ކޮބައިތޯ ވެސް ބަލައެއް ނުލައެވެ.