މާލޭގައި ހިންގާ ގަރާޖުތަކާއި ވޯކްޝޮޕް ފަދަ ތަންތަން އިންޑަސްޓްރިއަލް ޒޯނަށް ރީލޮކޭޓް ކުރުމަށް މަސައްކަތް ކުރަމުން ދަނިކޮށް، ޕްލޭނިން މިނިސްޓްރީން ވަނީ އެކަން ހުއްޓުވާފައި ކަމަށް، ސިޓީ ކައުންސިލުން މިއަދު ބުނެފިއެވެ.
ރޭ ދަންވަރު 12:30 ހާއިރު މ. ނިރުފެހިގޭގައި ރޯވެ ހިނގައިދިޔަ ނުރައްކާތެރި އަލިފާނުގެ ހާދިސާގެ ސަބަބުން 10 މީހަކު ވަނީ މަރުވެފައެވެ. އަލިފާން އެއްކޮށް ކޮންޓްރޯލްކޮށް ނިއްވާލެވުނީ ފަތިސްވީ ފަހުންނެވެ.
ސިޓީ ކައުންސިލްގެ މީޑިއާ ގްރޫޕްގައި "ދަ ޕްރެސް" އިން ކުރި ސުވާލަށް ޖަވާބު ދެއްވަމުން، ކައުންސިލްގެ ސްޕޯކްސްޕާސަން މަރިޔަމް ޝިއުނާ ވިދާޅުވީ، މާލޭގައި ހިންގާ ގަރާޖުތައް މި ދައުރުގެ ކައުންސިލުންނާއި، ނިމިދިޔަ ދައުރުގެ ކައުންސިލުން ވެސް މޮނިޓާ ކޮށް، އެ ތަންތަނާ ބެހޭ މައުލޫމާތުތައް އެއްކޮށްފައިވާ ކަމަށެވެ.
ޝިއުނާ ވިދާޅުވި ގޮތުގައި، އެ ތަންތަނާ ބެހޭ މައުލޫމާތު ކައުންސިލުން އެއްކުރުމަށް ފަހު، ކައުންސިލްގެ ކަންބޮޑުވުންތައް ސަރުކާރާ ހިއްސާކޮށްފައިވާނެއެވެ. އަދި މި ކައުންސިލާ މާލޭގެ ކަންކަން ހަވާލުކުރެވުނު ހިސާބުން ފެށިގެން ގަރާޖު ފަދަ ތަންތަން އިންޑަސްޓްރިއަލް ވިލެޖަށް ބަދަލުކުރުމުގެ މަސައްކަތް ފަށާފައިވީ ނަމަވެސް، ސަރުކާރުން ވަނީ އެކަން ހުއްޓުވައި، ކައުންސިލްގެ ބެލުމުގެ ދަށުން ބިންތައް ނަގާފައި ކަމަށް އޭނާ ވިދާޅުވިއެވެ.
"ސަރުކާރުގެ ބްރިޖްގެ މަޝްރޫއަށް ކަމަށް ބުނެ މުޅި އިންޑަސްޓްރިއަލް ވިލެޖު ވެސް ވަނީ ކައުންސިލްގެ ބެލުމުގެ ދަށުން ނެގުމަށްފަހު ޕްލޭނިން މިނިސްޓްރީ އަށް ދީފަ. އޭގެ އިތުރުން [ފަޅުމަތީ މަގުގަ ހުސްކޮށް ހުރި ބިންތަކުގެ] ސަރަހައްދުގައި މާލެ ސިޓީގަ މިގޮތަށް ހުރި ގަރާޖު އަދި ވޯކްޝޮޕްތައް ބަދަލުކުރުމަށް މަސައްކަތް ފެށުމުން ޕްލޭނިން މިނިސްޓްރީން ވަނީ މިކަން ހުއްޓުވާފަ." ޝިއުނާ ވިދާޅުވިއެވެ.
މާލޭގައި 276 ގަރާޖު ފަދަ ތަންތަން، 100 އަށް ވުރެ ގިނަ ގަރާޖު މާފަންނުގައި
ސިޓީ ކައުންސިލުން ކުރި ސާވޭގެ ހުލާސާ ރިޕޯޓެއް މީޑިއާ ގްރޫޕްގައި އާންމުކޮށްފައިވާއިރު، އެ ރިޕޯޓުން ދައްކާ ގޮތުގައި މާލޭގައި ޖުމްލަ 276 ގަރާޖަކާއި ވޯކްޝޮޕަކާއި ގުދަނެއް ހިންގައެވެ. އެ ރިޕޯޓުގައިވާ ގޮތުން، މާފަންނުގައި އެފަދަ 132 ތަނެއް ހިންގައެވެ. ހެންވޭރުގައި 52 ތަނެއް، ގަލޮޅުގައި 53 ތަނެއް، އަދި މައްޗަންގޯޅީގައި 39 ތަނެއް ހިންގައެވެ.
އެ ސާވޭ ރިޕޯޓުގައިވާ ގޮތުން، މާލޭގައި ގަރާޖުގެ ގޮތުގައި 107 ތަނެއް ހިންގައެވެ. އަދި ވޯކްޝޮޕްތަކުގެ ގޮތުގައި 70 ތަނެއް ހިންގާއިރު، ގުދަނުގެ ގޮތުގައި 80 ތަނެއް، އަދި ވަޑާންގޭގެ ގޮތުގައި 19 ތަނެއް އެބަ ހިންގައެވެ.
ރޭ ހިނގި ހާދިސާ އަކީ އެ ގަރާޖުގައި ހިނގި ތިންވަނަ ހާދިސާއެވެ. އަދި މިއީ މާލޭގައި މިހާތަނަށް ހިނގި އަލިފާނުގެ އެންމެ ބޮޑު އެއް ހާދިސާއެވެ. ރޭ ހިނގި ހާދިސާގައި 10 މީހުން މަރުވިއިރު، 50 އަށް ވުރެ ގިނަ މީހުންނަށް ދަނީ ވަގުތީ ހިޔާވަހިކަން ދެމުންނެވެ.