މި އަަހަރުގެ އޮކްޓޯބަރު މަހުގެ 27ގެ ނިޔަލަށް ކޮށްފައިވާ ހަރަދުތަކަށް ބަލާ އިރު، ދައުލަތު ހިންގަމުންދާ 19 މިނިސްޓްރީގެ ތެރެއިން އެންމެ ބޮޑު ހަރަދެއް ކޮށްފައި ވަނީ އެޑިއުކޭޝަން މިނިސްޓްރީ އަދި ހައުސިން މިނިސްޓްރީ ކަމަށް ފިނޭންސް މިނިސްޓްރީން އާންމު ކުރި މާލީ ރިޕޯޓުން ދައްކައިފިއެވެ.
އެގޮތުން އެޑިއުކޭޝަން މިނިސްޓްރީން މި އަހަރުގެ އޮކްޓޯބަރު މަހުގެ 27 ގެ ނިޔަލަށް 2.8 ބިލިއަން ރުފިޔާ ހަރަަދުކޮށްފައި ވާއިރު، ހައުސިން މިނިސްޓްރީން ވަނީ 4.8 ބިލިއަން ރުފިޔާ ހަރަދު ކޮށްފައެވެ.
މިނިސްޓްރީ އޮފް އެޑިއުކޭޝަނުން މިދިޔަ އަހަރުގެ ޖެނުއަރީން ފެށިގެން އޮކްޓޯބަރު މަހުގެ 27ގެ ނިޔަލަށް ހަރަދުކޮށްފައި ވަނީ 2.2 ބިލިއަން ރުފިޔާއެވެ. ނަމަވެސް މި އަހަރުގެ އެ މުއްދަތުގެ ތެރޭ 2.8 ބިލިއަން ރުފިޔާ އެ މިނިސްޓްރީން ހޭދަކޮށްފައި ވެއެވެ. އެޑިއުކޭޝަން މިނިސްޓްރީއަށް މިއަހަރު ހަރަދު ކުރުމަށް ހުއްދަ ދީފައި ވަނީ 3.1 ބިލިއަން ރުފިޔާއެވެ. އެހެންކަމުން އެ މިނިސްޓްރީން މި އަހަރަށް ހުއްދަ ދީފައިވާ ބަޖެޓުގެ 90 ޕަސެންޓް ވަނީ އޮކްޓޯބަރު މަހުގެ 27 ގެ ނިޔަލަށް ހަރަދު ކޮށްފައެވެ.
މިނިސްޓްރީ އޮފް ހައުސިން އިން މިދިޔަ އަހަރުގެ ޖެނުއަރީން ފެށިގެން އޮކްޓޯބަރު މަހުގެ 27ގެ ނިޔަލަށް ހަރަދުކޮށްފައި ވަނީ 2.3 ބިލިއަން ރުފިޔާއެވެ. ނަމަވެސް މި އަހަރުގެ އެ މުއްދަތުގެ ތެރޭ 4.8 ބިލިއަން ރުފިޔާ އެ މިނިސްޓްރީ ހަރަދުކޮށްފައި ވެއެވެ. ހައުސިން މިނިސްޓްރީއަށް މިއަހަރު ހަރަދު ކުރުމަށް ހުއްދަ ދީފައި ވަނީ 3.99 ބިލިއަން ރުފިޔާއެވެ. އެހެންކަމުން އެ މިނިސްޓްރީން މި އަހަރަށް ހުއްދަ ދީފައިވާ ބަޖެޓުގެ އިތުރަށް 20 ޕަސެންޓް ވަނީ އޮކްޓޯބަރު މަހުގެ 27ގެ ނިޔަލަށް ހަރަދު ކޮށްފައެވެ.
މި މިނިސްޓްރީތަކުގެ އިތުރުން ދެން އެންމެ ގިނައިން މިއަހަރުގެ އޮކްޓޯބަރުގެ 27 އާ ހަމައަށް ހަރަދުކޮށްފައިވާ މިނިސްޓްރީތަކަކީ، މިނިސްޓްރީ އޮފް ހެލްތެވެ. މިނިސްޓްރީ އޮފް ހެލްތުން މިދިޔަ އަހަރުގެ ޖެނުއަރީން ފެށިގެން އޮކްޓޯބަރު މަހުގެ 27ގެ ނިޔަލަށް ހަރަދުކޮށްފައި ވަނީ 1.6 ބިލިއަން ރުފިޔާއެވެ. ނަމަވެސް މި އަހަރުގެ އެ މުއްދަތުގެ ތެރޭ 1.2 ބިލިއަން ރުފިޔާ އެ މިނިސްޓްރީ ހަރަދުކޮށްފައި ވެއެވެ. ހައުސިން މިނިސްޓްރީއަށް މިއަހަރު ހަރަދު ކުރުމަށް ހުއްދަ ދީފައި ވަނީ 2.33 ބިލިއަން ރުފިޔާއެވެ.