ގަރާޖުތަކާއި ވޯކްޝޮޕްތައް މީހުން ނޫޅޭ ތަންތަނަށް ބަދަލު ކުރުމަކީ މިހާރުވެސް ހައްލު ގެނައުން ލަސްވެފައިވާ މައްސަަލަތަކެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އިސްކަންދަރު މަގުގައި ހުންނަ މ. ނިރުފެހި ގޭގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އެ ސަރަހައްދަށް ވަޑައިގެން ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އެ ހާދިސާއަކީ ފަހުގެ ތާރީހެއްގައި މާލޭގައި ހިނގާދިޔަ އެންމެ ނުރައްކާތެރި އަދި އެންމެ ބޮޑު އެއް ހާދިސާ ކަމަށާއި އެ ހާދިސާގައި އެތައް ބައެއްގެ ފުރާނަ ގޮސްފައިވާއިރު އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ޓީމުތަކުން ވެސް ކެނޑިނޭޅި ބުރަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.
އެ ފަދަ ހާދިސާތައް މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބަކީ މާލޭގެ ތޮއްޖެހުން ބޮޑުކަމުން ކަމަށާއި އެންމެ ފުރަތަމަ ހައްލެއް ހޯދަން ޖެހެނީ ތޮއްޖެހުމުގެ މައްސަލަ އާއި މީހުންގެ ދިރިއުޅުމުގެ ހާލަތާއި ގުޅޭ ކަންކަމުގައި ކަން ރައީސް ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ މާލޭގައި އިމާރަތްކުރާއިރު ބިލްޑިން ކޯޑު މިއަށްވުރެ ހަރުދަނާ ކުރެވިގެންދާން ޖެހޭނެ ކަމަށާއި އެކަމަށް ކުރަންޖެހޭ ކަންކަން ސަރުކާރުން ކުރަމުންދާ ކަމަށެވެ.
ރައީސް ވަނީ އެ ހާދިސާ ހިނގައި ދިޔަގޮތް މިހާރު ދަނީ ބަލަމުން ކަމަށާއި ނިޔާވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ދަންނަވާފައެވެ.