މިއީ އެ ގަރާޖުގައި ހިނގި 3 ވަނަ އަލިފާނުގެ ހާދިސާ ކަމަށާއި ރޭގެ ހާދިސާގައި މަރުވި މީހުންގެ ޖިންސު ވަކިކުރަން ވެސް އުނދަގޫ ކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.

މި ހާދިސާއާ ގުޅޭގޮތުން ނޫސްވެރިންނާ ބައްދަލުކުރައްވައި އެމްއެންޑީއެފްގެ ކާނަލް އިބްރާހިމް ރަޝީދު ވިދާޅުވީ އެ ގަރާޖުގައި އެކި ބާވަތްބާވަތުގެ ގޭސް ހުރި ކަމަށާއި އެހެންނަމަވެސް ހާދިސާ ހިނގި ސީދާ ސަބަބު އަދި އެނގިފައި ނުވާ ކަމަށެވެ.

އެ ހާދިސާގައި 10 މީހަކު މަރުވެފައި އޮއްވާ މިހާތަނަށް ފެނުނުއިރު ރޭ މެންދަމު 1:30 ހާ އިރު އައިޖީއެމްއެޗަށް ގެންދިޔަ ބަންލަދޭޝް މީހާގެ ހާލު ކްރިޓިކަލް ކަމަށް ރަޝީދު ވިދާޅުވިއެވެ.

މަރުވި މީހުންގެ ތެރެއިން ދެ މީހެއްގެ ހަށިގަނޑު އަދިވެސް ނުބޭލޭ ކަމަށާއި މިހާރުވެސް އެ މަސައްކަތް ކުރަމުންދާ ކަމަށް ރަޝީދު ވިދާޅުވިއެވެ.

ރޯވި ނިރުފެއްސާއި ޖެހިގެން ހުންނަ ސެންރޯސްގައި ވެސް ރޯވި އިރު އެ ދެ އިމާރާތަކީ މަތީގައި ބިދޭސީން ބައިތިއްބާ ލޭބާ ކުއާޓަރު ތަކެކެވެ. އެތަނުގައި ބިދޭސީންގެ ތެރޭގައި އިންޑިއާއާއި ސްރީލަންކާގެ އިތުރުން ބަންގްލަދޭޝްގެ ރައްޔިތުންވެސް ތިއްބެވެ.

ރަޝީދު ވިދާޅުވީ މީގެ ކުރިން އެތަނުގައި އަލިފާނުގެ 2 ހާދިސާއެއް ހިނގާފައިވާ ކަމަށާއި އެންމެ ފަހު ހާދިސާ ހިނގާފައިވަނީ މި މަހުގެ މޭ މަހުގެ ތެރޭގައި ކަމަށެވެ. އެ ފަހަރު އަލިފާން ރޯވެފައިވަނީ ގޭސް ކަޓާ ބޭނުން ކުރުމުގައި އިހުމާލުވެގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ބިދޭސީއިން ދިރިއުޅުނު ތަނުގައި ކޮންމެ އެނދެއް ކައިރި ކަހަލަ ގޮތަކަށް ގޭސް އުނދުން ހުންނަ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށްވެސް ރަޝީދު ވިދާޅުވިއެވެ.