"ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް" ގެ ދަށުން މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅުވާ އަޅަން ނިންމާފައިވާ ބްރިޖު މަޝްރޫއުގެ ދަށުން އަޅާ ފުރަތަމަ ބްރިޖުގެ ކަނޑަށް ޖަހާ ފުރަތަމަ ތަނބު ޖަހަން ފަށައިފިއެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ، ތިލަމާލެ ބްރިޖް މަޝްރޫއުގެ ދަށުން ކަނޑުގައި ޖެހުމަށް ހަމަޖެހިފައިވާ ޓެސްޓް ޕައިލް ތަކުގެ ތެރެއިން ޓެސްޓް ޕައިލް TP01 ގެ ކޮންކްރީޓް މަސައްކަތް ވަނީ ފެށިފައި ކަމަށެވެ. މި މަސައްކަތަށް ދެ "ފްލޯޓިންގް ބެޗިންގް ޕްލާންޓް" ދަނީ ބޭނުން ކުރަމުން ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.

ތިލަމާލެ ބްރިޖްގެ މަސައްކަތުގެ ތެރެއިން

އެފްކޯންސް ކުންފުނިން ބުނެފައި ވަނީ އެ ބްރިޖްގެ މަސައްކަތް ކުރިއަށް ދާނީ ތިން ފިޔަވައްސަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން މާލެއިން ވިިމާލެއަށް ދަތުރުކުރަން އަޅާ ބްރިޖްގެ މަސައްކަތް އަންނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ނުވަތަ އޮގަސްޓް މަހުގެ 15 އާ ދެމެދުގެ މުއްދަތެއްގެ ތެރޭގައި ނިންމާ ޓްރެފިކަށް ހުޅުވާލަން ހަމަޖެހިފައި ވާއިރު، މުޅި ބްރިޖްގެ މަސައްކަތް ނިންމާލެވޭނީ 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހު ކަމަށް އެ ކުންފުނިން ބުނެފައި ވެއެވެ.

6.695 ކިލޯ މީޓަރުގެ ބްރިޖާއި ކޯޒްވޭގެ މައްޗަށް އެކުލެވޭ އެ މަޝްރޫއު ވެގެން ދާނީ ރާއްޖޭގައި ހިންގާ އުމްރާނީ ތަރައްގީގެ އެންމެ ބޮޑު މަޝްރޫއެވެ. އެގޮތުން މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅު ގުޅާލުމަށް ޖުމްލަ 3 ބްރިޖް މި މަޝްރޫއުގެ ތެރެއިން ހަދާނެއެވެ..

ތިލަމާލެ ބްރިޖަކީ ފުން ހިސާބުތަކުގައި 141 ކިލޯމީޓަރުގެ މެރިން ވިއަޑަކްޓް އާއި ތިލަ ހިސާބުތަކުގަ އާއި އެއްގަމުގައި 2.32 ކިލޯމީޓަރުގެ މެރިން ވިއަޑަކްޓް، އަދި 2.96 ކިލޯމީޓަރުގެ އެޓް-ގްރޭޑް މަގުތަކެއް ހިމެނޭހެން ހަތަރު ރަށުގެ މެދުގައި ހަދާ ބުރިޖެޖެވެ. ބްރިޖްގެ އުމުރަކީ 120 އަހަރު ކަމަށް އެފްކޯންސް ކުންފުނިން ވަނީ ބުނެފައެވެ.

އެފްކޯންސް އިން ބްރިޖްގެ ތަނބު ފެށި އިރު، ވިލިމާލެ ފަރަށް އުރުނު ޕްލެޓްފޯމް އިން ލިބުނު ގެއްލުމަށް 3 މަސް ވެގެން ދިޔަ އިރު އަދި އެ މައްސަލަ ނިމޭ ގޮތެއް އެފްކޯންސް އަކުންވެސް އަދި ސަރުކާރަކުންވެސް ހާމައެއް ނުކުރެއެވެ.